ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭން ކަނޑައަޅާފައިވާ ފައިސާގެ ތެރެއިން އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް ދޭން ޖެހޭ ފައިސާ ދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނީ މިއަދާ ހަމައަށް އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓު އީސީއަށް ހުށަހަޅާފައި ވަނީ އެމްޑީޕީ އާއި ޖޭޕީއިން އެކަނި ކަމަށެވެ.
އެހެންކަމުން އެ ދެ ޕާޓީއަށް ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ފައިސާ ދޭން މިއަދު އެ ކޮމިޝަނުން ނިންމާފައިވާ ކަމަށް އެ ޓުވީޓުގައި ބުންޏެވެ.
ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭ ފައިސާގެ އެހީ ދެނީ އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ދަފުތަރަށް ބަލައިގެންނެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އީސީއިން އާންމު ކުރި ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ އަދަދުތަކަށް ބަލާއިރު ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ މިންވަރަށް މެންބަރުންގެ އަދަދު ހަމަވަނީ ތިން ސިޔާސީ ޕާޓީ އެއްގަ އެވެ. އެއީ އެމްޑީޕީ އާއި ޕީޕީއެމާއި ޖޭޕީ އެވެ.
އޭރު ހާމަކުރި ގޮތުގައި އެމްޑީޕީގެ މެންބަރުންގެ އަދަދަކީ 54،101 އެވެ. ޕީޕީއެމްގައި 36،078 މެމްބަރުން ތިބި އިރު ޖޭޕީގައި ތިބީ 11072 މެންބަރުން ކަމަށް އޭރު އީސީއިން ހާމަކުރިއެވެ.