މަންޑޭލާގެ ތަކެތި ނީލަން ކިޔުން ހުއްޓުވަނީ

ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ -- ފޮޓޯ/ފޯބްސް

ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާގެ ބައެއް އަމިއްލަ ތަކެތި އެމެރިކާގެ ނިއުޔޯކު ސިޓީގައި ބާއްވާ ނީލަމެއްގައި ވިއްކުން ހުއްޓުވުމަށް މަސައްކަތްކުރާ ކަމަށް ދެކުނު އެފްރިކާއިން ބުނެފިއެވެ.

އަންނަ ފެބްރުއަރީ މަހު ބާއްވަން ހަމަޖެހިފައިވާ އެ ނީލަމުގައި މަންޑޭލާގެ ތަކެތި ވިއްކަނީ އޭނާގެ އަންހެން ދަރިފުޅު މަކަޒީވޭ މަންޑޭލާއާ އެކު އެއްބަސްވުމަކަށް އައިސްގެންނެވެ. ނީލަމުގައި ވިއްކަން ހަމަޖެހިފައިވާ ތަކެތީގެ އަގު ދެ މިލިއަން ޑޮލަރާއި ތިން މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް އަރާނެ ކަމަށް ބީބީސީން ވަނީ ރިޕޯޓުކޮށްފައެވެ.

ނީލަމުގައި ވިއްކަން ހަމަޖެހިފައިވާ ތަކެތީގެ ތެރޭގައި މަންޑޭލާގެ 1993 ވަނަ އަހަރުގެ ސައުތު އެފްރިކަން އައިޑެންޓިފިކޭޝަން ފޮތާއި، މަންޑޭލާގެ މަޝްހޫރު ގްރީން ފާން ޕެޓާންޑް 'މަޑިބާ' ގަމީހަކާއި، އޭނާގެ އައިކޮނިކް އޭވިއޭޓާ އަވި އައިނާއި، އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ހަދިޔާކުރި ރަޖައަކާއި، މަންޑޭލާ ލިޔުއްވައިފައިވާ އަމިއްލަ ސިޓީތަކެއް ހިމެނެއެވެ.

ނަމަވެސް ނިއުޔޯކުގައި ބާއްވާ އެ ނީލަމުގައި މަންޑޭލާގެ ތަކެތި ވިއްކާތީ ދެކުނު އެފްރިކާގެ ގިނަ ބަޔަކު އަންނަނީ އެ ކަމަށް ފާޑުކިޔަމުންނެވެ.

ދެކުނު އެފްރިކާގެ ހެރިޓޭޖް، އެންޑް ރިސޯސް އެޖެންސީ (ސާހްރާ)އިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެ ތަކެތި ވިއްކުން ހުއްޓުމަށް އަންގައިދިނުމަށް އެދި ހައިކޯޓަށް ހުށަހަޅާފައިވާކަން އިއުލާންކޮށްފައެވެ. އަދި، މަންޑޭލާއާ ގުޅުންހުރި ތަކެތި ވިއްކުމުގެ ހުއްދަ ދިނުމަށް ހައި ކޯޓުން ކުރި ހުކުމަށް އިހުތިރާމް ކުރާ ކަމަށާއި އެ ތަކެއްޗަކީ ދެކުނު އެފްރިކާގެ ތާރީހީ އަދި ސަގާފަތަށް މުހިންމު ތަކެތި ކަމަށް ސާހްރާއިން ބުނެއެވެ.

އެހެންވެ، އެތަކެތި ވިއްކުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ސާހްރާއިން ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް