އިބްތިހާލް މަރާލި މައްސަލައިގައި އާފިޔާގެ މައްޗަށް ހުކުމް ކުރުން ފަސްކޮށްފި

ވ. ރަކީދޫގައި އަނިޔާވެރިގޮތަކަށް މަރާލި އުމުރުން ތިން އަހަރު މުހައްމަދު އިބްތިހާލް --

ވ. ރަކީދޫގައި އުމުރުން ތިން އަހަރު މުހައްމަދު އިބްތިހާލް މަރާލި މައްސަލައިގައި އެ ކުއްޖާގެ މަންމަ ވ. ރަކީދޫ އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ހުކުުމް ކުރުން ފަސްކޮށްފި އެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ ކުރީ ކޮޅު، ގަސްތުގައި އިބްތިހާލް ނޭވާހާސްކޮށް، ހަށިގަނޑަށް އަތުންނާއި ފައިން އަނިޔާދީ އެ ކުއްޖާ މަރާލި މައްސަލައިގައި އާފިޔާގެ މައްޗަށް ކުރަނީ ގަސްދުގައި ކުޑަކުއްޖަކު މަރެމުގެ ދައުވާއާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނުގައިވާ ގޮތުން މައްސަލައެއްގެ އަޑުއެހުންތައް ނިންމާލާތާ ގިނަވެގެން 30 ދުވަސް ތެރޭގައި އެ މައްސަލައެއްގެ ހުކުމް އިއްވަން ޖެހޭނެ އެވެ.

އިބްތިހާލް މަރާލި މައްސަލައިގައި ހުލާސާ ބަޔާން އިއްވައި އަޑުއެހުންތައް ނިންމާލީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. އެ ދުވަހު މައްސަލަ ބައްލަވާ ގާޒީ މުހައްމަދު ސަމީރު ނިންމެވީ މިއަދު އެ މައްސަލައިގެ ހުކުމް ކުރުން ތާވަލު ކުރާށެވެ. އެހެންނަމަވެސް، މިއަދު އެ މައްސަލަ ތާވަލުކޮށްފައި ނުވެއެވެ.

ކްރިމިނަލް ކޯޓުގެ އިންފޮމޭޝަން އޮފިސަރު "ސަން"އަށް ވިދާޅުވީ، އެ މައްސަލަ ދިރާސާ ކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށެވެ. އަދި ހުކުމް ކުރުން އެހެން ދުވަހަކަށް ތާވަލު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިބްތިހާލް މަރާލި މައްސަލައިގައި ތުހުމަތު ކުރެވިގެން ބަންދު މުއްދަތު ޖަހަން އާފިޔާ ވ. ތިނަދޫ މެޖިސްޓްރޭޓު ކޯޓަށް ގެންދިޔުމުން އެ ކޯޓުގައި އޭނާ ވަނީ އިބްތިހާލް މަރާލުމަށް އިއުތިރާފުވެފަ އެވެ. އަދި ފުލުހުންގެ ތަހުގީގުގައިއާއި ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައިވެސް އެކަމަށް އޭނާ އިއުތިރާފުވި އެވެ. އެކަމަކު، ފަހުން މުޅި ރާގު ބަދަލުކޮށް، ކްރިމިނަލް ކޯޓުގައި އާފިޔާ ބުނެފައި ވަނީ އިބްތިހާލްއަށް އަނިޔާ ނުކުރާ ކަމަށާއި އޭނާ މަރާނުލާ ކަމަށެވެ.

comment ކޮމެންޓް