ރިސޯޓުން ފިލި ދެމީހުން 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފި

ފުވައްމުލަކު މަގުމަތި

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިިއުލާނުކޮށް، ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން އެރުން މަނާކޮށްފައި ވަނިކޮށް، ރިސޯޓަކުން ފިލައިގެން ފުވައްމުލަކު ސިޓީއަށް ދިޔަ ދެ މީހުންގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 29 އަހަރުގެ މީހަކާއި 30 އަހަރުގެ މީހެކެވެ. އެ ދެމީހުންނަކީ ވެސް ދިވެހިންނެވެ.

މާލެ އަތޮޅުގެ ރިސޯޓެއްގައި މަސައްކަތް ކުރާ އެ ދެމީހުން ހައްޔަރުކޮށްފައި ވަނީ މި މަހުގެ 19 ވީ ބުރާސްފަތި ދުވަހު އަމިއްލައަށް ދަތުރު ހަމަޖައްސައިގެން ރިސޯޓުން ފިލައިގެން މާލެ އައިސް، 20 ވަނަ ދުވަހުގެ ރޭގެ ފްލައިޓުން ފުވައްމުލަކަށް ދިއުމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުވައްމުލަކު ސިޓީ މެޖިސްޓްރޭޓް ކޯޓަށް މިއަދު ހާޒިރުކުރުމުން، ދެ މީހުން 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

https://sun.mv/133493

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މާޗު 14 ވަނަ ދުވަހުގެ 18:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދިއުމާއި ރަށްރަށުން ރިސޯޓުތަކަށް މީހުން ދިއުން ވަނީ މަނާކޮށްފަ އެވެ.

އެ ފިޔަވަޅުގެ ދަށުން އެއް ރިސޯޓުން އަނެއް ރިސޯޓަށް އެއްވެސް މުވައްޒަފަކު ނުވަތަ ފަތުރުވެރިޔަކުވެސް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ. އެ އެންގުމަށް އަމަލުކުރުން ނިމޭނީ މިމަހު 28 ވަނަ ދުވަހަށެވެ.

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށް، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާ ހިލާފުވާ މީހުންނާ މެދު ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ދޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މަހުގެ 16 ވަނަ ދުވަހު ސައުތު ޕާމް ރިސޯޓުގެ މުވައްޒަފަކު ފަތާފައި އައްޑޫ ސިޓީ މީދޫއަށް އެރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. އެ މައްސަލައިގައި އެމީހާ ހައްޔަރުކޮށް ބަންދަަށް 15 ދުވަސް ވަނީ ޖަހައިފައެވެ.

comment ކޮމެންޓް