ރ. އަތޮޅު ދެ ރަށެއްގައި ބަޔަކު ތިޖޫރީތަކެއް ފަޅާލަން އުޅެފި

ރ. އިންނަމާދޫ: ބަޔަކު ތިޖޫރީ ފަޅާލަން އުޅެފައިވަނީ އިންނަމާދޫ އާއި އެ އަތޮޅު ކިނޮޅަހުން -- ފޮޓޯ/ އިންނަމާދޫ ފޭސްބުކް ޕޭޖް

ރ. އަތޮޅު އިންނަމާދޫ އިންޖީނުގެއާއި އެ އަތޮޅު ކިނޮޅަހު ކައުންސިލު އިދާރާގެ ތިޖޫރީ ފަޅާލަން ބަޔަކު އުޅެފިއެވެ.

ފުލުހުން މިއަދު ބުނީ ރ. އިންނަމާދޫގެ އިންޖީނުގެ އޮފީސް ބައިގެ ތިޖޫރީ ފަޅާލުމަށް މަސައްކަތްކޮށްފައިވަނީ އެތަނުގައި މަސައްކަތްކުރާ ސެކިއުރިޓީ ގާޑު ބަނުމަށްފަހުގައި ކަމަށެވެ.

ގާޑު ބަނުމަށްފަހު ތިޖޫރީ ފަޅާލަން މަސައްކަތްކޮށްފައިވަނީ މޫނު ނިވާކޮށްގެން ތިބި ބައެއް ކަމަށް ފުލުހުން ބުންޏެވެ. އިންޖީނުގޭ ތިޖޫރީ ފަޅާލަން މަސައްކަތްކޮށްފައިވަނީ ރޭ 04:00 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ކިނޮޅަހު ކައުންސިލަށް ވަދެ އެތަނުގެ ތިޖޫރީ ފަޅާލަން އުޅުނު މީހުން ވަނީ ކައުންސިލު އިދާރާ އަށް ގެއްލުން ދީފައިވާ ކަމަށްވެސް ފުލުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ދެރަށުންވެސް ތުހުމަތުކުރެވޭ ބައެއް ތަންތައް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ފުލުހުނަށް މައުލޫމާތު ލިބޭގޮތުގައި ދެ ރަށުގެ ތިޖޫރީ ފަޅާލަން މަސައްކަތްކޮށްފައިވަނީ ބޭރުން ބަޔަކު އެރަށަށް އަރައެވެ. އެމީހުން ރަށަށް އަރާފައިވަނީ ޑިންގީއެއްގައިކަމަށް ފުލުހުން ބުނެއެވެ.

އެހެންނަމަވެސް އެ މައްސަލައިގައި އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން ގެންދާކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް