ކޮރޯނާއާ ގުޅިގެން އެސްއެމްއީތަކުން އެދޭ ހަ ކަމެއް

މާފުށީ ގެސްޓްހައުސަކަށް ދެ ފަތުރުވެރިޔަކު ވަންނަނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ކޮވިޑް19 ފެތުރެމުންދާ މި ދުވަސްވަރުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ދެމެހެއްޓުމަށް ބޭނުންވާ ކަންތައްތަކެއް ފާހަގަކޮށް، އެ ކަންކަމުގައި އެހީވުމަށް އެސްއެމްއީ އެންޑް އޮންޓްރަޕްރިނާސް ފެޑެރޭޝަން އޮފް މޯލްޑިވްސް (ސެފްއެމް)އިން ގޮވާލައިފިއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަމްސީލުކުރާ ސެފްއެމްއިން ނެރުނު ބަޔާނެއްގައި އެ ޖަމިއްޔާއިން ވަނީ ކުދި ވިޔަފާރިތަކަށް ފުރުސަތު ފަހިވާނެ ގޮތަށް ބޮޑެތި ކުންފުނިތަކުން ވިޔަފާރިކުރުމަށް ގޮވާލާފައެވެ. އަދި އިގްތިސާދުގައި ދައުރުވާ ފައިސާ ރާއްޖޭގައި ހިފެހެއްޓުމަށްޓަކައި މިހާރަށް ވުރެ ބޮޑަށް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލިއެވެ.

ހަމައެއާއެކު އެސްއެމްއީތަކަށް ބޭންކުތަކުން ދޫކޮށްފައިވާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓު ދަށްކުރުމަށާއި އެކަށީގެންވާ ސަބަބެއް ނެތި ލޯނުތަކުގެ ޕްރޮސެސިން މުއްދަތު 15 ދުވަހަށް ވުރެ ދިގު ނުކުރުމަށް ވެސް ގޮވާލިއެވެ. އަދި މިއީ ތަހުޒީބުވެފައިވާ މުޖުތަމައުތަކުގައި އަމަލުކުރަމުން އަންނަ ގޮތް ކަމަށް ވެސް ސެފްއެމްއިން ބުންޏެވެ.

ސެފްއެމްއިން ބުނީ ރާއްޖޭގައި އުފައްދާ ބާވަތްތައް އިތުރުކުރުމަށް މާސްޓާޕްލޭނެއް އެކުލަވާލަން ފެންނަ ކަމަށެވެ. އެ ޕްލޭންގެ ދަށުން އިސްކަންދޭ ދާއިރާތައް ކަނޑައަޅައި، އެ ދާއިރާތަކުން ދަށް އިންޓްރެސްޓް ރޭޓެއްގައި ލޯނާއި ބޭރުގެ ފަންނީ އަދި މާލީ އެހީ އަވަހަށް ލިބޭނެ ގޮތްތައް ހަމަޖައްސައިދިނުމަށް އެ ޖަމިއްޔާއިން އެދުނެވެ.

މި ދަނޑިވަޅުގައި ކުދި/މެދު ފަންތީގެ ވިޔަފާރިތަކަށް އަންނަ ހީނަރުކަމާއެކު ގިނަ ބައެއްގެ ވަޒީފާ ގެއްލޭ ފަދަ ހާލަތެއް އަތުވެދާނެކަމަށް ތައްޔާރުވުމަށްޓަކައި އެފަދަ ފަރާތްތަކުގެ ދަފްތަރެއް ހެދުމަށްވެސް ސެފްއެމްގެ ބަޔާނުގައި ލަފާ ދިނެވެ. އަދި ވިޔަފާރިތަކުގެ ހަކަތަ ހިފެހެއްޓޭނެ ފަދަ ނިޒާމެއް ވީ އެންމެ އަވަހަކަށް ގާއިމުކުރުމަށް ވެސް ގޮވާލިއެވެ.

ދިވެހިންނަށް ނަފާ ލިބޭ، އަދި ދެމެހެއްޓެނިވި އިގްތިސާދަކަށް މަގުފަހި ކުރުމަށްޓަކައި ސަރުކާރުގެ މަޝްރޫއުތައް ދިވެހި ވިޔަފާރިތަކަށް ދިނުމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވާދަކުރެވޭނެ މާހައުލެއް މާނަވީ ގޮތަކަށް ދިނުމަށް ވެސް ސެފްއެމްއިން ވަނީ ގޮވާލާފަ އެވެ.

މި ދަނޑިވަޅުގައި ފިސްކަލް ޕޮލިސީ ހަރުދަނާ ކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް ސެފްއެމްއިން ފާހަގަކުރިއެވެ. އެގޮތުން މުދަލާއި ހިދުމަތްތަކަށް ނެގޭ އަގަކީ ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން ދައުރުވާ ފައިސާކަމުގައި ހެދުމަށާއި އާދަޔާ ހިލާފަށް އަގުބޮޑުކޮށް ނުވަތަ އަގުހެޔޮކޮށް ދޭ ހިދުމަތްތައް މޮނީޓަރު ކުރަންވާނެކަމަށް ސެފްއެމްއިން ބުނެއެވެ.

މީގެ އިތުރުން ބޭރު ފައިސާގެ ބްލެކްމާކެޓް ހުއްޓުވޭނެ ނިޒާމެއް ގާއިމުކުރުމަށްވެސް ސެފްއެމްއިން ވަނީ އެދިފައެވެ.

ސެފްއެމްއިން ވަނީ މި ދަނޑިވަޅުގައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުއަށާއި ސަރުކާރުގެ އިސްވެރިންނަށް ޝުކުރު އަދާކޮށްފައެވެ.

އިންޓްރެސްޓް ރޭޓުތައް ދަށްކޮށް، ލޯނު އަނބުރާ ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމަކީ މި ދަނޑިވަޅުގައި ވިޔަފާރިތައް ހިންގުން ޔަގީން ކުރަން މުހިންމު ކަމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް އިއްޔެ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ބޭނުންވާ ފަދަ ރޭޓުތަކާއި ކޮންޑިޝަންތަކުގައި މާލީ އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

comment ކޮމެންޓް