އިންތިހާއަށް ލޯބިވީމޭ... - 11

ޔަޝްފާ ޙުސައިންގެ އިންތިހާއަށް ލޯބިވީމޭ.... -

ރިޕޯޓްތައް ނަގަން ދާންޖެހޭ ވަގުތު ކުޑަތަންވެފައިވާތީ، އަވަހަށް ތައްޔާރުވެލައިގެން ޒެންހާ މެންނަށް ޖެހުނީ ހޮސްޕިޓަލަށް ދާށެވެ. ކައުންޓަރުގެ ކައިރިއަށް ދިޔައީ މިޝަލް އެވެ. ޒެންހާ އިނީ ގޮނޑިއެއްގައި އިށީނދެލައިގެންނެވެ. ރިޕޯޓުތަށް އަތަށް އެރުމާއިއެކު، މިޝަލް ބޭނުންވީ އޭގައި އޮތް އެއްޗެއް ބަލާށެވެ. ޒެންހާއަށް ދައްކަން ބޭނުން ނުވާތީ، އޭނަ އޭގައި އޮތް އެއްޗެއް ބެލީ ކައުންޓަރުގެ ކައިރީގައި، ޒެންހާއަށް ފުރަގަސްދީގެން ހުރެ އެވެ. ރިޕޯޓުގައި އޮތް އެއްޗެއް ފެނުމާއިއެކު، މިޝަލްގެ ފައިދަށުން ހީވީ ބިންގަނޑު ދެމިގަތް ހެންނެވެ.

********

ހުއްޓުން އަރާފައި މިޝަލް އިރުކޮޅަކު ހުއްޓެވެ. ދެން ކުއްލިއަކަށް ފަހަރަކު ރިޕޯޓެއް ބަލަން ފެށި ގޮތުން ކައުންޓަރުގައި އިން ކުއްޖާ ވެސް އެދިމާއަށް ބަލާލައިފި އެވެ. މިޝަލް އޭނަގެ ނިތްކުރީގައި އަތް ކާއްތައިލި އެވެ. އޭނައަށް ދޫކޮށްލެވުނީ ފުން ނޭވާ އެކެވެ. ރިޕޯޓުގައި އޮތް އެއްޗެއް ޤަބޫލު ކުރަން އޭނައަށް ދަތިވި އެވެ.

މިޝަލްގެ ތަބީޢަތު ބަދަލުވި އެވެ. އެ މޫނުމަތިން ފެނުނީ ގޮތް ހުސްވެފައިވާ ކަމުގެ ޢަޞަރު ތަކެވެ. އޭނަ ކަނދުރާގައި އަތް ކާއްތައިލައިމުން ޒެންހާއަށް ބަލައިލީ ތަފާތު ނަޒަރަކުންނެވެ.

ޒެންހާ އިނީ އޭނަގެ އަމިއްލަ ދުނިޔެ އެއްގަ އެވެ. އެ މޫނުމަތީގައި މާ ބޮޑު ޢަޞަރެއް ނެތެވެ. ދެ ފައި ހަރަކާތް ކޮށްލަ ކޮށްލައި އިންއިރު، އެ ނަޒަރު ހުއްޓިފައިވީ، އަރައިގެން އިން ބޫޓަށެވެ.

"ކިހިނެތްތޯ ވީ؟... މައްސަލަ އެއް އުޅެނީތޯ؟..." މިޝަލް ހުރި ގޮތުން ކައުންޓަރުގައި އިން ކުއްޖާ ސުވާލު ކުރި އެވެ.

މިޝަލް އެކުއްޖާއަށް ބަލައިލާފައި ބޯޖަހާލި އެވެ.

"މީ ހަމަ ރަނގަޅު ރިޕޯޓް ތަކެއްތޯ؟..." އަތުގައި އޮތް ކަރުދާސްތައް އެ ކުއްޖާއަށް ފެންނަ ވަރަށް މައްޗަށް އުފުލައިލަމުން، މިޝަލް ސުވާލު ކުރި އެވެ.

އެއްފަހަރު މިޝަލްގެ މޫނަށް އަނެއްފަހަރު ރިޕޯޓްތަކަށް ބަލައިލުމަށްފަހު، އެ ކުއްޖާ އެދުނީ އެ ތަކެއްޗާއިއެކު، ބަލި މީހާގެ ހޮސްޕިޓަލް ކާޑު އަނބުރައި ދިނުމަށެވެ. މިޝަލް އެ ދިނުމުން، ހުރިހާ ކަރުދާސްތަކެއް ވަކި ވަކީން ބެލި އެވެ.

"މީ ހަމަ ރަނގަޅު ރިޕޯޓްތަކެއް... މީގަ އެއްވެސް މައްސަލަ އެއް ނެތް..." މިޝަލް ދިން އެއްޗެހި އަނބުރާ ދިއްކޮށްލަމުން އެ ކުއްޖާ ބުންޏެވެ.

ލިޔުންތަކުގައި ހިފިއިރު، މިޝަލްގެ ނޭވާ ވަނީ އަވަސްވެފަ އެވެ. ވިސްނަންވީ ގޮތެއް ވެސް ނޭނގިފައި އޭނަ އިރުކޮޅަކު ހުއްޓެވެ. އެ ދެ ލޮލުގައި ކަރުނައިގެ ޢަޞަރުވި އެވެ. ދެލޯ ހަނިކޮށްލަމުން އޭނަ ޒެންހާއަށް ބަލައިލި އެވެ. އެ ހުރިހާ ކަމެއްގައި ކުށްވެރި ކުރަންވީ ކާކު ކަމެއް އޭނައަކަށް ނޭނގުނެވެ.

ޒެންހާ އިނީ ފޫހި ވެފައެވެ. އެތައް އިރެއް ވީ އިރުވެސް، މިޝަލްގެ ޚަބަރެއް ނުވުމުން އޭނަ ގޮނޑިން ތެދުވި އެވެ. ކައުންޓަރުގެ ކައިރީގައި މިޝަލް އެއް ނެތެވެ. މުޅި ތަން ހޯދި އިރުވެސް ޒެންހާއަކަށް މިޝަލް އެއް ނުފެނުނެވެ. އޭނަ އެންމެފަހުން ގޮސް، ކައުންޓަރުގައި އިން ކުއްޖާގެ ކައިރީގައި ސުވާލު ކުރި އެވެ. އެ ކުއްޖާ ބުނީ ޒެންހާގެ ރިޕޯޓުތައް ނެގި ފަހުން އެތައް އިރެއް ވެއްޖެ ކަމަށެވެ.

ޒެންހާގެ ހަށިގަނޑުގެ ވަރު ދޫވި އެވެ. ދެލޯ ފެންކަޅި ވިއެވެ. އެ ހިތުގައިވީ އުފެދުނީ އެތައް ޝަކުވާ އެކެވެ. އަޅާލާނެ އެއްވެސް މީހަކު ނެތް ތަނެއްގައި، މިޝަލް އޭނަ ދޫކޮށްލާފައި ދިޔައީ ހެއްޔެވެ؟

އިސްޖަހައިގެން ހިނގަމުން ގޮސް، ކުރިން ވެސް އިށީނދެގެން އިން ގޮނޑީގައި، ޒެންހާ އިށީނެވެ. އެހެން މީހަކަށް މޫނު ނުފެންނަ ވަރަށް އޭނަ އިސްޖަހާލި އެވެ. އެ ދެ ލޮލުން އޮހެން ތައްޔާރު ވެފައިވާ ކަރުނަތައް ހިފަހައްޓަން އުޅުނަސް، ޒެންހާ އަކަށް އެކަމެއް ނުކުރެވުނެވެ.

ވަގުތު ފާއިތުވަމުން ދިޔަ ވަރަކަށް، ފުރި ބާރުވެފައިވާ ހޮސްޕިޓަލުގެ ތެރެ، ހިމޭންވަމުން ދިޔަ އެވެ. ތަނުގެ ތެރެއިން، މަޑުމަޑުން މީހުން ހުސްވަމުން ގޮސް، ޒެންހާ އެކަނި ވިއެވެ. އުނގުމަތީ ބާއްވާލާފައި އޮތް ދެ އަތްތިލަ ޖޯޑު ކޮށްލައިގެން ޒެންހާ އިނެވެ. އޭނައަށް ވަނީ ހަދާނޭ ގޮތް ހުސްވެފަ އެވެ. ބަނޑުހައި ވެގެން އޭނަގެ ގައިގައި ކޮޅަށް އިންނާނޭ ހަކަތަ ވެސް ނެތެވެ. މުޅި ހަށިގަނޑުގައި މަޑު ތުރުތުރެއް އުފެދެމުން ދިޔަ ކަމުގެ އިޚްސާސް އޭނައަށް ކުރެވެމުން ދިޔަ އެވެ.

ޒެންހާއަށް ހިން ދިރުވައި ލެވުނެވެ. މިޝަލް ނާންނާނެ ކަމަށް ޤަބޫލު ކުރަން އޭނައަށް މަޖުބޫރު ވިއެވެ. ފަހު ފަހަރަށް ހޮސްޕިޓަލުގެ ވަށައިގެން ބަލައިލި ޒެންހާއަށް އިސްޖަހައި ލެވުނެވެ. އޭނަ މަގު މައްޗަށް ނުކުތީ ދާނެ ވަކި މިސްރާބެއް އޮވެގެނެއް ނޫނެވެ. އަތުގައި ފައިސާ އެއް ނެތެވެ. ފޯނު އޮތަސް، އެއިން ކުރެވޭނެ ބޭނުމެއް ވެސް ނެތެވެ.

މަގުމަތީގައި ވީ ފަނޑު އަލިކަމެކެވެ. ހިނގަމުންދިޔަ ޒެންހާ ސިހުނީ، އޭނަގެ ކޮނޑު މަތީގައި މީހަކު އަތް ބާއްވައި ލުމުންނެވެ. އެ ފިޔަވަޅުތައް ވަގުތުން ހުއްޓިއްޖެ އެވެ. ފަސްއެނބުރި ބަލައިލަން ވެސް ނުކެރިފައި ހުރި ޒެންހާގެ ދެލޯ ބޮޑުވީ އެ މީހެއްގެ ހިޔަނި ފެނުމުންނެވެ. އޭނަ ލާން އުޅުނު ނޭވާ ވެސް އެތެރެހަށީގައި ތާށި ވިއެވެ.

"ޒެންހާތަ؟... މިގަޑީގަ އެކަނި ކޮންތާކަށް ތިޔަ ދަނީ؟..." އިވުނީ ޒެންހާ ދަންނަ އަޑެކެވެ.

ޒެންހާ ލަސްލަހުން ފަސް އެނބުރުނެވެ. ކުރިމަތީގައި ހުރީ ޝުކޫރެވެ. ޒެންހާ ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލެވުނީ ދެނެވެ. އޭނައަށް މޭގައި އަތް ޖައްސައިލެވުނެވެ.

"މިތަންތާ ރޭގަނޑު އެކަނި އުޅުން އެހާ ރައްކާތެރި އެއް ނުވާނެ... ކޮބާ މިޝަލް؟..." ވަށައިގެން ހޯދައިލަމުން ޝުކޫރު ސުވާލު ކުރި އެވެ.

ބުނާނެ އެއްޗެއް ނޭނގިފައި ޒެންހާ ހުއްޓެވެ. އޭނަ އިސްޖަހައިލީ ދެ ލޮލަށް ކަރުނަ ޖަމާވާން ފެށުމުންނެވެ.

"ކިހިނެތްވީ؟... އަނެއްކާ މިޝަލް ކަމެއް ކުރީތަ؟..." ޒެންހާގެ ދެކޮނޑުގައި ހިފަހައްޓައިލަމުން ޝުކޫރު ސުވާލު ކުރީ ގާތް ގޮތަކަށެވެ.

ޒެންހާއަށް ގިސްލާފައި ރޮވެން ފެށުނެވެ. ނުރޯން އުޅުނަސް، އޭނައަށް ރޮވެނީ އެވެ. ފިރިމީހާގެ ވާހަކަ އެހެން މީހުން ކައިރީ ދައްކާކަށް އޭނަ ބޭނުމެއް ނުވި އެވެ. އަމުދުން ކާކު ކަން ވެސް ނޭނގޭ ނުވެސް ދަންނަ މީހެއްގެ ކައިރީގަ އެވެ.

އިސްޖަހާލައިގެން ހުރި ޒެންހާ ސިހުނީ، ކަނޑާ ވައްޓާލި ރުކެއްހެން، ބަނޑުވަތަށް ޝުކޫރު ވެއްޓުނު ތަން ފެނުމުންނެވެ. ޝުކޫރުގެ ފަހަތުގައި ހުރީ، ވިކްޔަން އެވެ. ވިކްޔަންގެ އަތުގައި ދަނޑިގަނޑެއް އޮތެވެ. ވީގޮތް ޒެންހާއަށް އެނގުނީ ދެނެވެ. ވިކްޔަން އެއިން ޝުކޫރުގެ ބޮލުގައި ޖަހައި، ހުރިތަނަށް ތިރިކޮށްލީ އެވެ.

ޒެންހާއަށް ވިސްނައިލާނޭ ފުރުޞަތެއް ވެސް ނުލިބުނެވެ. ބާރަށް ހަޅޭއްލަވައިގަންނަމުން، ވިކްޔަން އޭނަގެ އަތުގައި ހިފައިގެން ދުއްވައިގަނެފި އެވެ. ހީވީ ގައިގައި އަލިފާން ރޯވެގެން ދުއްވައިގަތް ހެންނެވެ. އެއްޗެއް ބުނަން ޒެންހާ މަސައްކަތް ކުރި އެވެ. ވިކްޔަންގެ އަތް ފޮޅުވައިލެވޭތޯ އޭނަ އުޅުނެވެ.

ވަކި ހިސާބަކަށް ގޮސްފައި ވިކްޔަން ހުއްޓުނެވެ. ވަށައިގެން ހޯދައިލި އެވެ. އޭނަ ޒެންހާގެ އަތުން ދޫކޮށްލީ އެއްވެސް ނުރައްކަލެއް ނެތްކަން ޔަޤީން ވުމުންނެވެ. ޒެންހާ ހުރީ ދެބުމަ ގޮށްޖަހާލައިގެންނެވެ. އޭނަ އެހާ ބަނޑުހައިވެފައި ހުއްޓައި، ވިކްޔަން އެ ކުރި ކަމަކުން ވާހަކަ ދައްކާނެ ހިތްވަރު ވެސް ގެއްލުނެވެ.

ވަރުބަލި ފިލުވާލައިގެން ޒެންހާ ހިނގައިގަތީ އޭނަ އެނބުރި އައި ކޮޅަށެވެ. ހިތާއިހިތުން ވިކްޔަން އާއި ދިމާއަށް ކުދި ކިޔަމުންނެވެ. ފަހަތުން ވިކްޔަން އައިސް ކުރި ބެއްދި އެވެ.

"މޮޔަ ވެގެންތަ ތިއުޅެނީ؟..." ޒެންހާ ހިތްހަމަނުޖެހިފައި ބުންޏެވެ.

"މޮޔަ ވީ އޭ؟... މަ؟..." މޭގައި އަތް ޖައްސައިލަމުން ވިކްޔަން ޖަހާލީ ލުއި ހިނިގަނޑެކެވެ.

ޒެންހާ ވިކްޔަންއަށް ބަލައިލާފައި ދެލޯ ހަނިކޮށްލި އެވެ. ދެން އަނެއްކާ ވެސް ކުރިއަށް ހިނގައިގަނެފި އެވެ.

"ގެ ހުރީ އެކޮޅުގަ އޭ..." ޒެންހާ ހިނގައިގަތުމުން ވިކްޔަން ބުންޏެވެ.

"ކާކުތަ ނޭނގިގެން އުޅެނީ..." ކުރިޔަށް ހިނގަމުންދިޔަ ޒެންހާ ވާހަކަ ދެއްކީ ވިކްޔަން އާއި ދިމާއަށް ބަލައިވެސް ނުލަ އެވެ.

"އަޖައިބެއް... ސަލާމަތް ކޮށްދިނީމަ ވެސް އަހަރެން ދޯ މި ގޯސްވީ..." ދެފަރާތަށް ބޯ ހޫރާލަމުން ވިކްޔަން ވާހަކަ ދެއްކީ އޭނަގެ އަމިއްލަ ނަފުޞަށެވެ.

މޫނަށް ވައްތަރެއް ޖައްސާލައިގެން ޒެންހާއަށް ބަލަން ވިކްޔަން އިރުކޮޅަކު ހުއްޓެވެ. ދެން އަނެއްކާވެސް ޒެންހާގެ ފަހަތުން ހިނގައިގަނެފި އެވެ. އޭނަ ބާރުބާރަށް ހިނގާފައި ގޮސް ޒެންހާ އާއި އަރައި ހަމަކުރި އެވެ.

"އެކޮޅަށް ނުދޭބަލަ... އެ މީހާ އައިސްދާނެ އޭ... ނޭނގެ އޭނަގެ ގްރޫޕް މީހުން ވެސް މިހާރު އެތާ ނެތް ކަމެއް... ޕާލީ ދެކެ އެކަނި ދޯ ބިރު ގަންނަނީ؟... މިހާރު ހިތަށް އަރާ އެސޮރު ގޮވައިގެން އާދެވުނު ނަމައޭ..." ވިކްޔަން އަނގަ ހުއްޓައި ވެސް ނުލަ އެވެ.

ޒެންހާއަށް އެ އަޑު އިވޭ ހެންވެސް ހީ ނުވެއެވެ. ކުރިޔަށް ހިނގަމުން ގޮސް އޭނަ ހުއްޓުނީ ޝުކޫރު ފެނުމުންނެވެ.

ޝުކޫރު ހުރީ، އޭނަގެ ބޮލުގެ ފުއްކިބައިގައި އަތް ޖައްސާލައިގެންނެވެ. ޒެންހާ ފެނުމުން އަވަހަށް ގޮސް އެ ދެއަތުގައި ހިފާލައިފި އެވެ. ކަންބޮޑުވެފައި، ހުރިހާ ކަމެއް ރަނގަޅުތޯ އޭނަ ސުވާލު ކުރި އެވެ. ވިކްޔަންގެ ދެ ލޯ ބޮޑުވި އެވެ. އޭނަ އަވަހަށް މަގުމަތީގައި ހުރި ގަހެއްގެ ނިވަލަށްވަދެ، ފިލި އެވެ. އޭނަ އެ މީހަކަށް ޙަމަލާ ދިނީ، ޒެންހާއަށް ގެއްލުމެއް ދޭން އުޅޭ މީހެއް ކަމަށް ހީކޮށެވެ. ފަހަރެއްގައި ވެސް ކާކު ކަން އެނގިގެނެއް ނޫނެވެ. ކައިރިވާން ވެސް ނުކެރިފައި ވިކްޔަން ތަންކޮޅެއް ދުރުގައި ބަލަން ހުއްޓެވެ.

"ކޮންމެވެސް މީހަކު ބޮލުގަ ޖަހާފަ އެ ފިލީ... ހާދަހާވާ ބާރަކަށޭ ޖެހީ... އަހަރެން ހީކުރީ ވަގެއް ކަމަށް... އެކަމަކު ހުރިހާ އެއްޗެއް ވެސް ހަމައަށް އެބަހުރި..." ޝުކޫރު އޭނާގެ ބޮލުގައި ފިރުމަމުން ވާހަކަ ދެއްކި އެވެ.

"އެ ވާނީ މޮޔައަކަށް..." ވިކްޔަން ހުރި ދިމާއަށް ބަލައިލަމުން ޒެންހާ ބުންޏެވެ.

ޝުކޫރު ދިޔައީ ޒެންހާއަށް ޓެކްސީ އެއް ހޯދައިދީފައި، އެއަށް ފައިސާ ވެސް ދައްކާފަ އެވެ. ޓެކްސީ ނައްޓާލުމުގެ ކުރިން، ވިކްޔަން އޭގެ ތެރެއަށް ދެމިގަތެވެ. ޒެންހާ އިނީ ދެ ތުންފަތް ފިތާލައިގެންނެވެ.

"އަހަރެން ހީކުރީ... ޕެރޮޓްއަށް ގެއްލުމެއް ދޭން އުޅުނު މީހެއް ކަމަށޭ..." ބޮލުގައި އަތުން ޖަހާލަމުން ވިކްޔަން ބުންޏެވެ.

"ޕެރޮޓް؟..." ޒެންހާ އޭނާގެ ދެބުމަ ގޮށްޖަހައިލަމުން ވިކްޔަންއަށް ބަލައިލި އެވެ.

"އާނ... ދެން ކީކޭ ކިޔާނީ؟... ނަން ވެސް ބުނީކީ ނޫނެއްނު..." ވިކްޔަން ވާހަކަ ދެއްކީ ލާނެތް ރާގަކަށެވެ.

********

ބަލި މީހުން ބެލުމަށް ޚާއްސަ ކުރެވިފައިވާ ކޮޓަރިތެރެ އޮތީ ހިމޭންވެފަ އެވެ. މޭޒު މަތީގައި އަތުރާލާފައިވާ ކަރުދާސްތަކަށް ބަލަހައްޓައިގެން މިޝަލް އިނެވެ. އޭނަގެ ކުރިމަތީގައި އިނީ ޒެންހާ ދެއްކި ޑޮކްޓަރެވެ. ދެ މީހުންގެ މޫނު މަތީގައި ވެސް ވީ ނުތަނަވަސް ކަމެވެ.

"އަލުން މި ރިޕޯޓްތައް ހައްދަން އަހަރެން ބޭނުން..." މިޝަލް ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ.

"ލުކް... އަލުން ހެއްދިޔަސް، މި ރިޕޯޓްތައް ބަދަލު ނުވާނެ ކަމުގެ ޔަޤީންކަން އަޅުގަނޑު މިދެނީ... ބޭކާރު ފައިސާތަކެއް ޚަރަދު ވާނީ..." ގޮނޑިން ތެދުވަމުން ޑޮކްޓަރު ވާހަކަ ދެއްކީ ވިސްނައިދޭ ކަހަލަ ރާގަކަށެވެ.

"ޓެސްޓްތައް އަލުން ހައްދަން ބޭނުމިއްޔާ، މާދަމާ އާދޭ..." ކޮޓަރިން ނުކުންނަމުން ޑޮކްޓަރު ބުންޏެވެ.

ޑޮކްޓަރުގެ ކޮޓަރިން ނުކުތް މިޝަލް އޭނަގެ އަތުކުރީގައި އަޅާފައި އޮތް ގަޑިއަށް ބަލައިލި އެވެ. އޭނަގެ ދެލޯ ބޮޑުވީ އެހާ ލަސްވެފައި ހުރިކަން އެނގުމުންނެވެ. ޑޮކްޓަރާއި ބައްދަލު ކުރެވޭނޭ ގޮތެއް ނުވެގެން އޭނައަށް ކިޔޫގައި އެތައް އިރަކު މަޑުކުރަން ޖެހުނެވެ. ޒެންހާގެ މަތީން ހަނދާންވެ، މިޝަލް އެދިމާއަށް ދިޔަ އެވެ. މުޅި ތަން ހޯދި އިރުވެސް އޭނައަކަށް ޒެންހާ އެއް ނުފެނުނެވެ.

މިޝަލް ހާސްވެގެން ތެޅިގަތެވެ. އެތައް އިރަކު ޒެންހާ ހޯދާފައި އޭނަ އެނބުރި ހޮޓަލަށް ދިޔައީ، ޒެންހާ ގެއްލިގެން ފުލުހުންނަށް މައްސަލަ ހުށަހަޅާފަ އެވެ.

މިޝަލްގެ ފިޔަވަޅުތައް ހުއްޓުނީ ހޮޓަލުގެ ތެރެއަށް ވަދެވެން ހުންނަ ސިޑި މަތީގައި އިން ޒެންހާ ފެނުމުންނެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސް ކަމެވެ. އޭނަ އަވަހަށް ފުލުހުންނަށް ގުޅައި، ހުށަހެޅި މައްސަލަ އަނބުރާ ނެގި އެވެ.

މިޝަލް މަޑު ހިނގުމެއްގައި ގޮސް ޒެންހާގެ ކައިރީގައި އިށީނެވެ. ޒެންހާ އިސް އުފުލައި މިޝަލްއަށް ބަލައިލި އެވެ. ރޮއެފައި ހުރިކަން، ރަތްވެފައިވާ އެ ދެ ލޮލަށް ބަލައިލި ކޮންމެ މީހަކަށް އެނގޭނެ އެވެ. މިޝަލް ފެނުމުން، ޒެންހާ އަވަހަށް އިސްޖަހައިލި އެވެ.

"ސޮރީ..." ފާއިތުވެގެންދިޔަ ހަމަހިމޭންކަމުގެ ވަގުތުކޮޅަށްފަހު، އިސްވެ އަނގައިން ބުނީ މިޝަލް އެވެ.

ޒެންހާ އެއްޗެއް ނުބުންޏެވެ. އުނގުމަތީގައި އޮތް ދަބަހުގައި ބާރަށް ހިފަހައްޓާލައިގެން، އޭނަ އިނީ ގުޑި ވެސް ނުލަ އެވެ.

"ވަރަށް ލަސްވެއްޖެ ހިނގާ އެތެރެއަށް..." މިޝަލް ވާހަކަ ދެއްކީ އިންތަނުން ތެދުވަމުންނެވެ.

ޒެންހާ ވަކި އެއްޗެއް ނުބުނެ ތެދުވި އެވެ. އޭރުވެސް އޭނަ ހުރީ އިސްޖަހައިގެންނެވެ. ޒެންހާގެ މޫނަށް ބަލަން ހުރެފައި މިޝަލް ވެސް އިސްޖަހައިލި އެވެ.

"ޑޮކްޓަރާ ބައްދަލު ކޮށްލާފަ މިއައީ... މާދަމާ ބައެއް ރިޕޯޓް ހައްދަން އަލުން ދާންޖެހޭ... ނުވައެއް ޖަހާއިރަށް ތައްޔާރު ވައްޗޭ..." ކޮޓަރި އާއި އަރައި ހަމަވެފައި މިޝަލް ބުންޏެވެ.

ޒެންހާއަށް ކުއްލިއަކަށް އޭނަގެ އަތުގައި އޮތް ދަބަހުގައި ބާރަށް ހިފަހައްޓާލެވުނެވެ. އޭނަ ބޯ ޖަހާލީ މިޝަލް ތަކުރާރުކޮށް ގަޑިއަށް ތައްޔާރު ވުމަށް އެދުމުންނެވެ. ޒެންހާގެ އެ މަޑުމައިތިރިކަމުން މިޝަލްއަށް އުނދަގޫ ވިއެވެ. އޭނައަށް އަމިއްލަ ނަފުޞު ކުށްވެރި ކުރެވުނެވެ.

ކޮޓަރިއަށް ފުރަތަމަ ވަނީ މިޝަލް އެވެ. ޒެންހާ ވަނީ މިޝަލްގެ ފަހަތުންނެވެ. ތުވާލި ހިފައިގެން މިޝަލް ގޮސް ފާޚާނާއަށް ވަންނަންދެން ބަލަން ޒެންހާ ހުއްޓެވެ. ދެން އެ ނަޒަރު ހުއްޓުނީ އަތުގައި އޮތް ދަބަހަށެވެ. އެއިން އޭނަ ނެގީ ހުދުކުލައިގެ ސިޓީ އުރަ އެކެވެ. ސިޓީއުރަ ގެންގޮސް މޭގައި ޖައްސައިލިއިރު، ޒެންހާގެ ދެ ލޯ ވަނީ ފެންކަޅި ވެފަ އެވެ.

(ނުނިމޭ)

comment ކޮމެންޓް