ލޮކްޑައުން ހާލަތަކަށް މާލެ ސިޓީ ތައްޔާރު

ލޮކްޑައުން ހާލަތެއް މެދުވެރިވެއްޖެނަމަ މާލެ ސަރަހައްދަށް ތައްޔާރުކޮށްފައިވާ ޕްލޭންތއް ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މާލޭގައި ކޮރޯނާވައިރަސް ފެތުރި މާލޭ ސަރަަހައްދު ލޮކްޑައުން ކުރަން ޖެހިއްޖެ ހާލަތެއްގައި މާލޭގައި އާންމު ސިއްހީ ހިދުމަތްތަކާއި އެހެނިހެން ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދޭނެ ގޮތް މިއަދު ކަމާ ބެހޭ ފަރާތްތަކުން އާންމުކޮށްފިއެވެ.

މިއަދު މާލޭ ސިޓީ ކައުންސިލާއި، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު ސެންޓަރާއި، އެޗްޕީއޭ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ވިދާޅުވީ ލޮކްޑައުންގެ ހާލަތަކަށް މާލެ ތައްޔާރުވުމުގެ ގޮތުން މުހިންމު ޕްލޭންތަކެއް އެކުލަވާލެވިފައިވާ ކަމަށެވެ. އެގޮތުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފިހާރަތަކުން ކާބޯތަކެތި ފޯރުކޮށްދެވޭނެ ގޮތްތަކާއި، ސިއްހީ ހިދުމަތް ދެވޭނެ ގޮތްތައް ރާވަމުން ދެއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޭޖެންސީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އުމަރު ފިކުރީ މިއަދު ވިދާޅުވީ، ލޮކްޑައުންގެ ހާލަތެއްގައި ގްރޭޓާ މާލޭ ސަރަހައްދުގައި ޒަރޫރީ ހިދުމަތް ދޭނީ ޒޯނުތަކަށް ބަހާލައިގެން އެއިން ކޮންމެ ޒޯނެއްގައި އިންސިޑެންޓު ކޮމާންޑް ސެންޓަރުތަކެއް ބަހައްޓައިގެން ކަމަށެވެ.

އެގޮތުން މާލެ 16 ޒޯނަކަށް ބަހާލައި ކޮންމެ ޒޯނެއްގައި އިންސިޑެންޓު ސެންޓަރު ގާއިމްކުރާނެ އެވެ. ހުޅުމާލޭގައި ހަ ޒޯނެއްގައި އިންސިޑެންޓު ސެންޓަރު ގާއިމްކުރާނެ އެވެ. ވިލިމާލެއާއި ތިލަފުށީގައި ހުންނާނީ އެއް އިންސިޑެންޓު ސެންޓަރެވެ.

ކޮންމެ އިންސިޑެންޓު ސެންޓަރެއްގައި ސިފައިންނާއި ފުލުހުންނާއި ނަރުހުންނާއި ޑޮކްޓަރުން ތިބޭނެ އެވެ.

"މި ސެކްޓާތައް އަދި ފުލީ އެކްޓިވޭޓުނުވިކަމުގައިވިޔަސް އަޅުގަނޑުމެން ތައްޔާރުވެފައި މިތިބީ މާލޭގެ ގެއަކަށް ސަޕޯޓު ބޭނުންވާ ހާލަތެއްގައި ނޫނީ ވިލިމާލޭގެ ގެއަކަށް ސަޕޯޓު ބޭނުންވާ ހާލަތެއްގައިވެއްޔާމުން އެ ސެކްޓާއެއްގައި ހިމެނޭ އޭރިއާއެއްގެ ކޮމިއުނިޓީ ސަޕޯޓު އިންސިޑެން ކޮމާންޑް ސެޓަޕް އެކްޓިވޭޓުވާ ވަރަށް ތައްޔާރުވެގެން ތިބުން،" އުމަރު ވިދާޅުވިއެވެ.

އާންމު ސިއްހީ ހިދުމަތް ދޭނީ ސެންޓަރުތަަކުން

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަހުމަދު ޝަހީދު ވިދާޅުވީ، ދާއިމީ ބަލިތައް ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި، ކުއްލިއަކަށް ބަލިވާ މީހުންނާއި އެހެނިހެން ސިއްހީ ހިދުމަތްތައް ބޭނުންވާ މީހުންނަށް ސިއްހީ ހިދުމަތް އެ ސެންޓަރުތަކުން ދޭނެ ގޮތް ރާވަމުންދާ ކަމަށެވެ.

ވައިރަސް ފެތުރޭ ހާލަތެއްގައި އާންމުކޮށް ހޮސްޕިޓަލުތަކުން ދޭ ހިދުމަތްތައް ވަރަށް ބޮޑަށް މަދުކުރާނެ އެެވެ. އަދި ހޮސްޕިޓަލުތަކުގައި މައިގަނޑު ގޮތެއްގައި ފަރުވާދޭނީ ވައިރަސް ޖެހިގެން އުޅޭ މީހުންނަށެވެ. އެހެންކަމުން، އިންސިޑެންޓު ސެންޓަރުތަކުން އާންމުންނަށް ބޭނުންވާ އާންމު ސިއްހީ ހިދުމަތައް ދެމުން ގެންދާނެ އެވެ.

ޑރ. ޝަހީދު ވިދާޅުވީ، ބަލި ވަރަށް ބޮޑަށް ފެތުރިއްޖެ ހާލަތެއްގައި ސިއްހީ ހިދުމަތްދޭ މައި މަރުކަޒުތަކުގައި ހުރިހާ އެންމެންނަށް ހިދުމަތް ދޭން ދަތިވާނެ ކަމަށެވެ. އެހެންކަމުން އެ ހާލަތުގައި މާލޭގައި ސިއްހީ ހިދުމަތްވެސް ދޭނީ ލާމަރުކަޒީކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޑޮކްޓަރުންނާއި ނަރުހުންނާއި ހެލްތު ވޯކަރުން ނަގައިގެން ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ އެހީތެރިންގެ ޕޫލްތަކެއް އުފެއްދުމަށް،"

ގެތަކަށް ކާބޯތަކެތި ފޯރުކޮށްދޭނެ ފިހާރަތަކެއް

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ލޮކްޑައިންގެ ހާލަތެއްގައި ކަރަންޓީނުކޮށްފައިވާ ގެތަކަށް ޒަރޫޒީ ކާނާ ފަދަ ތަކެތި ފޯރުކޮށްދޭނެ ފިހާރަތަކެއް މިހާރު ހޯދާފައިވާ ކަމަށެވެ.

އެގޮތުން މާލެއާއި ހުޅުމާލެއާއި ވިލިމާލޭގެ ކޮންމެ ބްލޮކަކަށް ވަކިން ގޮސް އެގޮތަށް ހިިދުމަތް ދޭނެ 350 ފިހާރައެއް ހޯދާފައިވާ ކަމަށް ޝިފާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކަރަންޓީނުގައި ހުރި ގެއަކުން ގަންނަން ބޭނުންވާ ތަކެތީގެ ލިސްޓެއް އެއިން ފިހާރައަކަށް ފޮނުވުމުން، އެ ފިހާރައިން އެ ގެއަކަށް ޑެލިވާކޮށްދޭނެ އެވެ. އަދި ފައިސާ ދައްކަން ޖެހޭނީ ޓްރާންސްފާކޮށްގެންނެވެ.

ކަރަންޓީނުކޮށްފައިވާ ގެއަކަށް ކާބޯތަކެތި އާއިލާގެ މީހުންނަސްވެސް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ގެންގޮސްދެވޭނެ ކަމަށް ޑިސާސްޓާ މެނޭޖްމަންޓު ސެންޓަރުގެ ފަރާތުން އުމަރު މިއަދު ވިދާޅުވިއެވެ. އެކަމަކު، އެގޮތަށް ގެންގޮސްދޭ އިރުވެސް ގައިދުރުކޮށްގެން އެ ތަކެތި ފޯރުކޮށްދޭން އޭނާ އެދުނެވެ.

comment ކޮމެންޓް