ސަރުކާރު ބަންދު ވިޔަސް މޯލްޑިވް ގޭސްގެ ހިދުމަތް ލިބޭނެ

ލުއިފުޅި ޕްރޮމޯ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ދުނިޔޭގޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސްގެ ބަލިމަޑުކަމާ ގުޅިގެން، 19 މާޗް އިން ފެށިގެން 26 މާޗްގެ ނިޔަލަށް ސަރުކާރު ބަންދު ކުރި ނަމަވެސް މޯލްޑިވް ގޭސްގެ ހިދުމަތް ދޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މޯލްޑިވް ގޭސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުރިޔަށް އޮތް ހަފްތާ ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައެޅައިފައިވީ ނަމަވެސް މޯލްޑިވް ގޭސް އިން ދެމުން އަންނަ ހުރިހާ ހިދުމަތެއް ކުރިންވެސް ދެމުން ގެންދިޔަގޮތަށް މެދުކެނޑުމެއްނެތި ލިބިގެންދާނެ ކަމުގެ ޔަގީންކަން ކަސްޓަމަރުންނަށް އަރުވާ ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ، ކޮރޯނާވައިރަސްގެ ބަލިމަޑުކަން އިންތިހާއަށް ފެތުރެމުން މިދާ އުނދަގޫ ދަޑިވަޅުގައި ވެސް ކުންފުނީގެ ހިދުމަތް ހޯދަމުން އަންނަ ކަސްޓަމަރުން ކުރިއެކޭ އެއްގޮތަށް އެކަތި ގަނޑަކަށްވެ ހިދުމަތް ހޯދަމުން ގެންދަވާނެ ކަމަށް ޔަގީން ކުރާ ކަމަށެވެ.

އޭގެ އިތުރުން ކަމާބެހޭ މުއައްސަސާ އަދި އިދާރާތަކުން ދެމުންގެންދާ އިރުޝާދުތަކަށް އަމަލުކުރުމަށް ވެސް މޯލްޑިވް ގޭސްގެ ބަޔާނުގައި އިލްތިމާސްކޮށްފައިވެ އެވެ.

މޯލްޑިވް ގޭސްގެ ހިދުމަތް ރަސްމީކޮށް ފެށިގެންދިޔައީ ތިނެއް އޮކްޓޫބަރު 1999 ވަނަ އަހަރު އެވެ. މިހާރު އެ ކުންފުނީގެ ހިދުމަތް މާލޭގެ އިތުރުން ހުޅުމާލެ އާއި ވިލިމާލޭގެ އިތުރުން ތިލަފުށިން ވެސް ލިބިގެންދެ އެވެ.

މާލޭގެ އިތުރުން އަތޮޅުތެރޭން ވެސް ހިދުމަތް ދެމުންމ އަންނަ މޯލްޑިވް ގޭސް އަކީ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ކައްކާ ގޭސްގެ އިތުރުން މުޅި ރާއްޖެއަށް ބޭނުންވާ މެޑިކަލް ގޭސް އަދި އިންޑަސްޓްރިއަލް ގޭސް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމުގެ ޒިންމާ އަދާކުރަމުން އަންނަ ކުންފުންޏެކެވެ.

comment ކޮމެންޓް