ކޮރޯނާއާ ގުޅިގެން ބާއްވާ ސާކް ގައުމުތަކުގެ ޓެލެކޮންފަރެންސް މާދަމާ

ޖޫން 8، 2019: ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ -- ފޮޓޯ/ ރައީސް އޮފީސް

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް އާއި ގުޅިގެން ދެކުނު އޭޝިއާ ސަރަހައްދުތަކުގެ ގައުމުތަކުގެ އިސްވެރިންގެ ޓެލެކޮންފަރެންސެއް ބޭއްވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދެއްވި ދައުވަތު ސަރަހައްދުގެ ހުރިހާ ގައުމަކުން ގަބޫލުކޮށް، މާދަމާ ކޮންފަރެންސް ކުރިއަށް ގެންދަން ނިންމައިފިއެވެ.

ސަރަހައްދުގެ ގައުމުތަކުގެ ވެރިންނަށް ދައުވަތު ދެއްވާ މޯދީ އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވީ، ކޮރޯނާ ވައިރަސްއާ ދެކޮޅަށް ސާކްގެ ގައުމުތަކުން އެކުގައި މަސައްކަތްކޮށް ދުނިޔެއަަށް ނަމޫނާ ދައްކަން ޖެހޭ ކަމަށާއި ގޮތުން ސާކްގެ ގައުމުތަކުން ކޮރޯނާވައިރަހާ ދެކޮޅަށް އަމަލުކުރާނެ ސަރަހައްދީ ސްޓްރެޓަޖީއެއް އެކުލަވާލަން މަޝްވަރާކުރުމަށް ހުށަހަޅުއްވާ ކަމަށެވެ. މި މަޝްވަރާތައް ޓެލެކޮންފަރެންސްގެ ޒަރިއްޔާ އިން ކުރިއަށް ގެންދިޔުމަށް ހުށަހެޅުއްވި އިރު ރާއްޖެ އިން ވެސް ވަނީ އެ ދައުވަތު ގަބޫލު ކޮށްފައެވެ.

ކޮރޯނާ އާއި ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް ދިވެހި ސަރުކާރުން ކަނޑައާޅާފައި ހުންނަވާ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ ޓެލެކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ.

ސާކްގެ މެންބަރު އަށް ގައުމުގެ އެންމެ އިސްވެރިން ބައިވެރިވާގޮތަށް ކުރިއަށް ގެންދާ އެ ކޮންފަރެންސްގައި ޕާކިސްތާނުން ވެސް ބައިވެރިވާނެ އެވެ.

އެގައުމުގެ ފަރާތުން ކޮންފަރެންސްގައި ބައިވެރިވާނީ އެގައުމުގެ ނޮޑުވަޒީރުގެ ހާއްސަ އެސިސްޓެންޑް، ޑރ. ޒަފަރު މިރްޒާއެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮރޯނާ ވައިރަސް އަކީ މުޅި ދުނިޔެއަށް އޮތް ބިރެއް ކަމަށާއި ސަރަހައްދީ އަދި ބައިނަލް އަގުވާމީ ފެންވަރުގައި އެކަމާ ދެކޮޅަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ސާކްގެ އިސްވެރިންގެ ޓެލެކޮންފަރެންސްގައި ޕާކިސްތާނު ތަމްސީލު ކުރައްވާނީ އެގައުމުގެ ބޮދުވަޒީރުގެ ހާޢްސަ މަންދޫބު ކަމަށްވެސް ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވިއެވެ.

މޯދީގެ ދައުވަތު ގަބޫލު ކުރައްވާ ސަރަހައްދުގެ ގައުމުތަކުގެ އިސްވެރިން ވަނީ ޓެލެކޮންފަރެންސްގެ ދައުވަތަށް މަރުހަބާ ވިދާޅުވެފައެވެ. ބަންގްލަދޭޝްއިން އެގައުމުގެ ބޮޑުވަޒީރު ޝައިހް ހަސީނާ ބައިވެރިވެ ވަޑައިގަންނަވާއިރު ސްރީލަންކާ އާއި ބޫޓާން، ނޭޕާލް އަދި އަފްގާނިސްތާނުން ވެސް ވަނީ މޯދީގެ ދައުވަތު ގަބޫލުކޮށްފައެވެ.

އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދުގައ އޮންނަ ނުތަނަވަސްކަން ބޮޑުވެ، ސާކްގެ ގައުމުތަކުގެ ހަރަކާތްތައް 2016 ވަނަ އަހަރުން ފެށިގެން ވަނީ މަޑުޖެހިފައެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެތެރެއިން އެންމެ ގިނައިން މީހުން ކޮރޯނާވައިރަހަށް ޕޮޒިިވްވެފައިވަނީ އިންޑިއާއެވެ. އެގައުމުން 75 މީހަށްކަށް ވައިރަސް ޕޮޒިޓިވް ވެފައިވާއިރު، ތިން މީހަކު ރަނގަޅުވެ، އެކަކު ވަނީ މަރުވެފައެވެ. ޕާކިސްތާނުންގައި 20 މީހަކަށް ވަނީ ވައިރަސް ޖެހިފައެވެ. އަފްގާނިސްތާނުގައި ފަސް މީހުން ވައިރަސް ޖެހުނު އިރު، ބަންގްލަދޭޝަންގައި ތިން މީހަކު ވަނީ ވައިރަސް ޖެހިފައެވެ. ނޭޕާލް އަދި ބޫޓާނުން އަދި މިހާތަނަށް ފެނުނީ އެއް ކޭސްއެވެ. ރާއްޖެއިން މިހާތަނަށް ނުވަ މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ.

comment ކޮމެންޓް