ކޮރޯނާވައިރަހަށް ސަރަހައްދީ ސްޓްރެޓަޖީއެއް އެކުލަވާލަން ދިން ދައުވަތު ރާއްޖެއިން ގަބޫލުކޮށްފި

ރައީސް ސޯލިހާއި ބޮޑު ވަޒީރު މޯދީ: ސާކްގެ ގައުމުތަކުން މޯދީގެ ދައުވަތު ގަބޫލުކުރަން ވަނީ ފަށާފައި -- ފޮޓޯ/ ރައީސް އޮފީސް

ކޮރޯނާވައިރަހާ ގުޅިގެން ސާކްގެ ގައުމުތަކުން އަމަލުކުރާނެ ސްޓްރެޓަޖީއެއް އެކުލަވާލަން މަޝްވަރާކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ މިއަދު ދެއްވި ދައުވަތު ރާއްޖެއިން ގަބޫލުކޮށްފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮރޯނާ ވައިރަސްއާ ދެކޮޅަށް ސާކްގެ ގައުމުތަކުން އެކުގައި މަސައްކަތްކޮށް ދުނިޔެއަަށް ނަމޫނާ ދައްކަން ޖެހޭ ކަމަށެވެ. އެގޮތުން ސާކްގެ ގައުމުތަކުން ކޮރޯނާވައިރަހާ ދެކޮޅަށް އަމަލުކުރާނެ ސަރަހައްދީ ސްޓްރެޓަޖީއެއް އެކުލަވާލަން މަޝްވަރާކުރުމަށް މޯދީ ހުށަހެޅުއްވިއެވެ. އަދި މި މަޝްވަރާ ކުރުމަށް ވީޑިއޯ ކޮންފަރަންސަކަށް މޯދީ ދައުވަތުދެއްވިއެވެ.

އެ ދައުވަތު ގަބޫލުކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި އިންޑިއާއިން އިސްނެގީތީ ޝުކުރުވެރިވާ ކަމަށެވެ. އަދި ރާއްޖެއިން އެކަމަށް ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"ކޮވިޑް19އާ ނައްތާލުލަށް ގުޅިގެން މަސައްކަތް ކުރަން ޖެހޭ،" ރައީސް ވިދާޅުވިއެވެ.

މޯދީގެ ދައުވަތު ގަބޫލުކުރައްވައި، ސާކް ސަރަހައްދުގެ އެހެނިހެން ގައުމުތަކުގެ ވެރިންވެސް ވަނީ އިޖާބަދެއްވާފައެވެ.

ސްރީލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސ ކުރެއްވި ޓްވީޓުގައި ވިދާޅުވީ މި ދަނޑިވަޅުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އިސްކޮށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަންޖެހޭ ކަމަށެވެ. އަދި ސަރަހައްދީ ސްޓްރެޓަޖީއެއް އެކުލަވާލުމުގެ މަޝްވަރާގައި ލަންކާއިން ބައިވެރިވާން ތައްޔާރަށް އޮތްކަމަށް ރައީސް ގޯޓާބަޔަ ވިދާޅުވިއެވެ.

ސްރީލަންކާގެ އިތުރުން ބޫޓާންގެ ބޮޑުވަޒީރު ލޮޓޭ ޝެރިންގްއާއި ނޭޕާލްގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޯލީވެސް ވަނީ މޯދީގެ ދައުވަތު ގަބޫލުކުރައްވާފައެވެ. އަދި އިންޑިއާއިން މިކަމަށް އިސްކަން ނެގީތީ އެބޭފުޅުން ވަނީ މޯދީއަށް ޝުކުރު އަދާކުރައްވާފައެވެ.

ސާކްގެ ގައުމުތަކަށް މޯދީ ދެއްވި ދައުވަތަށް މިހާތަނަށް އިޖާބައެއް ނުދޭ ގައުމުތަކަކީ އަފްގާނިސްތާނާއި ބަންގްލަދޭޝާއި ޕާކިސްތާނެވެ.

https://sun.mv/132914

ދެކުނު އޭޝިއާގެ ގައުމުތަކުގެތެރެއިން އެންމެ ގިނައިން މީހުން ކޮރޯނާވައިރަހަށް ޕޮޒިިވްވެފައިވަނީ އިންޑިއާއެވެ. އެގައުމުން 75 މީހަށްކަށް ވައިރަސް ޕޮޒިޓިވް ވެފައިވާއިރު، ތިން މީހަކު ރަނގަޅުވެ، އެކަކު ވަނީ މަރުވެފައެވެ. ޕާކިސްތާނުންގައި 20 މީހަކަށް ވަނީ ވައިރަސް ޖެހިފައެވެ. އަފްގާނިސްތާނުގައި ފަސް މީހުން ވައިރަސް ޖެހުނު އިރު، ބަންގްލަދޭޝަންގައި ތިން މީހަކު ވަނީ ވައިރަސް ޖެހިފައެވެ. ނޭޕާލް އަދި ބޫޓާނުން އަދި މިހާތަނަށް ފެނުނީ އެއް ކޭސްއެވެ. ރާއްޖެއިން މިހާތަނަށް އަށް މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ.

comment ކޮމެންޓް