ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމަށް އެމްއައިޓީއާއި އެމްޑަބްލިއުއެސްސީ އާ ދެމެދު އެއްބަސްވުމެއް

އެމްޑްބްލިއުއެސްސީ އާއި އެމްއައިޓީއާ ދެމެދު ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެމްޑަބްލިއުއެސްސީ

ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމަށް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އާއި މާލެ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މި އެމްއޯޔޫގައި ސޮއިކޮށްފައި ވަނީ މިއަދު އެމްޑަބްލިއުއެސްސީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ. އަދި އެމްއަޓީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ އޮފް ޕްރޮގްރާމް އާދަމް ހަލީމެވެ. މި ރަސްމިއްޔާތުގައި އެމްއައިޓީއާއި އެމްޑަބްލިއުއެސްސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ވަނީ އެމްއައިޓީން ކުރިއަށްގެންދިޔަ ޝޯޓް ކޯސް އޮން ވެލްޑިން ޓެކްނިކްސް އަދި ސެޓިފިކެޓް ތިނެއް އިން ލޭންޑް ސާވޭއިން ކޯސް ފުރިހަމަ ކޮށްފައިވާ އެމްޑަބްލިއުއެސްސީގެ މުވައްޒަފުންނަށް ސެޓިފިކެޓް ހަވާލުކޮށްފައެވެ.

މި ސެޓިފިކެޓް ހަވާލުކޮށްދެއްވީ އެމްއައިޓީގެ ޑިރެކްޓާ އޮފް ޕްރޮގްރާމް އާދަމް ހަލީމާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ.

ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ގެންދަން ހަމަޖެހިފައިވާ މި އެމްއޯޔޫގެ ދަށުން، އެމްޑަބްލިއުއެސްސީގެ މުވައްޒަފުން އެކި ދާއިރާތަކުން ބިނާކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މުވައްޒަފުން ބިނާކުރަން ބޭނުންވާ ތަފަތު ފަންނުގެ ކުރު ކޯސްތައް އެމްއައިޓީއިން ހިންގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަދި އެމްޑަބްލިއުއެސްސީން ބޭނުންވާ ދާއިރާތަކުން ޕްރޮގްރާމްތައް ހިންގުމަށްޓަކާ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ފެންވަރުގެ ސިލަބަސް އަދި ކޯސް ޑޮކިއުމަންޓް ތައްޔާރުކުރުމަށް އެމްއައިޓީގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން މި އެމްއޯޔޫގެ ދަށުން، އެމްއައިޓީން ތައްޔާރުކުރާ ޓެކްނިކަލް ޕްރޮގްރާމްތަކަށް ބޭނުންވާ ފަންނީ ލަފަޔާއި އެހީތެރިކަން އެމްޑަބްލިއުއެސްސީން ފޯރުކޮށްދިނުމާއި، އެމްއައިޓީގައި ކިޔަވާ ދަރިވަރުންނަށް އެމްޑަބްލިއުއެސްސީ މެދުވެރިކޮށް އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.

comment ކޮމެންޓް