ވޯޓު ބާތިލުވާ މާއްދާއަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

ރިޔާސީ އިންތިހާބުގައި ބޭނުންކުރި ވޯޓު ކަރުދާސް ދައްކާލަނީ: ވޯޓު ބާތިލުވާ މާއްދާއަށް ގެނައި އިސްލާހު މިއަދު ވަނީ ތަސްދީގުކޮށްފައި -- ސަން ފޮޓޯ: ފަޔާޒު މޫސާ

ލޯކަލް ކައުންސިލް އިންތިހާބުގައި ބާތިލު ވޯޓު ގިނަވާނެ ކަމަށް ބެލެވޭތީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގުކުރައްވައިފި އެވެ. އެވެ.

ސަރުކާރުގެ ފަރާތުން އައްޑޫ މީދޫ ދާއިރާ މެމްބަރު، ރޮޒައިނާ އާދަމް ހުށަހެޅުއްވި އެ އިސްލާޙު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިމަހު 10 ވަނަ ދުވަހު އެވެ.

އެ އިސްލާހު ތަސްދީގުކޮށް، މިހާރު ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިއުކޮށްފަ އެވެ.

އެ އިސްލާހުގައި ބުނެފައި ވަނީ، އިންތިހާބު ކުރަން ޖެހޭ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ހާލަތުގައި ބާތިލު ވާނީ މުޅި ވޯޓް ކަރުދާސް ނޫން ކަމަށާއި ބާތިލް ވާނީ ހަމައެކަނި ވޯޓް ކަރުދާހުގައި އިތުރަށް ވޯޓް ލެވިފައި އޮންނަ ބައި އެކަނި ކަމަށެވެ.

ގާނޫނު ކުރިން އޮތް ގޮތުން އިންތިހާބު ކުރަން ޖެހޭ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ކޮންމެ ވޯޓު ކަރުދާހަކީ ބާތިލު ވޯޓެއްގެ ގޮތުގައި ކަނޑައަޅަން ޖެހެ އެވެ.

އެ އިސްލާހު މަޖިލީހުން މިއަދު ފާސްކުރީ، ޖަލްސާއަށް ހާޒިރުވި 58 މެމްބަރުންގެ އިއްތިފާގުންނެވެ.

ލާމަރުކަޒީ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުތަކާއެކު ކައުންސިލް ރައީސް އަދި ސިޓީތަކުގެ މޭޔަރުންނައަކީ ވަކިން އިންތިހާބު ކުރަން ޖެހޭ މީހުންނެވެ.

މިފަހަރު އިންތިހާބުގެ ވޯޓު ކަރުދާހުގައި އަތޮޅު ކައުންސިލް ރައީސް، ކައުންސިލް ރައީސް، އަންނަހެނުނަށް ހާއްސަ ކުރާ ޖާގަ އަދި މެމްބަރުންގެ ވޯޓުލާން ޖެހޭނީ އެއް ކަރުދާހެއްގަ އެވެ. ޖުމްލަ ހަތަރު މަގާމަކަށް އެ ކަރުދާހުގައި ވޮޓުލާން ޖެހެ އެވެ. ސިޓީތަކުން ނަމަ، މޭޔަރުގެ ވޯޓާއި ދާއިރާގެ މެމްބަރުގެ ވޯޓުވެސް އޮންނާނީ އެއް ކަރުދާހެއްގަ އެވެ.

ކުރިން އަންނަ މަހު ހަތަރު ވަނަ ދުވަހަށް ތާވަލްކުރި އިންތިހާބު، އާންމު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު ވަނީ އަންނަ މަހު 18 އަށް ފަސްކޮށްފަ އެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ފަހުން ވަނީ އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސްކުރުމަށް ސުޕްރީމް ކޯޓަށް ވަނީ ދުސްތޫރީ މައްސަލައެއް ހުށަހަޅާފަ އެވެ.

comment ކޮމެންޓް