ދެކުނު އެފްރިކާވެސް 21 ދުވަހަށް ލޮކްޑައުންކުރަނީ

ދެކުނު އެފްރިކާގެ މަގުތަކުގައި ސިފައިން ފޯރިމަރަނީ---

މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ދެކުނު އެފްރިކާއިންވެސް 21 ދުވަހުގެ ލޮކްޑައުން އަކަށް ދާން ނިންމައިފިއެވެ.

ގައުމު ލޮކްޑައުންއަކަށް ދާން ނިންމިކަން ދެކުނު އެފްރިކާގެ ރައީސް ސިރިލް ރަމަޕޯސާ ގައުމާ މުހާތަބްކުރައްވައި ދެއްކެވި ވާހަކައިގައި ވަނީ އިއުލާންކުރައްވައިފައެވެ.

އެގޮތުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އޭޕްރީލް 16 އާ ހަމައަށް ލޮކްޑައުންކުރަން ވަނީ ނިންމައިފައެވެ.

ސިރިލް ވިދާޅުވީ ގައުމުގެ އެތައް ސަތޭކަ ބައެއްގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި މިއީ ކޮންމެހެންވެސް އަޅަން މުހިންމު ފިޔަވަޅެއް ކަމަށެވެ.

ދެކުނު އެފްރިކާގައި ކޮރޯނާ ޖެހިފައިވާ 62 މީހުން މިދިޔަ ހަފްތާގައި ތިބިނަމަވެސް އިއްޔެއާ ހަމައަށް އެ އަދަދު ވަނީ ވަރަށް ބޮޑަށް މައްޗަށް ޖެހިފައެވެ. މިހާރު އެގައުމުގައި ކޮރޯނާ ޖެހިފައިވާ މީހުންގެ އަދަދަކީ 554 އެވެ.

ލޮކްޑައުން ކުރިޔަސް ސިއްހީ ހިދުމަތް ހޯދުމަށާއި ކާތެތި ގަނެ އަދި ބައެއް ކަހަލަ ހިދުމަތް ހޯދަން ބޭރަށް ނުކުމެވޭނެކަމަށް ރައީސް ސިރިލް ވިދާޅުވިއެވެ.

އެކާވީސް ދުވަހަށް ގައުމު ލޮކްޑައުންކުރާއިރު ފާމަސީތަކާއި ލެބޯޓަރީ އަދި ސިއްހީ ހިދުމަތް ދޭ ތަންތަނުގެ އިތުރުން ސިއްހީ ހިދުމަތްދޭ ތަންތަން ހުންނާނީ ހުޅުވައިފައެވެ.

ދެކުނު އެފްރިކާގައި ވަޒީފާ ނެތް މީހުންގެ އަދަދު 30 ޕަސެންޓަށް އަރާއިރު ކޮރޯނާއާ ގުޅިގެން އެތައް ބަޔަކަށް އަަސަރުކުރާނެކަމަށް ވަނީ ބެލެވިފައެވެ. ކޮރޯނާއާ ގުޅިގެން މީހުން ވަޒީފާ ތަކުގައި ބައިތިއްބަން ސަރުކާރުން ވަނީ އެލެވަންސެއްވެސް ދޭން ނިންމައިފައެވެ.

comment ކޮމެންޓް