އަބޫދާބީގެ އިއްތިހާދު އެއާވޭސް އިން ރާއްޖެއަށް ކުރާ ދަތުރުތައް މެދުކަނޑާލަން ނިންމައިފި އެވެ.
މިހާރު މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ހުރެ، އޭވިއޭޝަން ދާއިރާ އަށް ދަނީ ބޮޑު ގެއްލުމެއް ލިބެމުންނެވެ.
ރާއްޖޭގެ އިތުރުން އެ އެއާލައިނުން ދަތުރުކުރާ ގިނަ މަންޒިލުތަކަކަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލަން އިއްތިހާދު އެއާވޭސް އިން ވަނީ ނިންމައިފަ އެވެ.
އެ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނީ ފަސިންޖަރުންނާއި ސްޓާފުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކާ، ޔޫއޭއީގެ ސަރުކާރުގެ ނިންމުންތަކަށް ބޯލެނބުމުގެ ގޮތުން އެ އެއާލައިނުން ކޭޓާކުރާ ބައެއް ސެކްޓާތަކަށް ކުރާ ދަތުރުތައް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.
އިއްތިހާދު އެއާވޭސް އިން މާލެ އާއި އަބޫދާބީ އާއި ދެމެދު ދުވާލަކު ދެ ފްލައިޓު ބޭއްވި ނަމަވެސް މިއަދުން ފެށިގެން އަންނަ މަހުގެ ނިޔަލަށް އެއްވެސް ފްލައިޓެއް ދަތުރެއް ނުކުރާނެ އެވެ.
އިއްތިހާދުން ވަނީ އެ އެއާލައިންގެ އޭ-380 ފްލައިޓުތަކުގެ އުދުހުން ވެސް ވަގުތީގޮތުން ހުއްޓާލައިފަ އެވެ.
މީގެ އިތުރުން އެ އެއާލައިނުން ވަނީ ދުނިޔޭގެ ގިނަ މަންޒިލުތަކަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލައިފަ އެވެ. ޓިކެޓު ނަގަން ދެއްކި ފައިސާއަށް ޓިކެޓު ރީބުކް ކުރެވޭނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.
އިއްތިހާދުން ބުނީ އެ އެއާލައިނުން ދަތުރުކުރުމަށް ޓިކެޓު ނަގާފައިވާ ފަރާތްތަކަށް އެއްވެސް އަގަކާ ނުލާ ޓިކެޓު ކެންސަލް ކުރުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށެވެ.
ރާއްޖެއަށް ދަތުރުކުރާ ގިނަ އެއާލައިން ތަކުން ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލާފައިވާއިރު ބައެއް އެއާލައިންތަކުން ކުރާ ދަތުރުތައް ވަނީ ބޮޑުތަނުން މަދުކޮށްފަ އެވެ. މީގެ ކުރިން ދާލަކު ތިން ފްލައިޓު ބޭއްވި އެއާލައިންތަކުން ވަނީ ހަފްތާއަކު ފްލައިޓަކަށް މަދުކޮށްފަ އެވެ.
މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ އަސަރު ދުނިޔޭގެ އިގްތިސޯދަށް ކުރަމުންދާއިރު، އެންމެ ބޮޑު އަސަރެއް ކުރަނީ އޭވިއޭޝަން ދާއިރާ އަށެެވެ.
ސިންގަޕޯ އެއާލައިނުން ވަނީ އެ އެއާލައިނުގެ ދަތުރުތަކުގެ 96 ޕަސެންޓު މަދުކޮށް ފްލައިޓުތައް ގްރައުންޑް ކޮށްފަ އެވެ. އަދި އިއްތިހާދު އެއާވޭސްއިން ވެސް ވަނީ އެ އެއާލައިންގެ ޕެސެންޖާ ފްލައިޓްތައް ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.