މިނިސްޓަރުގެ އިލްތިމާސް: މުވައްޒަފުންނަށް ގެއްލުނުވާނެހެން އަމަލުކޮށްދީ

ކޮވިޑް 19 އާ ބެހޭގޮތުން ޓުއަރިޒަމް މިނިސްޓްރީ އިސްބޭފުޅުންނާއިއެކު ރައީސް އޮފީހުގައި ބޭއްވި ޕްރެސްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސްގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިނަމަވެސް، ފިޔަވަޅު އަޅާއިރު މުވައްޒަފުންނަށް ގެއްލުން ނުވާނެހެން ފިޔަވަޅު އެޅުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިލްތިމާސް ކުރައްވައިފި އެވެ.

"ސަން" އާ ވާހަކަ ދައްކަވަމުން މިނިސްޓަރު މިއަދު ވިދާޅުވީ ކޮރޯނާވައިރަސްއާ އެކު ޓޫރިޒަމް ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުމުން އަރައިގަތުމަށް ސަރުކާރުން އިންޑަސްޓްރީއާ އެކު މަސައްކަތް ކުރާނެ ކަމަށެވެ.

އެގޮތުން މިވަގުތު ރިސޯޓްތަކަށް ވެސް ކުރާ އިލްތިމާސް އަކީ، ރިސޯޓުތަކުން ވެސް އެހެން ދިމަދިމާލުން ހަރަދުތައް ކުޑަކުރުމަށްފަހު، މުވައްޒަފުންނަށްދޭ އިނާޔަތްތަކާއި މުސާރައަށް އެއްވެސް ބަދަލެއް ނުގެނައުން ކަމަށް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ.

"ސަރުކާރުން އެހެން ގޮތްތަކެއް އިންޑަސްޓްރީގެ ފަރާތްތަކެއް ހޯދައިދޭނެ. ބޭންކް އޮފް މޯލްޑިވްސް އާއި ރާއްޖޭގައި ހުރި އެހެން ފައިނޭންޝަލް އިންސްޓިޓިއުޝަންތައް މެދުވެރިކޮށް ޓޫރިޒަމްގެ ސިނާއަތުގައި އޮޕަރޭޓުކުރާ ރިސޯޓުތަކާއި އެހެން އެސްޓެބްލިޝްމެންޓުތަކަށް ލުޔެއް ހޯދައިދިނުމަށް ފިޔަވަޅުތަކެއް އަޅާނެ،" މިނިސްޓަރު މިއަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިވަގުތު އެއްވެސް މެނޭޖުމެންޓަކުން ކުއްލި ޑެސިޝަންތައް ނުނެގުމަށް އެދިވަޑައިނުގަންނަވާ ކަމަށެވެ. އަދި މުވައްޒަފުންނަށް ގެއްލުންވާނެ ގޮތަކަށް ކަންތައް ނުކުރުމަށް އާދޭހާ އެކު އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ. ވަޒީފާޔާ ބެހޭ ގާނޫނުން މުވައްޒަފުންނަށް ލިބިދޭ ހައްގުތަކަށް އިންޑަސްޓްރީއިން އިހުތިރާމް ކުރުމަށް ވެސް މިނިސްޓަރު ގޮވާލެއްވި އެވެ.

"ޓޫރިޒަމް އިންޑަސްޓްރީވެސް އެކަނި މިކަމާ ފައިޓް ކުރާކަށް ނުޖެހޭނެ. އަޅުގަނޑުމެން އެބޭފުޅުންނާ ވެސް އެކު އެންމެން އެކުގައި ތިބެގެން މި ހާލަތުން އަރައިގަންނާނީ. އަޅުގަނޑުގެ އާދޭހަކީ މުވައްޒަފުންނަށް ވަޒީފާޔާ ބެހޭ ގާނޫނުން ލިބިދޭ ހައްގުތަކަށް ހުރިހާ ބޭފުޅުން ވެސް އިހުތިރާމް ކުރެއްވުން. އެ ނޫން ގޮތަކަށް އަމަލު ނުކުރެއްވުން،" މިނިސްޓަރު ވިދާޅުވި އެވެ.

ވިލާ ކުންފުނިން މިހާރުވެސް ވަނީ އެ ކުންފުނީގެ ހުރިހާ މުވައްޒަފުންގެ މުސާރަ، 10-50 ޕަސެންޓާ ހަމައަށް ކުޑަކުރަން ނިންމައިފަ އެވެ. އަދި ބައެއް ރިސޯޓްތަކުގެ މުވައްޒަފުން ނޯޕޭގައި ރަށަށް ފޮނުވާލަމުން އަންނަ ކަމަށް ބުނެ ބައެއް މީހުން އަންނަނީ ޝަކުވާ ކުރަމުންނެވެ.

ކޮރޯނާއާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތުގައި ޓޫރިޒަމް ދާއިރާގެ ބޮޑު އެއްބާރުލުމެއް ލިބޭކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އެގޮތުން ޓޫރިޒަމް އިންޑަސްޓްރީގެ ބޭފުޅުން ވެސް މިވަގުތު ސަރުކާރުން އަޅަމުން އަންނަ ރައްކާތެރި ކަމުގެ ފިޔަވަޅުތަަކަށް ފުރިހަމައަށް ސަޕޯޓް ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އިންޑަސްޓްރީ ވެސް އޮތީ ސަރުކާރަށް ސަޕޯޓްކޮށް ދޭން ކުރެވެން ހުރި ކަމެއް ކުރުމަށް ތައްޔާރަށް ކަމަށެވެ.

ރިސޯޓްތަކުގެ މުވައްޒަފުން ވެސް މިވަގުތު ހާސްނުވުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ. އަދި މަސައްކަތުގައި މާހައުލުގައި ސިއްހީ ގޮތުން އަޅަން ޖެހޭ ރައްކާތެރި ކަމުގެ ފިޔަވަޅު އަޅާތޯ އާއި މުވައްޒަފުންގެ ހައްގުތައް ކަށަވަރު ކުރޭތޯ މިނިސްޓްރީ އިން ބަލަމުންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

https://sun.mv/132854

ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ (މަޓާޓޯ) އިން ހާމަކޮށްފައިވާ ގޮތުގައި ދުވާލެއްގެ މައްޗަށް 1،300 އަށް ވުރެ ގިނަ ބުކިންސް ދަނީ ކެންސަލްވަމުންނެވެ. އަދި މިހާތަނަށް ކެންސަލްވި ބުކިންސްގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް ވަނީ އަރައިފަ އެވެ. އަދި ދައުލަތުގެ އާމްދަނީ އިން 700 މިލިއަނެއްހާ ރުފިޔާ މަދުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

"މިނިސްޓްރީގެ މުވައްޒަފުން އެ ތިބީ އެންމެ ބޮޑަށް އެފެކްޓްވި ރިސޯޓްތަކުގައި ގްރައުންޑުގައި. އެބޭފުޅުން އެ ގެންދަވަނީ ހުރިހާ ކަމެއް ބައްލަވަމުން. ރިސޯޓް މުވައްޒަފުންގެ ހައްގުތައް ސަރުކާރުން ކަށަވަރުކުރާނެ،" މިނިސްޓަރު އަލީ ވިދާޅުވި އެވެ. "ހެލްތު ޕްރޮފެޝަނަލުން ދޭ ލަފަޔާ އެއްގޮތަށް މުވައްޒަފުންގެ ސިއްހީ ރައްކާތެރިކަން ރިސޯޓްތަކުން ކަށަވަރު ކުރޭތޯ އަޅުގަނޑުމެން ބަލާނަން. އެއީ އަޅުގަނޑުމެން ފަރުވާކުޑަކުރާނެ ކަމެއް ނޫން،" ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް