ސިނަމާތައް ވަގުތީގޮތުން ބަންދުކުރަން އަންގައިފި

ދިވެހި ފިލްމެއް ޕްރިމިއާ ކުރުމަށް އޮލިމްޕަސް ސިނަމާގައި ބޭއްވި އިވެންޓެއްގެ ތެރެއިން ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގައި ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލުކުރުމުގެ ގޮތުން ސިނަމާތައް ވަގުތީގޮތުން ބަންދުކުރުމަށް އަންގައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާނޫނުގެ 34 ވަނަ މާއްދާގެ (ށ)ގެ ދަށުން، ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން ލިބިދޭ ބާރުގެ ދަށުން ރާއްޖޭގައި ހިންގާ ހުރިހާ ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ދެ ހަފްތާއަށް ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ކޮރޯނާވައިރަހާ ގުޅިގެން މި ދުވަސްވަރު ސިނަމާތަކުގައި އަޅުވާ ފިލްމުތައް ދެއްކުން ވަނީ ގިނަ ފަރާތްތަކުން މެދުކަނޑާލާފައެވެ.

އެގޮތުން އެންމެ ދުވަސްވީ ތިއޭޓަރު ކަމަށްވާ އޮލިމްޕަހުއި މި ދުވަސްވަރު އަޅުވަމުން ދިޔައީ މަޝްހޫރު އެކްޓަރު އަލީ ސީޒަންގެ "އަނދިރިކަން"އެވެ. ނަމަވެސް ކޮރޯނާއާ ގުޅިގެން މީހުން އެއްވެ އުޅުން މަދުކުރުމަށް އެންގުމާ ގުޅިގެން ފިލްމު އެޅުވުން ހުއްޓާލާފައިވާ ކަމަށް ސީޒަން ބުންޏެވެ.

އޮލިމްޕަސްގެ އިތުރުން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސިނަމާގެ ހިދުމަތް ފޯރުކޮށްދެނީ "ޝްވެކް" އިންނެވެ. ޝްވެކްގެ އައުޓްލެޓް އެއް މާލެ އާއި ހުޅުމާލޭގައިހުރެއެވެ.

މާލޭގެ އިތުރުން ރަށްރަށުގައި ފިލްމު ފަދަ އުފެއްދުންތައް އަޅުވާ ހަދަނީ ރަށުގައި ހުންނަ އިޖުތިމާއީ މަރުކަޒުތަކުގައެވެ.

comment ކޮމެންޓް