މީހުން ބަލިން ރަނގަޅުވުމުގެ ފައިދާ ލިބޭނީ ފަރުދީ ޒިންމާ އަދާކޮށްގެން: ޑރ. މުރާދު

މާޗް 20، 2020 މާލެ މަގުމަތި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން ކޮރޯނާވައިރަސް، ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުން ރަނގަޅުވަމުން އައި ނަމަވެސް، އެކަމުގެ ހަގީގީ ފައިދާ ކުރާނީ ހުރިހާ ރައްޔިތުން ވެސް ފަރުދީ ޒިންމާ އަދާކޮށް، އިރުޝާދުތަކަށް ބޯލަނބައިގެން ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު ޑރ. މޫސާ މުރާދު ވިދާޅުވެއްޖެ އެވެ.

ކޮރޯނާވައިރަހަށް ރާއްޖެއިން 13 މީހަކު ޕޮޒިޓިވްވި އިރު، އޭގެ ތެރެއިން ތިން މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އޭގެ ތެރޭގައި ބަލީގައި އެންމެ ހާލު ބޮޑުވި އުމުރުން 70 އަހަރުގެ ފަތުރުވެރިޔާ ވެސް ހިމެނެ އެވެ.

ކޮރޯނާވައިރަހާ ގުޅިގެން މައުލޫމާތު ދިނުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަައި، ތިން ވަނަ މީހަކު ބަލިން ރަނގަޅު ވެފައިވާކަން ހާމަކުރައްވަމުން ޑރ. މުރާދު ވިދާޅުވީ އެއީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށާއި، ނަމަވެސް އެ ކާމިޔާބީގެ ހަގީގީ ފައިދާ ކުރާނީ ފަރުދީ ޒިންމާ އަދާކޮށްގެން ކަމަށެވެ.

"މި ނަތީޖާތައް މިގޮތަށް ލިބެމުންދާއިރު، ނަތީޖާތަކުގެ ހަގީގީ ފައިދާ އަޅުގަނޑުމެންނަށް ކުރާނީ އަޅުގަނޑުމެން ހަމަ ފަރުދީ ޒިންމާ އަދާކުރާ މިންވަރެއްގެ މައްޗަށް. އެގޮތުން އަޅުގަނޑުމެން މި ކުރާ އިލްތިމާސްތަކަށް އާންމު ރައްޔިތުންގެ ބޯލަނބާ މިންވަރަކުން އަޅުގަނޑުމެންނަށް މިފަދަ ނަތީޖާތަކުގެ ފައިދާ އަޅުގަނޑުމެންނަށް ކުރާނީ،" ޑޮކްޓަރު ވިދާޅުވި އެވެ.

ޑރ. މުރާދު ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވި މީހުން މިހާރު ބައްޔަށް ނެގެޓިވް ވަމުން އައުމުގެ މާނައަކީ ބަލި މުޅިން ކޮންޓްރޯލްވުން ނޫން ކަމަށެވެ.

އަދިވެސް ރާއްޖެއަށް ބޮޑު ނުރައްކަލެއް އެބަ އޮތް ކަމަށާއި، އެންމެން ވެސް ތިބީ ރިސްކެއްގެ ތެރޭގައި ކަމަށް ޑރ. ވިދާޅުވި އެވެ.

"އެހެންވީމަ ކުރިއަށް އޮތް ތަނުގައި މި ބަލި ފެތުރުން ހުއްޓުވޭނީ އަޅުގަނޑުމެން އާންމު ރައްޔިތުންނަށް މި ދޭ އިރުޝާދުތަކާ ލަފާ އާންމު ރައްޔިތުން ގަބޫލުކޮށް، އެކަންތައްތަކަށް އަމަލުކުރި މިންރަކުން،" ޑޮކްޓަރު ވިދާޅުވި އެވެ.

އެގޮތުންް ރާއްޖެއިން ބޭރުން އަންނަ ފަރާތްތައް 14 ދުވަހުގެ މުއްދަތަކަށް ގޭގައި އެކަހެރިވުމަށް އެންގުމުން އެކަމަށް ބޯލަނބައި ކިޔަމަން ވުމަށާއި، ސިއްހީ ކަމެއްގައި މެނުވީ ގެއިން ބޭރަށް ނުދާން ޑރ. ވަނީ ހަނދާކޮށްދެއްވައިފަ އެވެ.

ސިއްހީ ކަމެއްގައި ވެސް ބޭރަށް ދާއިރު، އެޗްޕީއޭއަށް ގުޅައި، އެޗްޕީއޭއިން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކަން ޑޮކްޓަރު އިލްތިމާސް ކުރެއްވިއެ ވެ. އަދި ކޮންމެހެން ޒަރޫރީ ކަމެއްގައި ނޫނީ ބޭރަށް ނުކުމެ ނޫޅުމަށާއި، ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދީ، ގޭގައި އެކަހެރިކޮށްފައި ތިބޭ މީހުން ވެސް ގޭގައި ދެން އުޅޭ މީހުންނާ ވީހާވެސް ދުރުން އުޅުމަށް ޑޮކްޓަރު ނަސޭހަތްތެރިވި އެވެ.

ޑރ. މުރާދު ވަނީ ބައްޔަށް ޕޮޒިޓިވް ވެގެން އެކި ފެސިލިޓީތަކުގައި އެކަހެރިކޮށްފައި ތިބި މީހުންނަށް ފަރުވާދިނުމުގައި ހަރަކާތްތެރިވަމުން އަންނަ ޑޮކްޓަރުންނާ، ނަރުހުންނާ އަދި މި މަސައްކަތުގައި ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ހުރިހާ ހިދުމަތްތެރީންގެ މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ޑޮކްޓަރު ވިދާޅުވީ މި މަސައްކަތުގައި އުޅެނީ ހަމައެކަނި އައިޖީއެމްއެޗްގެ ޑޮކްޓަރުން ނޫން ކަމަށާއި، ރާއްޖޭގެ ހުރިހާ ޑޮކްޓަރުންނާ އެހެނިހެން ސިއްހީ ހިދުމަތްތެރިން ވެސް މިކަމުގައި އުޅޭ ކަމަށެވެ.

އެގޮތުން މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަންގެ ފަރާތުން ވެސް ވަރަށް ގިނަ އެހީތަކެއް ފޯރުކޮށްދެމުން އަންނަ ކަމަށާއި އަދި އެހީތެރިކަމަށް ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނުން ކުރިއަށް ޖެހެން ތައްޔާރަށް ތިބިކަން އަންގާފައިވާ ކަމަށް ވިދާޅުވި އެވެ.

comment ކޮމެންޓް