ޓޫރިޒަމް އެކީހެން ހުއްޓިއްޖެ، ރިސޯޓްތައް ވަނީ ބަންދުކުރަން ޖެހިފައި: އަފީފް

ރާއްޖޭގެ ޓޫރިޒަމްގެ ބާނީންގެ ތެރޭގައި ހިމެނޭ، ޗަމްޕާ އަފީފް -- ފޮޓޯ/ ރައީސް އޮފީސް

ކޮރޯނާވައިރަހާ ހެދި ރާއްޖެ އާއި ދުނިޔޭގެ ޓޫރިޒަމަށް މިއިން ޒަމާނަކު ވެސް ނާންނަ ވަރުގެ ބޮޑު ވެއްޓުމެއް އައިސްފައިވާ ކަމަށާއި ރިސޯޓްތައް މިވަގުތަށް ބަންދުކޮށް ކުންފުނީގެ ހަރަދުތައް ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފައިވާ ކަމަށް، ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ، ޗަމްޕާ ހުސެން އަފީފް ވިދާޅުވެއްޖެ އެވެ.

ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ހެދި މީހުން ދަތުރުކުރުން މަނާކުރުމާއި ގައުމުތައް ބަންދުކުރުމާ އެކު، ރާއްޖެއަށް އަށް ވެސް މިހާރު ދުވާލެއްގެ މައްޗަށް އަންނަނީ 200 ވަރަކަށް ޓޫރިސްޓުންނެވެ. މީގެ ކުރިން 4،000-5،000 ދެމެދުގެ އަދަދަކަށް ޓޫރިސްޓުން އާދެ އެވެ.

ޓޫރިޒަމަށް އަންނަ ގޮންޖެހުންތަކާ ގުޅޭ ގޮތުން "ސަން"އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ރިސޯޓް ވިޔަފާރި ހިންގަވާ އަފީފް ވިދާޅުވީ ޓޫރިސްޓުން ނައުމުގެ ސަބަބުން، އޭނާގެ ކުންފުނި "ކުރައުން އެންޑް ޗަމްޕާ"ގެ ދަށުން ހިންގާ ރިސޯޓްތައް މިވަގުތަށް ބަންދު ކުރުމުގެ މަގުމަތީގައިވާ ކަމަށެވެ. އަދި މިހާރު ކޮންމެވެސް ވަރަކަށް ގެސްޓުން ތިބުމުން އެ މީހުން ދިޔުމުން ރިސޯޓްތައް މިވަގުތަށް އޮޕަރޭޓް ކުރުން ހުއްޓާލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ކުރިން އަޅުގަނޑުމެންނަށް އިމްޕެކްޓް އެބަ ލަފާކޮށްލެވޭ ސުނާމީ ކަހަލަ ކަންކަމުގައި. އޭރު އެބަ އިނގޭ ގެއްލުންތައް ލަފާކުރަން. އެކަމަކު މިފަހަރު މިއީ އަދި ނިމޭނެ ދުވަހެއް ވެސް ނޭނގޭ ކަމެއް. އަނެއްކާ ޓޫރިސްޓުން އަންނަން ހުރި މާކެޓްތަކުން މީހުންނަކަށް އާދެވޭ ހާލަތެއްގައެއް ނޫން މިހުރީ،" އަފީފް ވިދާޅުވި އެވެ.

ސަރުކާރުން ލަފާކޮށްފައިވާ ގޮތުގައި މިއަހަރު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު 35 ޕަސެންޓަށް ދަށަށް ދާނެ އެވެ.

ޓޫރިޒަމަށް ބޮޑު ހީނަރުކަމެއް އަންނަނީ ސިއްހީ ކުއްލި ނުރައްކަލެއްގެ ހާލަތާ ގުޅިގެންކަން ފާހަގަ ކުރައްވައި އަފީފް ވިދާޅުވީ، ޓޫރިސްޓުން ގެންނަން މިވަގުތަށް ކުރެވެން ހުރި މަސައްކަތެއް ވެސް ނެތް ކަމަށެވެ. އެހެންވެ، ކުންފުނީގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން، ރިސޯޓްތައް އޮޕަރޭޓް ކުރުން މިވަގުތަށް ހުއްޓާލި ނަމަވެސް، ކުރިއަށް އޮތް ދެ މަސް ދުވަހު މިހާރުވެސް ދޭ އުސޫލުން މުވައްޒަފުންނަށް މުސާރަ ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް، އެޕްރީލްގެ ފަހަށް މިހާރުގެ ހާލަތު ދެމިގެން ދާ ނަމަ، 5،000 ރުފިޔާއަށް ވުރެ ކުޑަ ނުވާނެ ގޮތަށް މުވައްޒަފުންގެ މުސާރަތައް ކުޑަކުރަން ޖެހޭނެ ކަމަށް އަފީފް ވިދާޅުވި އެވެ.

"ތިން މަހުން ތިން މަހުން އަޅުގަނޑުމެން ދާނަން މިހާރުގެ ހާލަތު ރިވިއު ކުރަމުން. އެއަށް ފަހު އަޅުގަނޑުމެން ފިޔަވަޅުތައް އަޅަމުން ދާނީ. މި މަހު ވެސް އަންނަ މަހު ވެސް އަޅުގަނޑުމެން ބަރާބަރަށް ހުރިހާ މުވައްޒަފުންނަށް މުސާރަ ދޭނަން. ރޯދަ އެލަވަންސް ވެސް ދޭނަން. އަދި މި މަހު ސާވިސްޗާޖް ވެސް ދޭނަން،" އަފީފް ވިދާޅުވި އެވެ. "އެކަމަކު އެޕްރީލް މަހު ސާވިސް ޗާޖެއް ނުދެވޭނެ."

ރާއްޖޭގެ 10 ރިސޯޓާއި ސިޓީ ހޮޓަލާއި ޓޫރިޒަމްގެ އެހެން ވިޔަފާރިތައް ހިންގާ، ކުރައުން އެންޑް ޗަމްޕާ ރިސޯޓްސްގައި 3،000 އެއްހާ މުވައްޒަފުން މަސައްކަތް ކުރެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ކުންފުނި ޔުނިވާސަލްއިން ވެސް ވަނީ ތިން މަސް ދުވަހަށް އެ ކުންފުނީގެ ހުރިހާ ރިސޯޓްތަކެއްގެ އޮޕަރޭޝަން ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ. އަދި މުވައްޒަފުންނަށް މުސާރައާ އެކު ތިން މަސްދުވަހުގެ ޗުއްޓީއެއް ވަނީ ދީފަ އެވެ. އަދި މި މަހުގެ މުސާރަ ކުރިއެކޭ ވެސް އެއްގޮތަށް ދިން ނަމަވެސް، އަންނަ މަހު އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް