ކްރައިސްޓްޗާޗްގެ މިސްކިތްތަކަށް ހަމަލާ ދިން މީހާ ދައުވާއަށް އިއުތިރާފް ވެއްޖެ

ނިއު ޒީލޭންޑުގެ ދެ މިސްކިތަށް ބަޑިން ހަމަލާ ދިން މީހާގެ މައްޗަށް ވަނީ ދައުވާތައް ސާބިތުވެފަ -- ފޮޓޯ: އަންދަލޫ

ކްރައިސްޓްޗާޗް (މާޗް 26): ނިއު ޒީލޭންޑުގެ ދެ މިސްކިތަކަށް މިދިޔަ އަހަރު ބަޑިން ހަމަލާ ދިން މީހާގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ދައުވާތައް ސާބިތުވެއްޖެ އެވެ.

އޮސްޓްރޭލިއާގެ ބްރެންޓަން ޓެރަންޓުގެ މައްޗަށް އެ ދައުވާތައް ސާބިތުވީ އޭނާ ކޯޓުގައި އެ ދައުވާތަކަށް އިއުތިރާފްވުމުންނެވެ. އޭގެ ތެރޭގައި ގަސްތުގައި މީހަކު މެރުމުގެ 51 ދައުވާ އާއި ގަސްތުގައި މީހަކު މަރަން އުޅުމުގެ 40 ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ އެއް ދައުވާ ހިމެނެ އެވެ.

މީގެ ކުރިން ހުރިހާ ދައުވާތަކަށް އިންކާރު ކުރި ޓެރަންޓް ކުށަށް އެއްބަސްވުމުން، އޭނާގެ މައްޗަށް ދައުވާތައް ސާބިތުވެފައިވާ ކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރު ކެމެރަން މޭންޑާ ވިދާޅުވި އެވެ.

އެ މައްސަލައިގައި ޓެރަންޓްގެ މައްޗަށް ހުކުމް ކުރާނެ ދުވަހެއް އަދި ކަނޑައަޅާފައި ނުވެ އެވެ. ނަމަވެސް އޭނާ ދެން ކޯޓަށް ހާޒިރު ވާން ޖެހޭ ދުވަސް ކަމަށްވާ މެއި އެކަކާ ޖެހެންދެން އޭނާގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.

ކްރައިސްޓްޗާޗުގެ ނޫރު މިސްކިތަށާއި ލިންވުޑް އިސްލާމިކް ސެންޓަރަށް މިދިޔަ އަހަރުގެ މާޗް 15އިގައި ދިން ހަމަލާގައި 50 މީހަކު މަރުވެ، 49 މީހަކަށް އަނިޔާވި އެވެ. އެހަމަލާ ދޭން ބޭނުން ކުރި ބާވަތުގެ ހުރިހާ ބަޑިއެއް ނިއު ޒިލެންޑުން މިހާރު ވަނީ މަނާކޮށްފަ އެވެ.

ޓެރަންޓްގެ މައްޗަށް ކުށް ސާބިތުވީ، ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް ނިއު ޒީލޭންޑް ލޮކްޑައުންކޮށްފައި ވަނިކޮށެވެ. އޭގެ ސަބަބުން މިސްކިތުގައި ދިން ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ޝަރީއަތަށް ހާޒިރު ނުވެވެ އެވެ. އަދި ޓެރަންޓް އާއި އޭނާގެ ވަކީލުންވެސް އަޑު އެހުމުގައި ބައިވެރިވީ ވީޑިއޯ މެދުވެރިކޮށެވެ.

މިހާތަނަށް 200އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެފައިވާ ނިއު ޒީލޭންޑު ލޮކްޑައުންކޮށްފައި ވަނީ އެއް މަހަށެވެ. އަދި އޭގެ ސަބަބުން ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތައް ފިޔަވާ އެންމެންވެސް ގޭގައި މަޑު ކުރަން ވަނީ އަންގާފަ އެވެ.

comment ކޮމެންޓް