އިންތިހާބު ފަސް ކުރަން އެމްޑީޕީ ދެކޮޅު!؟

އެމްޑީޕީގެ މެންބަރު ހަސަން ޝިޔާން، އަބްދުﷲ ޝަހީމް އަދި ހަސަންޓޭ: އެ ތިން މެންބަރުން ވެސް ވަނީ ކައުންސިލް އިންތިހާބް އަންނަ މަހު ހަތަރެއްގައި ބޭއްވުމަށް ގޮވާލައްވާފައި ---

އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް އިއުލާން ކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސް ކުރުމަށް އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ދެކޮޅު ހަދައި ވާހަކަ ދައްކަވައިފި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޯ މަތިވެ ކެމްޕެއިން މެކުހަކަށް ޖަހާފައިވަނިކޮށް، ނުރައްކާތެރި ކޮވިޑް19 ވައިރަސް ވަނީ ރާއްޖެއިން ފެނި، ހަ މީހަކު ޕޮޒިޓިވްވެފަ އެވެ. އެއާއި އެކު ބައެއް ޕާޓީތަކުންނާއި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާ ފަރާތްތަކުން ވަނީ ކެމްޕެއިން މަޑުޖައްސާލައިފަ އެވެ. އަދި ބައެއް ފަރާތްތަކުން ވަނީ އިންތިހާބު ފަސް ކުރުމަށް ވެސް ގޮވާލާފަ އެވެ.

އެހެން ނަމަވެސް އެމްޑީޕީގެ ބައެއް މެންބަރުން އެކަމަށް ވަރަށް ދެކޮޅެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ކަޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ވިދާޅުވީ، މިގައުމަށް އަދި އެ ނިޒާމަށް އޮތް އެންމެ ރަނގަޅު ގޮތަކީ އިންތިހާބު ބާއްވަން ނިންމާފައިވާ ތާރީހުގައި ބޭއްވުން ކަމަށެވެ.

"އަޅުގަނޑުމެންގެ ރަށްތަކުގެ ހިންގުން ގާނޫނީ ހުސްކަމެއްގެ ތެރެއަށް އައުމަކީ އެއީ މި ރާއްޖެއަށް ވެސް އަދި އަޅުގަނޑުމެނަށް ވެސް އޮތް އެންމެ ރަނގަޅު ގޮތް ކަމަކަށް ނުދެކެން،" އަބްދުﷲ ޝަހީމް ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބު އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވަން ޖެހޭ ކަން ފާހަގަކޮށް އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު ވިދާޅުވީ، އިންތިހާބު ފަސް ކޮށްގެން ގައުމަށް ހަމަޖެހުމެއް ވެސް އަދި ކުރިއެރުމެއް ވެސް ނުލިބޭނެ ކަމަށެވެ.

"އިންތިހާބެއް ލަސް ކުރުމަކީ ގައުމަކަށް ލިބޭނެ އެންމެ ބޮޑު ގެއްލުން. އަދި މިގައުމުގައި މިހާރު މިއޮތް ހާލަތައް ބަލާއިރު އިންތިހާބެއް ފަސްކުރަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ހަސަން އަހްމަދު ވިދާޅުވި އެވެ.

އިންތިހާބު ބާއްވަން ހަމަޖައްސާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަކީ ރާއްޖޭގެ މުސްތަގުބަލަށް ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވިދާޅުވީ މިހާރު ކައުންސިލްތަކުގައި ތިބި އިދިކޮޅު މެމްބަރުން، ސަރުކާރަށް އެއްބާރުލުންދީ، ސަރުކާރުން ނިންމާ ނިންމުންތައް ތަންފީޒުކުރަން ބޭނުން ނުވާ ކަމަށާއި، އެހެންކަމުން އިންތިހާބު ބާއްވައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެމްބަރުން އިންތިހާބުކުރަން ޖެހޭ ކަމަށެވެ.

"އިންތިހާބު ފަސްކުރުމަކީ އޭގެ ސަބަބުން މުޅި ގައުމަށް އޭގެ ނުރައްކާތެރިކަން ކުރިމަތިވާނެ ކަމެއް، މި ބަލިމަޑުކަން އިތުރަށް ފެތުރެން ދިމާވާނެ އެއް ސަބަބު،" ޝިޔާން ވިދާޅުވި އެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ހަ މީހަކު މިހާތަނަށް ޕޮޒިޓިވް ވެފައިވާއިރު ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމާ މެދު ސަރުކާރުން ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ވެސް ބުނެފައި ވަނީ އެފަދަ، ހާލަތެއް އައިސްފި ނަމަ އިންތިހާބު ފަސްކުރުމާ މެދު މަޝްވަރާ ކުރާނެ ކަމަށެވެ.

އެމްޑީޕީ މެންބަރުންތަކެއް އިންތިހާބު ލަސްނުކުރުމަށް ގޮވާލައްވާފައިވާ އިރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އިންތިހާބު ލަސްކުރަން ގޮވާލައްވައިފަ އެވެ. އަދި އިދިކޮޅު ޕާޓީތައް ހިމެނޭ ގޮތުން، ސިޔާސީ ކެމްޕޭންތައް ވެސް ވަނީ ހުއްޓާލައިފަ އެވެ.

އެހެން ނަމަވެސް، އެމްޑީޕީއިން ނިންމާފައި ވަނީ ކައުންސިލް އިންތިހާބުގެ ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދާށެވެ. އަދި އެ ކެމްޕޭންތަކުގެ ތެރެއިން ކޮރޯނާ ވައިރަހުން ސަލާމަތްވުމަށް ކުރެވޭނެ ކަންކަމަށް ހޭލުންތެރި ކުރުވަން ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް