"ސަލާމަތުގެ އައްސޭރިއަށް ދިއުމުގެ ހުރަހަކީ އެންމެ މީހަކަށްވެސް ވެދާނެ"

މާރިޗް 21، 2020: ކޮވިޑް19 އާބެހޭގޮތުން ބާއްވަމުންދާ ސިލްސިލާ ބައްދަދުލުވުމުގެ ތެރެއިން - ސަން ފޮޓޯ/ އަހްމަދު ސައީދު

ކޮރޯނާވައިރަހަށް ރާއްޖެއިން ޕޮޒިޓިވް އިތުރު މީހަކު ނުފެނި، އަދި ޕޮޒިޓިވްވި މީހުން ބަލި ރަނގަޅުވަމުންދާ މި ހާލަތަކީ ކޮރޯނާއިން ސަލާމަތުގެ އައްސޭރިއަށް ދަތުުރުކުރެވޭ ވަގުތަށް ވެދާނެ ކަމަށާއި، ނަމަވެސް ބަލި ޖެހިފައިވާ ނުވަތަ އެކަހެރިކޮށްފައިވާ އެންމެ މީހަކަށް ކުރެވޭ ކަމަކުން މުޅި ގައުމަށް ނުރައްކާ ވެދާނެކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮރޯނާއަށް ޕޮޒިޓިވް އާ ކޭހެއް ނުފެންނަތާ ހަފްތާއެއްހާ ދުވަސް ވާން ގާތްވެފައިވާ އިރު ސަރުކާރުން ރޭ ވަނީ ރާއްޖެއިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ދެ މީހަކު ބަލިން ފަސޭހަވިކަން އިއުލާނުކޮށްފައެވެ. އަދި ތިންވަނަ މީހަކު ފަސޭހަވިކަން މިއަދު އިއުލާނުކުރިއެވެ.

ބައްޔާ ގުޅިގެން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާނުކޮށް، އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރިސޯޓުތަކާއި ރަށްރަށާ ދެމެދު މީހުން ދަތުރުކުރުން ހުއްޓުވާފައިވެއެވެ. އެހެން ނަމަވެސް މާލެ އަތޮޅުގެ ރިސޯޓަކުން ދެ މީހަކު ސިއްރުން ފުރައި، މާލެ އައިސް ރޭގެ ވަގުތެއްގައި ފުވައްމުލަކަށް ދަތުރުކޮށްފައި ވާތީ ފުލުހުން ރޭ ވަނީ އެ ދެމީހުން ހައްޔަރުކޮށްފައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް19 އާ ބެހޭ މައުލޫމާތު ދެއްވާ ތަރުޖަމާނު މަބުރޫކް ވަނީ އެ ހާދިސާއާ ގުޅިގެން ވަރަށް ނުރުހުންވެވަޑައިގެން ވާހަކަ ދައްކަވާފައެވެ.

މަބްރޫކް ވިދާޅުވީ މި ވަގުތު ރާއްޖެ އޮތީ ރތޫފާނެއްގެ ތެރޭގައި އޮތް ހިމޭން ހިސާބުގައިތޯ، ނުވަތަ ކޮރޯނާވައިރަހުން ސަލާމަތްވުމުގެ އައްސޭރިއަށް ދަތުރުކުރެވޭ ވަގުތުގައިތޯ ބަރޯސާވަނީ ރައްޔިތުންގެ ފަރުދީ ޒިންމާއަށް ކަމަށެވެ.

https://sun.mv/133488

"ބަލި ޖެހިފަ ހުރި މީހަކަށް ނުވަތަ ބަލީގެ އަލާމާތް ހުރި މީހަކަށް ކުރެވޭ ކަމަކުން މުޅި ގައުމު ނުރައްކަލަކަށް ލެވޭ ކަހަލަ ނުރައްކާތެރި ބައްޔެއް މިއީ. އެކަކުގެ ކިބައިން ތިން މީހުންނަށް، ތިން މީހުންގެ ކިބައިން ނުވަ މީހުންނަށް، ނުވަ މީހުންގެ ކިބައިން 27 މީހުންނަށް [ބަލި ފެތުރިދާނެ]،" އޭނާ ވިދާޅުވިއެވެ.

އަދި ވަކިން ހާއްސަކޮށް، ފަރުވާކުޑަ ކުރާ މީހެއްގެ ފަރާތުން ބަލި ޖެހުން އެންމެ ގާތީ އޭނާ އެންމެ ލޯބިވާ މީހުންނާއި އާއިލާގެ މީހުންނަށްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

"އެހެންވެ އައިސޮލޭޝަނުގައި ހުރުމަކީ ނުވަތަ އަޅުގަނޑުމެންގެ ޑޮކްޓަރުންގެ ޓީމުން ދޭ އިރުޝާދާ އެޗްޕީއޭގެ ނިންމުންތަކަކީ ލުއި ނިންމުންތަކެއް ކަމަށް ބަލައިގެން ނުވާނެ. މި ބަލީގެ ނުރައްކާ އަދިވެސް އިންތިހާއަށް ބޮޑު،" އޭނާ ވިދާޅުވިއެވެ.

ރިސޯޓަކުން ވަގަށް ފުރައިގެން މާލެ އައިސް ފްލައިޓެއްގައި ފުވައްމުލަކަށް ދަތުރުކުރި ދެ މީހަކު ރޭ ހައްޔަރުކުރި އިރު، މިދިޔަ ހަފްތާ ތެރޭގައި ވަނީ އައްޑޫ ސިޓީގެ ސައުތު ޕާމް ރިސޯޓުން އައްޑޫ މީދޫއަށް ފަތާފައި ދާން މަސައްކަތްކުރި މުވައްޒަފަކުވެސް ހައްޔަރުކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް