މޯދީގެ ސަރުކާރުން ޖަންމޫ ކަޝްމީރުގެ އިސް ސިޔާސީ ލީޑަރު މިނިވަންކޮށްފި

ފާރޫގް އަބްދުﷲ

ނިއުދިއްލީ (14 މާޗް 2020) : ޖަންމޫ ކަޝްމީރުގައި އިންޑިއާ ސިފައިން ހިންގި ހަރުކަށި ލާއިންސާނީ އަމަލުތަކުގައި ހައްޔަރުކުރި އެސްޓޭޓްގެ ސިޔާސީ އިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ ފާރޫގް އަބްދުﷲ މިނިވަންކޮށްފި އެވެ.

މިނިވަންކުރި ސިޔާސީ ބޭފުޅުންގެ ތެރޭގައި އެސްޓޭޓްގައި ދިގު މުއްދަތަކަށް ޗީފް މިނިސްޓަރުކަން ކުރައްވާފައިވާ ތަޖްރިބާކާރު ސިޔާސީ މުޙައްނިކު އަދި ކަޝްމީރުގެ ނެޝަނަލް ކޮންފަރެންސް ޕާޓީގެ ޒަޢީމް ފާރޫޤު ޢަބްދުﷲ ހިމެނިވަޑައިގަންނަވަ އެވެ.

ފާރޫޤު ޢަބްދުﷲގެ ނެޝަނަލް ކޮންފަރެންސް ޕާޓީން ވަނީ އިއްޔެގެ ހުކުރު ނަމާދަށް ފަހު އިންޑިއާ ސަރުކާރުން އޭނާ މިނިވަންކުރިކަން ކަށަވަރުކޮށްދީފަ އެވެ. އެކަމާ މެދު އުފާކުރާ ކަމަށް އެޕާޓީން ބުނި ނަމަވެސް އެޕާޓީން ވަނީ ފާރޫޤު ޢަބްދުﷲ އާއި ކަޝްމީރުގެ ގިނަ އަދަދެއްގެ ސިޔާސީ ލީޑަރުން ޖަލަށްލި މައްސަލާގައި އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި އެމައްސަލަ ތަހްގީގު ކުރުމަށް ގޮވާލާފަ އެވެ.

ނެޝަނަލް ކޮންފަރެންސް ޕާޓީގެ އިތުރުން ޖަންމޫ ކަޝްމީރުގެ އެހެން ދެ ޕާޓީކަމަށްވާ ރީޖަނަލް ޖަންމޫ ޕާޓީއާއި ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީން ވެސް ވަނީ ސިޔާސީ ބޭފުޅުން ހައްޔަރުކުރި މައްސަލާގައި މޯދީގެ ސަރުކާރު ވަރަށް ބޮޑަށް ކުށްވެރިކޮށް އެމައްސަލާގައި މޯދީގެ ސަރުކާރު އިންޑިއާގެ ގާނޫނު އަސާސީ އާ ޚިލާފުވެފައިވާ ކަމަށް ބުނެފަ އެވެ. މޯދީގެ ސަރުކާރުން މިދިޔަ އަހަރުގެ ފަހުކޮޅު ޖަންމޫ ކަޝްމީރުގެ ސިޔާސީ ލީޑަރުން ހައްޔަރުކުރީ އިންޑިއާގެ ގާނޫނު އަސާސީގައި އެ ސްޓޭޓަށް ދީފައިވާ ލާމަރުކަޒީ ޚާއްސަ ހާލަތު އުވާލުމަށްފަހު އެވެ.

ޚާއްސަ ހާލަތު އުވާލުމަށް ފަހު މޯދީގެ ސަރުކާރުން ވަނީ ޖަންމޫ ކަޝްމީރު ދެ ސްޓޭޓަކަށް ބަހާލައި އެ ދެ ސްޓޭޓުން ބިންގަނެ އަދި ދާއިމީ ގޮތަކަށް ވަޒަންވެރިވުމުގެ ފުރުސަތު އިންޑިއާގެ ހިންދޫންނަށް ދީފަ އެވެ. މިއީ ޖަންމޫ ކަޝްމީރަކީ އިންޑިއާގައި މުސްލިމުންގެ އަޣްލަބިއްޔަތު އޮންނަ ހަމައެކަނި ސްޓޭޓްކަމަށް އޮތް އޮތުން ނިމުމަކަށް ގެނައުމަށް ހަރުކަށި ހިންދޫންގެ އާރު އެސް އެސް ފިކުރަށް ނިސްބަތްވާ މޯދީގެ ސަރުކާރުން ރާވައިގެން ހިންގާ ޖަރީމާއެއްކަމަށް އެސްޓޭޓްގެ އާންމުންނާއި ސިޔާސީ ލީޑަރުން ދެކެ އެވެ.

އިންޑިއާގެ ގާނޫނު އަސާސީގައި ޖަންމޫ ކަޝްމީރަށް ދީފައިވާ ލާމަރުކަޒީ ޚާއްސަ ހާލަތު އުވާލުމަކީ އިންޑިއާގެ ސިޔާދަތުގެ ދަށުގައި ޖަންމޫ ކަޝްމީރު ބޭއްވުމަށް 26 އޮކްޓޯބަރު 1947ގައި އިންޑިއާ އެދުނު އެދުމަށް ޖަންމޫ ކަޝްމީރުގެ އޭރުގެ ލީޑަރުން އެއްބަސްވެ ވަޑައިގެން އެބޭފުޅުން އިންޑިއާގެ އޭރުގެ ބޮޑުވަޒީރު ޖަވާހެރް ލާލް ނެހްރޫގެ ސަރުކާރާ އެކު ސޮއިކުރި އެއްބަސްވުމާ މުޅިން ޚިލާފުކަމެކެވެ. މި އެއްބަސްވުމުގައި ދެފަރާތުން ސޮއިކޮށްފައި ވަނީ އިންޑިއާއަށް މިނިވަންކަން ލިބުމަށްފަހު އެވެ.

ޖަންމޫ ކަޝްމީރަކީ އިންޑިއާއަށް މިނިވަންކަން ލިބުނުއިރު އިންޑިއާގެ ބައެއްގެ ގޮތުގައި އޮތް ސްޓޭޓެއް ނޫނެވެ. މި އެއްބަސްވުމުގެ ދަށުން އިންޑިއާގެ ގާނޫނު އަސާސީގައި ޖަންމޫ ކަޝްމީރަށް ލާމަރުކަޒީ ޚާއްޞަ ޙާލަތު ދިނުމަށް ޚާއްސަ މާއްދާއެއް ވެސް އިތުރުކުރި އެވެ. އެއީ 370 ވަނަ މާއްދާ އެވެ. ނަމަވެސް ނަރަންދުރަ މޯދީގެ ސަރުކާރުގެ އަޣްލަބިއްޔަތު އޮންނަ އިންޑިއާގެ ޕާލަމެންޓުން މިދިޔަ އޮގަސްޓް މަހުގެ ފަސް ވަނަ ދުވަހު ވަނީ އެ މާއްދާ އުވާލާފަ އެވެ.

އެ ކަމާދެކޮޅަށް ކަޝްމީރުގެ ރައްޔިތުން ތެދުވުމުން އިންޑިއާގެ ފުލުހުން ވަނީ ކަޝްމީރު ބަންދުކުރުމަށް ފަހު ރައްޔިތުންނާ ދެކޮޅަށް ވަރަށް ހަރުކޮށިގޮތެއްގައި ބާރުގެ ބޭނުންކޮށް އެތަށް ބަޔަކު މަރައި އެތައް ހާސްބަޔަކު ޒަޚަމްކޮށް އެތައް ހާސް ބަޔަކު ހައްޔަރުކޮށް ކަޝްމީރު ރައްޔިތުން އިންސާނީ އަސާސީ ހައްގުތަކަށް ފުޅާދާއިރާއެއްގައި އަރައިގެންފަ އެވެ. މީގެ އިތުުން އިންޑިއާގެ ފުލުހުން ކަޝްމީރުގެ ސިޔާސީ ލީޑަރުންގެ ތެރެއިން ވެސް 300 އަށް ވުރެ ގިނަ ލީޑަރުން ވެސް ހައްޔަރު ކުރި އެވެ.

ހައްޔަރުކޮށް ޖަލަށްލި ސިޔާސީ ލީޑަރުންގެ ތެރޭގައި ފާރޫޤު ޢަބްދުﷲގެ އިތުރުން ކަޝްމީރުގެ އެންމެ އިސް ސިޔާސީ އަނެއް ދެބޭފުޅުން ކަމަށްވާ ޢުމަރު ޢަބްދުﷲ އާއި މަޙްބޫބާ މުފްތީ ވެސް ހިމެނިވަޑައިގެންނެވި އެވެ. މިދެބޭފުޅުން އަދި ވެސް ތިއްބެވީ ޖަލުގަ އެވެ.

އިންޑިއާ ސަރުކާރުން ކަޝްމީރުގައި މިޖަރީމާތައް ހިންގިނަމަވެސް ކޮމަންވެލްތް ފަދަ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ނަމުގައި ވަކާލާތުކުރާ ޖަމާއަތްތަކުން އިންޑިއާ ކުށްވެރިކޮށްފައެއް ނުވެ އެވެ. އަދި އިންސާނީ ހައްގުތަކުގެ ނަމުގައި އަޑުގަދަކުރާ ޔޫރަޕްގެ ގައުމުތަކުންނާއި އެމެރިކާއިން ވެސް މިމައްސަލާގައި އިންޑިއާއާ ދެކޮޅަށް ކުޑަވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

ކަޝްމީރުގެ ރީޖަނަލް ޖަންމޫ ޕާޓީއާއި ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީންއިއްޔެވަނީ ޢުމަރު ޢަބްދުﷲ އާއި މަޙްބޫބާ މުފްތީ ވެސް މިނިވަން ކުރުމަށް މޯދީގެ ސަރުކާރަށް ގޮވާލާފަ އެވެ. އަދި ކަޝްމީރުގެ އާންމުންނާއި ސިޔާސީ ޒަޢީމުން ހައްޔަރުކުރުމަށް މޯދީގެ ސަރުކާރުން ހިންގި ހަރުކަށި ލާއިންސާނީ އަމަލުތަކަކީ އިންޑިއާގެ ދަސްތޫރާ ޚިލާފަށް ހިންގި ޣައިރު ޤާނޫނީ ޙަރަކާތްތަކެއްކަމަށް އެދެ ޕާޓީންވަނީ ސިފަކޮށްފަ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް