ކޮރޯނާވައިރަސް: ވިލާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ކުޑަކުރަނީ

ވިލާއިން ހިންގާ ސަން އައިލެންޑް ރިސޯޓް--

މިހާރު ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮވިޑް-19، ކޮރޯނާވައިރަސްއާ ގުޅިގެން ޓޫރިޒަމްއަށް އަންނަމުންދާ ލޮޅުންތަކާ ގުޅިގެން ވިލާ ކުންފުނީގެ ހުރިހާ މުވައްޒަފުންގެ މުސާރަ ކުޑަކުރަންް ނިންމައިފި އެވެ.

ގިނަ އަދަދެއްގެ ރިސޯޓްތައް ހިންގަމުންދާ ވިލާ ކުންފުނިން އިއްޔެ އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނީ ކޮވިޑްއާއެކު ޓޫރިޒަމްގެ ސިނާއަތަށް ވަރަށް ބޮޑަށް އަސަރުކޮށް ފަތުރުވެރިން އަންނަވަރު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ.

އެހެންކަމުން ކުންފުނި ދަމަހައްޓައި ހަރަދުތައް ކުޑަކުރުމުގެ ގޮތުން އަންނަ މަހުން ފެށިގެން މުސާރަތައް ކުޑަކުރަން ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަަމަށް ސާކިއުލާގައިވެ އެވެ.

މުސާރަތައް ކުޑަކުރާ ގޮތަކީ؛

  • 4،999 ރުފިޔާއަށް ވުރެ ދަށް މުސާރަލިބޭ ނަމަ؛ 10 ޕަސެންޓް ކުޑަ ކުރާނެ.
  • 5،000 - 9،999 ރުފިޔާގެ މުސާރަ ލިބޭ ނަމަ: 20 ޕަސެންޓް ކުޑަ ކުރާނެ.
  • 10،000 - 49،999 ރުފިޔާ މުސާރަ ލިބޭ ނަމަ: 35 ޕަސެންޓް ކުޑަ ކުރާނެ.
  • 50،000 ރުފިޔާއަށް ވުރެ މަތިން ލިބޭ ނަމަ: 50 ޕަސެންޓް ކުޑަކުރާނެ.

މުސާރަ މިވަގުތަށް ކުޑަކުރިޔަސް ހާލަތު ރަނގަޅުވުމުން މުސާރައަށް ބަދަލު ގެންނަމުންދާނެކަމަށް ސާކިއުލާގައި ބުނެފައިވެ އެވެ.

"މި ފިޔަވަޅު އަޅަނީ އެެއްވެސް މުވައްޒަފަކު ވަޒީފާ ދޫކޮށްލައިފިނަމަ އެފަރާތްތަކަށް ލިބޭ ގެއްލުން މާބޮޑުވާނެތީވެ، މިވަގުތަށް މުސާރައަށް ކުރާ ހަރަދު މިހާވަރަށް ކުޑަނުކޮށް ހިންގޭނެ އެއްވެސް ގޮތެއް ނެތިގެންނެވެ." ވިލާގެ ސާކިއުލާގައިވެ އެވެ.

މިހާތަނަށް ކޮވިޑް-19 ޖެހިގެން ރާއްޖޭގެ ތިން ރިސޯޓަކުން އަށް މީހަކު ވަނީ ފެނިފަ އެވެ. އެއީ ބަތަލާ، ކުރެއްދޫ އަދި ކުރަމަތި ރިސޯޓުންނެވެ. އެ ރިސޯޓްތައް މިހާރު އޮތީ ލޮކްޑައުންގަ އެވެ.

comment ކޮމެންޓް