ފެނާއި ނަރުދަމާއާ ގުޅޭގޮތުން ކޯސްތައް ހިންގަނީ

ފެނާއި ނަރުދަމާއާ ގުޅޭގޮތުން ކޯސްތައް ފަރުމާކުރުމާ ގުޅޭގޮތުން އެކުލަވާލީ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

ފެނާއި ނަރުދަމާގެ ދާއިރާއިން ކޯސްތައް ހިންގަން ނިންމައިފި އެވެ.

އެ ކޯސްތައް ފަރުމާކުރުމުގެ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީއާއި މޯލްޑިވްސް އިންސްޓިޓިޔުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އާއެކު އެކަމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިވެސްކޮށްފަ އެވެ.

އެ އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ. އަދި އެމްއައިޓީގެ ފަރާތުން ސޮއިކުރެއްވީ އެ އިންސްޓްޓިއިޓްގެ ޑިރެކްޓާ އޮފް ޕްރޮގްރާމް އާދަމް ހަލީމް އެވެ.

އެ އެއްބަސްވުމުގެ ދަށުން ފެނާއި ނަރުދަމާގެ ދާއިރާއިން ލެވަލް ތިނެއް އަދި ހަތަރެއްގެ ސެޓްފިކެޓް ލެވަލް ކޯސް ހިންގުމަށް ވަނީ ނިންމައިފައެވެ.

އެ ކޯސްތަކުގެ ތެރޭގައި ޕްލަމިންގ، ސްވަރޭޖް ސިސްޓަމް އޮޕަރޭޝަންސް އެންޑް މެއިންޓެނެންސް، ވޯޓާ ސިސްޓަމް އޮޕަރޭޝަންސް އެންޑް މެއިންޓެނެންސް އަދި ފެން ޓެސްޓްކުރާ ލެބޯޓްރީ ޓެކްނީޝަންސް ހިމެނެ އެވެ.

އެ ކޯސްތަކުގެ ސްޓޭންޑަޑާއި އަދި ކޯސް މެޓީރިއަލްތައް ތައްޔާރުކުރާނީ އެންވަޔަރަމަންޓް މިނިސްޓްރީއާއި ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ (ޓިވެޓް) ގުޅިގެންނެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މިއީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ މިންގަނޑުތަކާއި އެއްގޮތަށް ފަރުމާކުރެވޭ ކޯސްތަކެއްކަމަށެވެ. އަދި މިއީ އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހުނަރާއި ފަންނީ ގާބިލުކަން އިތުރުކުރުމަށް ލިބޭ ފުރުސަތަކަށް ވެގެންދާނެކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އެ އެއްބަސްވުމުގެ ދަށުން އެ ކޯސްތައް އެކުލަވާލުމަށްފަހު، ފެނާއި ނަރުދަމާގެ ޔޫޓިލިޓީ ޚިދުމަތްދޭ ރަށްތަކަށް ފެނާއި ނަރުދަމާގެ ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވޭނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް