އާންމުންނަށް ނުދެވޭ ގޮތަށް، ހަތަރު ދުވަހަށް ކްރޮސްރޯޑްސް ބަންދުކޮށްފި

ކޮވިޑް19 އިން ރައްކާތެރިވުމަށް އަޅާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން، ކްރޮސްރޯޑްސް މޯލްޑިވްސް އަށް ޒިޔާރަތްކުރާ ފަރާތްތަކަށް ނުދެވޭ ގޮތަށް، ވަގުތީގޮތުން ބަންދުކޮށްފި އެވެ.

ކްރޮސްރޯޑްސް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ތަނުގެ މުވައްޒަފުންނާއި، ގެސްޓުންގެ ސަލާމަތަށް ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ.

އެގޮތުން މާދަމާ އިން ފެށިގެން މި މަހުގެ 12 ވާ ބުރާސްފަތި ދުވަހާ ހަމައަށް، ކްރޮސްރޯޑްސް އަށް ޒިޔާރަތްކުރާ މީހުންނަށް އެތަން ބަންދުކުރަން މެނޭޖްމަންޓުން ނިންމާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

ކްރޮސްރޯޑްސް ވަގުތީ ގޮތުން ބަންދުކުރަން ނިންމި ނިންމުމަކީ ސަލާމަތީ ފިޔަވަޅެއް ކަމަށާއި، މިހާތަނަށް ކޮވިޑް19ގެ އަލާމާތެއް ހުރި މީހަކު ފެނިފައި ނުވާކަމުގެ ޔަގީންކަން ދޭ ކަމަށް އެ ތަނުން ބުންޏެވެ.

މާޗް 13 ވާ ހުކުރު ދުވަހުން ފެށިގެން، އަނެއްކާވެސް ކްރޮސްރޯޑްސް އަށް ޒިޔާރަތް ކުރެވޭ ގޮތަށް ހުޅުވާލާނެ ކަމަށެވެ.

ކްރޮސްރޯޑްސް އިން ބުނީ ތަނުގެ ސްޓާފުންނާއި ގެސްޓުންގެ ސަލާމަތާ ރައްކާތެރިކަމަކީ އެންމެ އިސްކަންދޭ ކަންތައް ކަމަށާއި ކޮވިޑް19 އިން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން މި ބައްޔަށް ދެމީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. ޕޮޒިޓިވް ވެފައިވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގެ ދެ މުވައްޒަފުންނެވެ. އެއާއެކު އެ ރިސޯޓަށް އަރާ ފޭބުން މަނާކޮށްފަ އެވެ.

comment ކޮމެންޓް