ގދ. މާވާރުލުގައި އަޅާފައިވާ އެއާޕޯޓަށް ދަތުރުތައް ފެށުން އަނެއްކާ ވެސް ފަސްކޮށްފި އެވެ.
މި މަހުގެ 10 ވަނަ ދުވަހު މަސައްކަތް ނިންމާލި މާވަރުލު އެއާޕޯޓުގެ ދަތުރުތައް ފަށަން އެންމެ ފުރަތަމަ ހަމަޖެހިފައި އޮތީ މި މަހުގެ 20 ވަނަ ދުވަހުގަ އެވެ. އެކަމަކު ކޮވިޑް-19 ވައިރަސްއާ ގުޅިގެން ދަތުރުތައް ފެށުން މި މަހުގެ 30 ވަނަ ދުވަހަށް ފަސްކުރި އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީ އިން މިއަދު ބުނީ އަނެއްކާ ވެސް އެ އެއާޕޯޓަށް ދަތުރުތައް ފެށުން މަޑުޖައްސާލަން ނިންމާފައިވާ ކަމަށެވެ. މިނިސްޓްރީ އިން ބުނީ އެ ގޮތަށް ނިންމީ ކޮވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން ކޮންމެހެން ކުރަން ޖެހޭ ދަތުރުފަތުރެއް ނޫން ދަތުރެއް ނުކުރުމަކީ ސަރުކާރުން އިލްތިމާސްކޮށްފައިވާ ކަމަކަށްވާތީ އާއި މިވަގުތު އައިލެންޑް އޭވިއޭޝަންގެ ދަތުރުތައް ވެސް ވަރަށް ބޮޑުތަން މަދުކޮށްފައިވާތީ ކަމަށެވެ.
ރާާއްޖޭގެ ހާލަތަށް އަންނަ ހެޔޮ ބަދަލުތަކަށް ބަލައި މާވަރުލު އެއާޕޯޓަަށް ދަތުރުތައް ފެށުމަށް ކަނޑައަޅާ ތާރީހެއް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި އިއުލާނު ކުރާނެ ކަމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ.
މާވާރުލުގައި އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރުގެ ޖޫން މަހު އެވެ. އެ އެއާޕޯޓްގެ ރަންވޭ އާއި ޓެކްސީވޭ އަދި ފަސިންޖާ ޖެޓީގެ މަސައްކަތް ކުރީ އެމްޓީސީސީ އިންނެވެ. ޖުމްލަ 1.2 ކިލޯ މީޓަރުގެ ރަންވޭ އަކާއެކު ތަރައްގީ ކުރި އެ އެއާޕޯޓަށް މި މަހުގެ 11 ވަނަ ދުވަހު ވަނީ ޓެސްޓު ފްލައިޓު ޖައްސައިފަ އެވެ.
ގދ. މާވަރުލުުގައި އެއާޕޯޓެއް ތަރައްގީކޮށްފަައިވާ އިރު އެ އަތޮޅު ފަރެސްމާތޮޑާގައި ވެސް އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ. ސަރުކާރުގެ އަމާޒަކީ މީހުން ދިރިއުޅޭ ރަށަކުން ފުރައިގެން ސްޕީޑް ލޯންޗުގައި އެންމެ ގިނަވެގެން 30 މިނެޓުން ދެވޭ ހިސާބުގައި އެއާޕޯޓެއް ބެއްޓުމެވެ.