ކޮރޯނާވައިރަސް، ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އައްޑޫ ސިޓީގައި ސިއްހީ ހިދުމަތްދޭ ކްލިނިކްތަކާއި ބޭސްފިހާރަތައް ފިޔަވައި އާންމު ހިދުމަތް ދޭ ތަންތަނުން ރޭގަނޑު ހިދުމަތް ނުދިނުމަށް ސިޓީ ކައުންސިލުން ނިންމީ، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރާ މަޝްވަރާ ކުރައްވާފައި ކަމަށް އެ ސިޓީގެ މޭޔަރު، އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ނެރުނު އިއުލާނުގައި ބުނީ، މިއަދު އިރުއޮއްސި 6:00 ގެ ފަހުން އެތަންތަނުގެ ހިދުމަތް ދޭންވާނީ ކޮންމެ ދުވަހަކު ހެނދުނު 6:00 އިން އިރުއޮއްސި 6:00 އަށް ކަމަށެވެ. މިއާއެކު އިރުއޮއްސި 6:00 ގެ ފަހުން އެތަންތަން ބަންދުކުރަން ޖެހޭނެ އެވެ. އަދި ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނުން ޑެލިވަރީގެ ހިދުމަތް ފޯރޮކޮށްދޭން ބޭނުންވާނަމަ، އަވަށު އޮފީހުން ހުއްދަ ހޯދުމަށްފަހު، ހަވީރު 6:00 އިން ރޭގަނޑު 10:00 އަށް ޑެލިވަރީގެ ހިދުމަތް ފޯރޮކޮށްދެވޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
އެކަމާ ގުޅިގެން ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، ސިޓީ ކައުންސިލްގެ އެ ނިންމުމަކީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާ މަޝްވަރާކޮށް ނިންމާފައިވާ ނިންމުމެއް ނޫން ކަމަށެވެ.
އެކަމާ ގުޅިގެން ސޯބެ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި އައްޑޫ ސިޓީ ކައުންސިލުން ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ. އަދި ސިޓީ ކައުންސިލްގެ އެ ނިންމުމަކީ، މައިމޫނާގެ މަޝްވަރާގެ މަތިން އައްޑޫ ކޮވިޑް19 ޓާސްކްފޯސް އިން ނިންމައިގެން ނިންމި ނިންމުމެއް ކަމަށް ސޯބެ ވިދާޅުވިއެވެ.
ބައެއް ރައްތަކަށް މީހުން އަރާ ފޭބުން އެރަށްތަކުގެ ކައުންސިލުން މަނާ ކުރުމާ ގުޅިގެން ލޯކަލް ގަވަމަންޓު އޮތޯރިޓީ (އެލްޖީއޭ) އިން މިމަހު 15 ވަނަ ދުވަހު ނެރުނު ނޫސްބަޔާނުގައި ބުނީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އެފަދަ ފިޔަވަޅުތައް އެޅުމަކީ އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ބާރެއް ކަމަށެވެ.
އެހެން ކަމުން އެފަދަ އެއްވެސް ނިންމުމެއް ކައުންސިލްތަކުން އަމިއްލައަށް ނުނިންމުމަށް އެލްޖީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.