ކޮވިޑް-19 އާ ދެކޮޅަށް ބޮޑެތި ބާރުތައް ގުޅިގެން އަވަސް ފިޔަވަޅު އަޅަންޖެހޭ: ދުންޔާ

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން--- ސަން ފޮޓޯ

މިހެންވީ ގައުމުތަކުން ފިޔަވަޅު ނޭޅުމުން، ދެން އޮތީ އެކުގައި މަަސައްކަތް ކުރުން: ދުންޔާ

ދުނިޔޭގެ އެންމެ ކުރިއަރާފައިިވާ ގައުމުތަކަށް ވެސް މިހާރު ކޮވިޑް19 ކޮންޓްރޯލް ނުކުރެވި، ދުނިޔެ މި ހާލަތަށް ވެއްޓިފައި ވަނީ އެ ގައުމުތަކުން ދުރާލާ ފިޔަވަޅުތައް އަޅާފައި ނުވުމުން ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުުމޫން ވިދާޅުވެއްޖެއެވެ.

ދުންޔާ މިއަދު ވިދާޅުވީ ކޮންމެ ދުވަހަކު ބައްޔަށް ޕޮޒިޓިވްވާ މީހުން އަދަދު އިތުރުވަމުން އަންނަނީ، ވައިރަހުގެ ނުރައްކާތެރިކަން ގިނަ ގައުމުތަކަށް ނުވިސްނި، ފިޔަވަޅުތައް އެޅުމުގައި ފަރުވާކުޑަ ކޮށްލެވުމުގެ ސަބަބުން ކަަމަށެވެ.

"ހަގީގަތުގައި ބޮޑެތި ގައުމުތަކުން އަޅާނުލީމަ މިހެން މިވީ. މާބޮޑު ކަމަކަށް ނުހަދާ ފަރުވާކުޑަކޮށްލެވުނީ،" ދުންޔާ ވިދާޅުވިއެވެ.

އެންމެ ފުރަތަމަ ބަލި ފެތުރެން ފެށި ޗައިނާއިން، ބައެއް މައުލޫމާތު ސިއްރު ކުރެވޭ ތުހުމަތަށް އިޝާރާތް ކުރައްވައި ދުންޔާ ވިދާޅުވީ، އެއީ ތެދެއް ކަމަށްވާނަމަ އެކަމާ ހިތާމަ ކުރައްވާ ކަަމަށާއި، އެހެން ނަމަވެސް ޗައިނާއިން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ވަރަށް އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިިވާ ކަމީ ހަގީގަތް ކަމަށެވެ.

އަދި މިއީ އެއް ގައުމުން އަނެއް ގައުމަށް އިނގިލިދިއްކޮށް، ކުށްވެރި ކުރަންވީ ވަގުތު ނޫން ކަމަށާއި މިހާރު ދެން ކުރަންވީ ކަމަކީ ބައްޔަށް ފަރުވާއެއް ހޯދަން ހުރިހާ ގައުމުތައް އެކުގައި މަސައްކަތް ކުރުން ކަމަށެވެ.

ދުންޔާ ވަނީ ރާއްޖޭގައި ބަލި އިތުރަށް ފެތުރުނަަ ނުދިނުމަށް ދިވެހި ސަރުކާރުން ވަރަށް ހަރުދަނާ ރަނގަޅު ފިޔަވަޅުތަކެއް އަޅާފައިވާކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތައުރީފު ކުރައްވައިފައެވެ.

ދުންޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް19 ގެ ސަބަބުން ތަރައްގީވެފައިވާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ވެރިންގެ ކިބައިގައި މިފަދަ އުނދަގޫ ދަނޑިވަޅުތަކުގައި ފިޔަވަޅު އެޅުމުގެ ގާބިލުކަން ހުރި މިންވަރާއި، ނެތް މިންވަރު ވަރަށް ރަނގަޅަށް ހާމަވެފައިވާ ކަމަށެވެ.

"އާންމު ސިއްހަތާއި ގައުުމުގެ އިގްތިސޯދު ބެލެންސް ކުރަން ބޭނުންވަނީ ވަރަށް ހަރުދަނާ ވެރިން،" ދުންޔާ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަތައް އިޝާރާތްކުރައްވަމުން ދުންޔާ ވިދާޅުވީ ރައީސްގެ ވާހަކަފުޅުން އުންމީދު އާވެއްޖެ ކަަމަށެވެ.

"އަޅުގަނޑު ވަރަށް އުފާކުރަން، ވަރަށް އުންމީދީ ވާހަކަތަކެއް ގެނެސްދެއްވީ. ސަރުުކާރުގެ ފިޔަވަޅުތައް ވަރަށް ހަރުދަނާ،" ދުންޔާ ވިދާޅުވިއެވެ.

ސަރުކާރުގެ ފިޔަވަޅުތައް ހަރުދަނާ ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި ދިމާވެދާނެ ދަތިތަކަށް ދުރާލާ ތައްޔާރުވާން ޖެހޭކަން ދުންޔާ ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަމަށް ލޮޅުންއަރައި އިގްތިސޯދު ދަށްވުމުގެ އިތުރުން ކާބޯތަކެތި ގެނައުމުގައި ދިމާވާނެ ދަތިތަކަށް ހައްލު ހޯދަން އެންމެ ގައުމަކަށް ބަރޯސާވެގެން ނުތިބެވޭނެ ކަމަށް ދުންޔާ ވިދާޅުވިއެވެ.

ކޮރޯނާވައިރަސްއާ ގުޅިގެން އިންޑިއާ ލޮކްޑައުން ކުރި ނަމަވެސް އެގައުމުން ރާއްޖެއަށް އެތެރެކުރާ ކާޑުގެ ބާވަތްތައް އެއްވެސް ދައްޗެއް ނެތި ރާއްޖެއަށް އެތެރެކުރެވޭނެކަމަށް އެ ގައުމުން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް އިންޑިއާގައި ވެސް މިހާރު ހަލުއިކަމާއެކު ވައިރަސް ފެތުރެމުން އަންނާތީ، އެ ގައުމަށް ވެސް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމަށް ދުންޔާ ވިދާޅުވިއެވެ. އެހާ ހިސާބުން އިންޑިއާ އިން ފުރަތަމަ ބަލާނީ އަމިއްލަ ގައުމާ ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށް ކަމަށާއި، އެހެން ގައުމަކަށް އެހީތެރިވެވޭނީ އެއަށްފަހުގައި ކަމަަށެވެ.

"އެހެންވީމަ އެއްވެސް ބަޔަކަށް މާބޮޑަށް ބަރޯސާ ވެގެން ނުތިބެވޭނެ. މި ދަނޑިވަޅުގައި އެހީތެރިކަމެއް ދޭނެ ހުރިހާ އެކުވެރި ގައުމަކުން އެހީތެރިކަން ހޯދަން ހުރިހާ ގައުމަކާ އެކުވެސް ގުޅުން ބަދަހިކުރުން މުހިންމު،" ދުންޔާ ވިދާޅުވިއެވެ.

އެގޮތުން ޗައިނާ އާއި، އެންމެ ކައިރީގައި އޮތް ލަންކާއާ ވެސް ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ދުންޔާ ފާހަގަކުރެއްވިއެވެ. ދުންޔާ ވިދާޅުވީ ލަންކާއިން ވެސް ވައިރަހާ ދެކޮޅަށް ކާމިޔާބު ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށާއި އަދި އެ ގައުމަކީ އަމިއްލަ އުފެއްދުންތެރިކަން ވެސް އޮތް ގައުމެއް ކަމަށެވެ.

comment ކޮމެންޓް