އޭލެވެލްގެ މެއި/ޖޫންގެ އިމްތިހާނު އޮކްޓޯބަރު ނޮވެމްބަރަށް ފަސްކޮށްފި

ސެޕްޓެމްބަރ 30، 2015: އިސްކަންދަރު ސްކޫލުގެ، 2014 ވަނަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން -- ސަންފޮޓޯ/ އަލީ ނަސީރު

އެޑިއުކޭޝަން މިނިސްޓްރީ އިން ބުނީ ކޮރޯނާ އިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން ސްކޫލުތައް ދިގު މުއްދަތަކަށް ބަންދު ކުރަންޖެހުމުގެ ސަބަބުން މިއަހަރުގެ މެއި/ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭއެސް ލެވެލް އިމްތިހާނު މިއަހަރުގެ އޮކްޓޯބަރު، ނޮވެމްބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން މީގެ ކުރިން ބުނީ މޭ އަދި ޖޫން މަހު އޭލެވެލް އަދި އޭއެސް ލެވެލްގެ ދަރިވަރުން ހަދަންޖެހޭ އިމްތިހާންތައް ފަސްކުރުމާމެދު އަދި ގޮތެއް ނިންމާފައި ނުވާކަމަށެވެ. ނަމަވެސް އިމްތިހާނު ފަސްކުރިކަން އެޑިއުކޭޝަނުން މިއަދު ވަނީ އިއުލާނުކޮށްފަ އެވެ.

ރާއްޖޭގެ ރަސްމީ މަންހަޖުގެ ދަށުން އޭލެވެލް ކިޔަވާ ދަރިވަރުން ހަދަނީ އެޑެކްސެލްގެ އިމްތިހާނެވެ.

ކޮރޯނާ އާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ސްކޫލު ޔުނިވާސިޓީތަކުން ވަނީ ކިޔެވުން މެދުކަނޑާލައިފަ އެވެ. ރާއްޖޭގައި ވެސް ސްކޫލުތަކުގެ ކިޔެވުން މެދުކަނޑާލާފައި އޮންނަަތާ ދެ ހަފްތާ ވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ ސްކޫލުތައް ބަންދުކޮށް އެ ސްކޫލުތަކުގެ ދަރިވަރުންނަށް މިއަހަރުގެ ހޫނުމޫސުމުގައި (މޭ/ޖޫން)ގައި ބާއްވަން ހަމަޖެހިފައިވާ އިމްތިހާނުތައް ވެސް ވަނީ ކެންސަލްކޮށްފަ އެވެެ. އެގޮތުން އެޑެކްސެލް ގެ އިތުރުން މެއި/ޖޫން މަހު ބާއްވާ ކޭމްބުރިޖްގެ އިމްތިހާނުތައް މިއަހަރު ނުބާއްވަން ނިންމައި އެ އިމްތިހާނުތައް ވެސް ވަނީ ފަސްކޮށްފަ އެވެ.

އެ ޔުނިވާސިޓީ އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ސްކޫލު ތަކާއި ކޮލެޖް، ޔުނިވާސިޓީތައް ބަންދުކޮށްފައިވާ ކަމަށާއި އެކަމާ ގުޅުވައިގެން މިއަހަރުގެ މެއި/ޖޫންގައި ބާއްވާ ކޭމްބްރިޖު އައިޖީސީއެސްސީ، އޯލެވެލް، ކޭމްބްރިޖު އިންޓަނޭޝަނަލް އޭއެސް އަދި އޭލެވެލް އިމްތިހާނާއި އޭއައިއީސީ ޑިޕްލޮމާ އަދި ކޭމްބްރިޖު ޕްރީ ޔޫ އެގްޒެމިނޭޝަން ކެންސަލް ކޮށްފައިވާ ކަމަށެވެ.

ކޭމްބްރިޖުގެ މެއި ޖޫން އިމްތިހާނު ފަސް ކުރުމުން ރާއްޖޭގެ ދަރިވަރުންނަށް އެކަމުން މާބޮޑު އަސަރެއް ނުކުރާނެ އެވެ. ރާއްޖޭގައި އޯލެވެލް ހަދަނީ އޮކްޓޯބަރުގައި ނަމަވެސް މަދު ސްކޫލުތަކަކާއި އަމިއްލަ ޓިއުޝަން ސެންޓަރުތަކުން މެއި/ޖޫން އިމްތިހާނުގައި ބައިވެރިވެ އެވެ.

އެގޮތުން ހުޅުމާލޭގައި ހުންނަ، ބްރައިޓްވޭ ސްކޫލުގައި މެއި/ޖޫން އިމްތިހާން ހަދަ އެވެ. އެ ސްކޫލުން އިމްތިހާން ހަދަނީ އެންމެ ތިން ދަރިވަރުން ކަމަށް އެނގިފައިވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ވެސް ބުނީ ކޭމްބުރިޖްގެ މޭ/ޖޫން އިމްތިހާނުގައި އިށީންނަނީ ރާއްޖެއިން ވަރަށް މަދު ދަރިވަރުން ކަމަށެވެ. އަދި އެ ސެންޓަރުތަކާ ވާހަކަ ދައްކައިގެން އެކަމުގައި ގޮތްތަކެއް ރޭވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް