(މަލަހިނި ކުޑަބަނޑޮސް ކަރަންޓީނު ފެސިލިޓީއިން): "ހުރިހާ އޮތޯރިޓީއެއްގެ ހިދުމަތްތެރިން ތިބީ ދިރިއުޅުން އަތް މައްޗަށް ލައިގެން އެހެން މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް." މަލަހިނި ކުޑަބަނޑޮސް ކަރަންޓީނު ފެސިލިޓީގެ ކަންކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާ ވާހަކަ ދައްކާލުމުން އެމީހުން ދިނަ ޖަވާބަކީ މިއީއެވެ.
އެމީހުންގެ އެވާހަކަ އެ ދޭ ހިދުމަތަކަށް އިންސާފެއް ނުކުރެއެވެ. ހިދުމަތް މާ ފުރިހަމައެވެ. ކޮންމެ ކަރަންޓީނު ފެސިޓީއެއްގައިވެސް ތިބި ހިދުމަތްތެރިން ދެމުން ދާ ހިދުމަތަކީ ބުނެލައިގެން މީހަކަަށް ވަޒަން ކޮށްލެވޭ ވަރަށްވުރެ މާ ފުރިހަމަ ހިދުމަތެއްކަން އެކަންތައް ފެނުމުން އެނގެއެވެ. ޖުމްލަ 11 ކަރަންޓީނު ފެސިލިޓީއެއް މިހާރު ގާއިމުކޮށްފައިވާއިރު އޭގެ ތެރެއިން މަލަހިނި ކުޑަބަނޑޮސް ކަރަންޓީނު ފެސިލިޓީގައި ކަރަންޓީނުކުރާ މީހުންނަށް ހިދުމަތް ދިނުމަށް 10 ފުލުހުންނާއި ފަސް އެމްއެންޑީއެފް އޮފިސަރުން އަދި ޓުއަރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ހަރަކާތްތެރިވެއެވެ.
އެމީހުންގެ މަސައްކަތުގެ ތެރޭގައި ކަރަންޓީނުގައި ތިބޭ މީހުންނަށް ބޭނުންވާ ޒަރޫރީ ހުރިހާ ބޭނުންތަކެއް ފުއްދައި ދިނުމާއި، ގަޑިން ގަޑިއަށް ކާތަކެތި ފޯރުކޮށްދިނުމާއި އަދި އެހެންވެސް ބޭނުމެއް ވާނަމަ ފުއްދައި ދިނުން ހިމެނެއެވެ. އެ ހިދުމަތްތަކަށް ހަމަ ސަތޭކައެވެ.
ދުވާލުގެ ގިނަ ވަގުތު މަސައްކަތުގައި އުޅޭ، ކަރަންޓީނު ފެސިލިޓީތަކުގައި މަސައްކަތްކުރާ މީހުންނަށް ބަންދު ދުވަހެއް ނުލިބެއެވެ. އަދި އެނބުރި އެމީހުންގެ ގެއަށް އާއިލާ ކައިރިއަށް ދެވޭނެ ދުވަހެއް ނޭނގެއެވެ. ކަރަންޓީނު ފެސިލިޓީއެއްގައި ކަރަންޓީނުކޮށްފައި އެންމެ މީހަކު ހުރި ނަމަވެސް އެތަނުގައި ހިދުމަތުގައި އެމީހުން ތިބެން ޖެހެއެވެ. ކުޑަބަނޑޮހުގައި މިވަގުތު 40 އަށްވުރެ ގިނަ މީހުން ކަރަންޓީނުކޮށްފައި އެބަތިއްބެވެ.
އެންމެ ބޮޑު ޝުކުރެއް އެމީހުން އަދާކުރީ ޓުއަރިޒަމް އިންޑަސްޓްރީގެ މީހުންނަށެވެ. ރިސޯޓުތަކުގެ ވެރިންނާއި މެނޭޖްމެންޓަށެވެ. ރިސޯޓުތަކުން ކަރަންޓީނު ފެސިލިޓީ ހަމަޖެހުނުކަމީ މަސައްކަތަށް ފަސޭހަވެގެން ދިޔަ ކަމެއްގެ ގޮތުގައި އެމީހުން ސިފަކުރެއެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރޭ ކޮރޯނާވައިރަހުން ސަލާމަތްވުމަށް ރާއްޖެއިން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ އިރު، ބޭރުން ރާއްޖެ އަންނަ މީހުން ކަރަންޓީނުކުރުމަކީވެސް އޭގެ މުހިންމު އެއް ކަންތަކެވެ. ރާއްޖެއިން މިހާތަނަށް ކޮރޯނާ ޖެހުނީ ބިދޭސީ 13 މީހަކަށެވެ--އޭގެ ތެރެއިން ތިން މީހަކު ބަލި ފަސޭހަވެސް ވެއްޖެއެވެ. ފަރުވާއެއް ހޯދިފައި ނުވާ މި ބައްޔަށް ދުނިޔެއިން 300،000 އަށްވުރެ ގިަ މީހުން ޕޮޒިޓިވްވެ، 13،000 އަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.
މިފަދަ ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރުނަ ނުދިނުމަށްޓަކައި އަޅާ ފިޔަވަޅުގެ ދަށުން އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަރަންޓީނުކުރުމުން ޝަކުވާކުރުމުގެ މާނައެއް ހަގީގަތުގައި ނެތެވެ. ސާދަ ދުވަސް ފަހުން ބަލީގެ އަލާމާތެއް ނެތްނަމަ ރައްކާތެރިކަމާއެކު ގެއަށް ދެވޭނެއެވެ.
މިތަންތަނުގައި ތިބި ޚިދުމަތްތެރީން ގައިމު ތިބީ އާއިލާއާ ދުރުގައި، ޝަކުވާއެއްވެސް ކުރުމެއް ނެތި މުއްދަތެއްް ނެތް ގޮތަށް ހިދުމަތުގައެވެ. އެމީހުންނަށް ޝުކުރު ހައްގެވެ. ނިމުމެއް ނެތް ޝުކުރާއި ސާބަހެވެ!