ގަތަރު ފްލައިޓުގެ ދެ ކްރޫ މެމްބަރުން ހިމެނޭ ގޮތަށް 11 މީހަކު އެކަހެރިކޮށްފި

މުޅި ދުނިޔޭގައި ބާރަށް ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިއްޔެ ރާއްޖެ އައި ގަތަރު އެއާވޭސްގެ ފްލައިޓުން ދަތުރުކުރި ނުވަ ބިދޭސީއަކު ހޯމް އައިސޮލޭޝަނަށް ދާން އަންގައި ދެ ކްރޫ މެމްބަރުން ކަރަންޓީނު ކޮށްފި އެވެ.

އެ ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުމާ އެކު އެ ފްލައިޓުންގައި އިން ދިވެއްސެއް ވަނީ އެކަހެރިކޮށްފަ އެވެ.

އެ ދިވެހި މީހާއަކީ ސްޕެއިންގައި ޓްރާންސިޓް ވެފައި އައި މީހެއް ކަމަށް ރޭ ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. އަދި އޭނާ އެކަހެރިކޮށްފައި ވަނީ ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރުމުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފަ އެވެ.

ފްލައިޓު ޖެއްސުމާ އެކު އެ ފްލައިޓު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. އަދި ސްޕެއިން އިން އައި ދިވެހި މީހާ 14 ދުވަހަށް ކަރަންޓީނު ކުރުމަށް ޓަކައި ފަރުކޮޅުފުއްޓަށް ބަދަލުކޮށް، އޭނާއާ ކޮންޓެކްޓްވި 12 މީހަކު އެހަހެރިކޮށް ފްލައިޓުގައި ދެން ތިބި މީހުން ވަނީ ދޫކޮށްލައިފަ އެވެ.

ސްޕެއިންއަކީ މިހާރު ކޮރޯނާ ވައިރަސް އެންމެ ހަލުވިކަމާ އެކު ފެތުރެމުންދާ އެއް ގައުމެވެ. އެހެންކަމުން އެގައުމުން ފަތުރުވެރިން ރާއްޖެ އައުން ސަރުކާރުން ވަނީ މަނާކޮށްފަ އެވެ.

އެޗްޕީއޭ އިން ރޭ ކުރި ޓުވީޓެއްގައި ބުނީ ކޮންޓެކްޓް ޓްރޭސިންގް ހެދުމަށް ފަހު، ފްލައިޓުން އައި ނުވަ ފަތުރުވެރިޔަކު، އެމީހުން ބުކިން ހަދާފައިވާ ތަންތަނަށް ފޮނުވާލާފައިވާ ކަމަށެވެ.

އަދި އެ ހުރިހާ ފަތުރުވެރިން ވެސް 14 ދުވަހަށް ގޭގައި އެކަހެރިވުމަށް އަންގާފައިވާ ކަމަށެވެ.

ފްލައިޓުން ދަތުރުކުރި ފަތުރުވެރިންގެ އިތުރުން، ފްލައިޓުގެ ކްރޫއިންގެ ތެރޭގައި ހިމެނޭ ދެ ބިދޭސީއަކު ވެސް ވަނީ ރޭ ވިލިވަރުގައި ކަރަންޓީނު ކޮށްފަ އެވެ.

މިހާތަނަށް ރާއްޖެއިން 13 މީހަކު ކޮވިޑް19 އަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި މުޅިންވެސް ހިމެނެނީ ބިދޭސީންނެވެ. އެއީ ކުރެއްދޫ ރިސޯޓުން ޕޮޒިޓިވްވި ފަސް މީހަކާއި، "އައިލެންޑް ސަފާރީ1" ނަމަކަށް ކިޔާ ސަފާރީން ޕޮޒިޓިވްވި ދެ މީހަކާއި، ސޭންޑީޒް ބަތަލާއިން ދެ މީހަކާއި، ކުރަމަތި ރިސޯޓުން ދެމީހަކާއި އަނަންތާރާ ދިގު ރިސޯޓުން ޕޮޒިޓިވްވި ދެ މީހެކެވެ.

comment ކޮމެންޓް