"ކޮސް ގިނަ މިސްޓޭކް"ގެ އެންމެ ފަހުގެ ޝޫޓިންތަކަށް މިސްރާބު ޖަހައިިފި

ކޮސް ގިނަ މިސްޓޭކްގެ ފަސްޓްލުކްގެ މަންޒަރެއް--

އަންނަ އަހަރު ސިނަމާތަކަށް ގެންނަން ނިންމާފައިވާ ކޮމެޑީ ފިލްމު "ކޮސް ގިނަ މިސްޓޭކް"ގެ ބާކީ ހުރި މަންޒަރުތައް ނަގަން ފަށަން އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު އިސްމާއީލް ޝަފީގް ބުނެފި އެވެ.

"ސަން" އަށް ވާހަކަ ދައްކަމުން ޝަފީގް ބުނީ، ފިލްމުގެ ނުނެގި ބާކީ ވަނީ ލަވައެއްގެ އިތުރުން ފަސް ވަރަކަށް މަންޒަރު ކަމަށެވެ. އަދި މި ހިނގާ މާޗް މަހުގެ ތެރޭގައި އެ މަންޒަރުތައް ވެސް ނަގައި އެއްކޮށް ނިންމާލެވޭނެ ކަމަށް ޝަފީގް ބުންޏެވެ.

އެ ފިލްމުގެ މަންޒަރުތައް މީގެ ކުރިން ވަނީ އދ. ފެންފުށީގެ އިތުރުން ސަން އައިލެންޑް ރިސޯޓް އަދި ޕެރެޑައިސް އައިލެންޑް ރިސޯޓްގައި ޝޫޓް ކޮށްފަ އެވެ.

"ފިލްމުގެ ދެ މަންޒަރެއް ވަރު އިންނާނީ މާލޭގައި ޝޫޓް ކުރާ ގޮތަށް،" ޝަފީގް ބުންޏެވެ.

"ކޮސް ގިނަ މިސްޓޭކް" ގެ ޓީޒާގެ މަންޒަރެއްގެ ސްކްރީންޝޮޓެއް....

އޭނާ އިތުރަށް ބުނީ ފިލްމުގެ އެޑިޓިން އަދި ޑަބިން ވެސް އެއްކޮށް ނިމިފައިވާ ކަމަށާއި މި އަހަރުގެ ރޯދައިގެ ފަހުން ސިނަމާތަކަށް ފިލްމު ގެންނާނެ ކަމަށެވެ.

ޝަފީގް އެ ފިލްމު ވީޓީވީން ގަނެފައިވާ އިރު "ކޮސް ގިނަ މިސްޓޭކް" އަކީ ލޯބީގެ އަދި ހެއްވާ މަޖާ މަންޒަރުތަކެއް ދައްކުވައިދޭނެ ފިލްމެކެވެ. އެ ފިލްމުގެ ފުރަތަމަ ޓީޒާ ވެސް މީގެ ކުރިން ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.

"ކޮސް ގިނަ މިސްޓޭކް"ގައި ފެންނާނީ ޔޫސުފް ޝަފީއު، އަހުމަދު އީސާ، އިރުފާނާ، އައްޒަ، ނުޒުހަތު ޝުއައިބް، އަލީ ސީޒަން އަދި އަހުމަދު ސައީދު ފަދަ ތަރިންގެ އެކްޓިން އެވެ.

comment ކޮމެންޓް