ނަމީބިޔާގެ ރައީސް ހާހޭ ގެންގޮބް އަވަހާރަވެއްޖެ

ނަމީބިޔާގެ ރައީސް ހާހޭ ގެންގޮބް. ފޮޓޯ/އަލްޖަޒީރާ

ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ނަމީބިޔާގެ ރައީސް ހާހޭ ގެންގޮބް އަވަހާރަވެއްޖެއެވެ.

އޭނާ އަވަހާރަވިއިރު އުމުރުފުޅަކީ 82 އަހަރެވެ.

އެކަން ހާމަކުރައްވައި ނަމީބިޔާގެ ނައިބު ރައީސް ނަންގޯލޯ މްބުމްބާ ވިދާޅުވިގޮތުގައި ގެންގޮބް އަވަހާރަވެފައި ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި ވެރިރަށް ވިންޑްހޮއެކްގައި ހުންނަ ލޭޑީ ޕޮހަމްބާ ހޮސްޕިޓަލުގައެވެ. ގެންގޮބަށް ކެންސަރު ޖެހިފައިވާކަން އާންމުކޮށް އިއުލާންކުރީ މިދިޔަ މަހުގެ ތެރޭގައެވެ. އަދި އޭނާ އަވަހާރަވީ ފަރުވާއަށް އެމެރިކާއަށް ވަޑައިގަންނަވަން ވެސް ހަމަޖެހިފައި ވަނިކޮށެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ގެއިންގޮބް އަވަހާރިވިއިރު އަރިހުގައި އަނބިކަނބަލުން މޮނިކާ ގެއިންގޯސް އާއި ބޭފުޅުން ތިއްބެވިއެވެ.

ތިން ކައިވެންޏެއް ކުރެއްވި ހާގޭގެ ތިން ބޭފުޅުން ތިއްބަވައެވެ.

ނަމީބިޔާގެ ބޮޑުވަޒީރު ކަމުގެ މަގާމާ 2012 ވަނަ އަހަރު ހަވާލުވެ ވަޑައިގެންނެވުމުގެ ކުރިން އޭނާ ހުންނެނީ ވިޔަފާރިއާއި ސިނާއަތާ ބެހޭ ވަޒީރު ކަމުގެ މަގާމުގައެވެ. ދެހާސް ސާދަ ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު އޭނާ ކާމިޔާބު ކުރައްވާފައި ވަނީ 87 އިންސައްތަ ތާއީދާ އެކުގައެވެ.

ނަމީބިޔާގައި މިހާރު ވެރިކަން ކުރަމުން އަންނަ ސްވަޕޯ ޕާޓީ އަކީ އެ ގައުމު 1990ގައި މިނިވަންވި ފަހުން އެ ގައުމުގައި ވެރިކަން ކޮށްފައިވާ ހަމަ އެކަނި ޕާޓީއެވެ. އަދި ދެން އޮންނަ ރިޔާސީ އިންތިހާބަށް ނެރުމަށް ޕާޓީއިން ހަމަޖައްސާފައި ވަނީ ނަންދީ-އެންދައިތުވާއެވެ.

އެންދައިތުވާ މިހާރު ފުރުވަމުން ގެންދަވަނީ ނަމީބިޔާގެ ބޮޑުވަޒީރުގެ ނާއިބުގެ މަގާމެވެ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިފި ނަމަ އޭނާ ވެގެން ދާނީ ނަމީބިޔާގެ ފުރަތަމަ އަންހެން ރައީސާ އަށެވެ.

ނަމީބިޔާގެ ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ ނޮވެމްބަރު މަހުއެވެ.

comment ކޮމެންޓް