"ފޯޓީ ޕްލަސް" އާއި "ދައުވަތު" ފަދަ ފިލްމު ތަކުގައި މުހިއްމު ރޯލެއް ކުޅެފައިވައިވާ ކުޅަދާނަ ފިލްމީތަރި އަހުމަދު އީސަ (އާނަންދު) ފިލްމު ކުޅުން މަޑުޖައްސައިލައިފި އެވެ.
"ސަން" އަށް ވާހަކަ ދައްކަމުން އާނަންދު ބުނީ، މިވަގުތު އާއިލާ އާއެކު ވަގުތު ހޭދަ ކުރުން މުހިއްމު ކަމަށާއި ދަރިން ކައިރި ގިނަ ވަގުތު އުޅެން ބޭނުންވާތީ ފިލްމު ކުޅުން ވަގުތީ ގޮތުން މަޑުޖައްސައިލީ ކަމަށެވެ.
އޭނާ ބުނީ، ވިސްނައިގެން ހުރީ މި އަހަރު ކުރިޔަށް އޮތް ތަނުގައި އެއް ވެސް ޕްރޮޖެކްޓެއްގައި މަސައްކަތް ނުކުރަން ކަމަށެވެ. އަދި ވަޒީފާގައި ބުރަކޮށް އުޅެފައި ބާކީ އޮންނަ ވަގުތު ގޭގައި ދަރިންނާ އެކު ހޭދަ ކުރަން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.

ފިލްމީ ތަރި އާނަންދު...
"މިވަގުތަށް ކުޑަ ބްރޭކެއް ނަގާލީމި، އެކަމަކު އަދި ފެންނާނެ ހަމަ" ދިވެހި ފިލްމު "ލައިލާ" އިން ފިލްމީ ދާއިރާ އަށް ނުކުތް އާނަންދު ބުންޏެވެ.
އެހެން ނަމަވެސް އޭނާ ބުނީ، ފަށާފައި އޮތް ދެ ޕްރޮޖެކްޓެއްގެ މަސައްކަތް ނިންމާނެ ކަމަށާއި އެއަށް ފަހު މި އަހަރު ދެން ފިލްމެއް އަދި ޑްރާމާއެއްގެ މަސައްކަތް ނުކުރާނެ ކަމަށެވެ. އޭނާ ބުނީ "ހުވާ"ގައި މަދު މަންޒަރެއް އަދި ނުނަގައި އެބަ އޮތް ކަމަށެވެ.
"މި އަހަރު ވެސް ތިން ފިލްމަކަށް މިހާރު ނޫނެކޭ ބުނެފިން، 'ހެހެސް' އަދި 'ކަޅަކި'ގެ އިތުރުން އެހެން ފިލްމަކަށް ދާން ވެސް ގުޅި، އެކަމަކު މިވަގުތު ބޭނުމެއް ނުވޭ" ހިިނިގަނޑަކަށް ފަހު އާނަންދު ބުންޏެވެ.

"ނަފްރަތުވުމުން" ގެ ޕޯސްޓަރެއްގައި އާނަންދު...
ކޮންމެ އަކަސް އާނަންދު ފިލްމީ ދާއިރާއިން އެއްކޮށް ގެއްލެނީ އެއް ނޫނެވެ. ބައިސްކޯފުން މިހާރު ސްޓްރީމް ކުރަމުން އަންނަ "ހުވާ" ސީޒަން ދޭއްގައި ވެސް އޭނާގެ މުހިއްމު ރޯލެއް ފެންނާނެ އެވެ. އޭގެ އިތުރުން ރޯދައިގެ ފަހުން ސިނަމާތަކަށް ގެންނަން ނިންމާފައިވާ "ކޮސް ގިނަ މިސްޓޭކް" އަދި "ލޯބި ވެވިއްޖެ" އިން ވެސް އޭނާގެ ހުނަރުވެރި އެކްޓިން ފެނިގެންދާނެ އެވެ.
ވީޑިއޯ ލަވަ އާއި އިސްތިހާރު ވެސް ކުޅެމުން އަންނަ އާނަންދު އަކީ މިހާރު ގިނަ ބައެއްގެ މެދުގައި މަގްބޫލު ފަންނާނެކެވެ. އޭނާގެ އެކްޓިން އަށް ގިނަ ބަޔަކު ތައުރީފު ކުރެ އެވެ.

ފިލްމީ ތަރި އާނަންދު...
ޔޫސުފް ޝަފީއު ޑައިރެކްޓްކުރި "ނަފްރަތްވުމުން" ފަދަ ފިލްމުތަކުގައި މޮޅު އެކްޓިންއެއް ދެއްކި އާނަންދު އަކީ ދެކުދިންގެ ބައްޕަ އެކެވެ. އަންނަ މަހުގެ ތެރެގައި އެ އާއިލާއަށް އިތުރު މެންބަރެއް އަންނާނެ އެވެ. އާނަންދު ގެ ފޭނުންނަށް މިއީ އުފާވެރި ހަބަރަކަށް ވާނެ އެވެ.