މެމްބަރުންގެ މުސާރައިން 20 ޕަސަންޓު އުނިކޮށްދޭން އެމްޑީޕީން އެދެއްޖެ

އެމްޑީޕީ ޕީޖީ މެމްބަރުން: މެމްބަރުންގެ މުސާރައިން 20 ޕަސަންޓު އުނިކުރުމަށް އެޕާޓީން ވަނީ އެދިފައި --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ރައްޔިންތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 20 ޕަސަންޓު އުނިކޮށްދޭން އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުުން އެދިއްޖެއެވެ.

އެމްޑީޕީ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާ މެމްބަރު އަލީ އާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މެމްބަރުންގެ މުސާރައިން 20 ޕަސަންޓު އުނިކޮށްދިނުމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން އެ މަޖިލީހުގެ ރައީސް ނަޝީދު މެދުވެރިކޮށް މާލިއްޔަތު ކޮމިޓީއަށް ހުށަހެޅައިދިނުމަށް މިއަދު އެދިފައިވާ ކަމަށެވެ.

ރައްޔިންތުންގެ މަޖިލީހުގެ މެމްބަރެއްގެ މުސާރައަކީ މަހަކު 42،500 ރުފިޔާއެވެ. މުސާރައިގެ 20 ޕަސަންޓަކީ، 8،500 އެވެ. މަޖިލީހުގެ 87 މުސާރައިގެ 20 ޕަސަންޓަކީ ޖުމްލަ 739،500 ރުފިޔާއެވެ.

މުސާރައިގެ އިތުރަށް މެމްބަރުންނަށް 40،000 ރުފިޔާއާ ހަމައަށް އެލަވަންސްވެސް ލިބެއެވެ. އެއީ 20،000 ރުފިޔާގެ ލިވިންގް އެލަވަންސާއި ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000 ރުފިޔާއެވެ. އޭގެ ތެރެއިން ކޮމިޓީ އެލަވަންސަކީ މެމްބަރުގެ ކޮމިޓީ ހާޒިރީއަށް ބަލާފައި ދޭ އެލަވަންސެކެވެ.

ރައްޔިންތުންގެ މަޖިލީހުގެ ގަވައިދުގެ 272 މާއްދާގައި ބުނެފައިވަނީ، މެންބަރެއްގެ މުސާރައާއި އިނާޔަތްތައް ކެނޑުމަށް ގޮތެއް ނިންމުމުގައި ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މަޖިލީހުގެ ތިންބައިކުޅަ ދެބައި ގެ އަގްލަބިއްޔަތުން ފާސްކުރަންވާނެ ކަމަށެވެ.

އެމްޑީޕީން ޕީޖީން މުސާރައިން 20 ޕަސަންޓު އުނިކުރުމަށް ނިންމިއިރު، މަޖިލީހުގެ ހަރަދުން 19.3 މިލިއަން ރުފިޔާ ކުޑަކުރުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވަނީ އެދިވަޑައިގެންފައެވެ.

މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެއީ ކޮށްދެވޭނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި، މިހާރު އެކައުންޓުތައް ބައްލަވައިގެން 19.3 މިލިއަން ރުފިޔާ އުނިކުރެވޭނެ ބައިތައް ހޯއްދަވައިދެއްވުމަށް މަޖިލީހުގެ ނައިބު ރައީސްގެ ފަރާތުން އެދިވަޑައިގެންފައިވާ ކަމަށެވެ.

ކޮރޯނާވައިރަހާ ގުޅިގެން ގައުމާ މުހާތަބު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ބުރާސްފަތު ދުވަހު ވިދާޅުވީ، ވައިރަހާ ގުޅިގެން އިގްތިސޯދަށް ވަރަށް ބޮޑު ހީނަރުކަމެެއް އަންނާނެ ކަމަށެވެ. އެގޮތުން ލިބޭ އާމްދަނީ 6.9 ބިލިއަނެއްހާ ރުފިޔާ މަދުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޖީޑީޕީ ކުރިއަރާ މިންވަރު ހުންނާނީ، 0.5 ޕަސެންޓާއި މައިނަސް 5.6 ޕަސަންޓާ ދެމެދުގެ މިންވަރެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ.

އިއްޔެ ސާކް ގައުމުތަކުގެ ވެރިންނާއެކު ބޭއްވި ޓެލެކޮންފަރެންސްގައި ރައީސް ވިދާޅުވީ، ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ އާމްދަނީ ބޮޑުތަނުން ދަށްވެ، 450 މިލިއަން ޑޮލަރު މަދުވާނެ ކަމަށެވެ.

ސަރުކާރުން ވަނީ މިހާރު އިދާރާތަކުގެ ހަރަދުތައް ކުޑަކުރުމަށް ނިންމާފައެވެ. ނަމަވެސް މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށާއި މަޝްރޫއުތައް މަޑު ޖައްސާލުމުގެ ވިސްނުމެއް ނެތްކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މިހާތަނަށް ރާއްޖޭގެ ހަތަރު ރިސޯޓަކާއި ސަފަރީއަކުން 13 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ.

comment ކޮމެންޓް