ފޯކައިދޫގައި ހުރި ކުރެއްދޫގެ މުވައްޒަފަކު ކަރަންޓީނުކޮށްފި

މުޅި ދުނިޔޭގައި ބާރަށް ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ށ، ފޯކައިދޫގައި ހުރި ދިވެއްސެއްގެ ގައިން ކޮވިޑް19 ގެ އަލާމާތްތައް ފެނިގެން، އިތުރު ޓެސްޓުހަދައި މޮނީޓާ ކުރުމަށް އޭނާ ފަރުކޮޅުފުއްޓަށް ގެންދިއުމުގެ މަސައްކަތް ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ޝައްކުވެގެން ބަލަމުން ދަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގެ މުވައްޒަފެއް ކަމަށެވެ.

އަދި އޭނާ ކަރަންޓީނު ކުރަން ފަރުކޮޅުފުށްޓަށް ގެންދަން މަސައްކަތް ކުރަމުން އަންނަ އިރު އޭނާ މިވަގުތު ހުރީ ގޭގައި އަމިއްލައަށް އެކަހެރިވެގެން ނުވަތަ ސެލްފް އައިސޮލޭޝަންގައި ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ދެމީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު، އެއީ ކުރެއްދޫ ރިސޯޓުގެ ދެ މުވައްޒަފުންނެވެ. އެ ދެމީހުން ވައިރަހަށް ޕޮޒިޓިވް ވެފައިވަނީ، އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އިޓަލީއަށް ދިޔަ ފަތުރުވެރިޔަކަށް ބަލި ޖެހިފައިވާކަން އަންގާފައި ވަނިކޮށެވެ.

އެއާއެކު އެ ރިސޯޓުގެ ލެވެލް އޮރެންޖަށް މަތިކޮށް، އެރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ. ރިސޯޓު ބަންދުކޮށްފައި އޮތް ނަމަވެސް، އެ ރިސޯޓުގެ ކަންކަން ހުރީ އަންޑަ ކޮންޓްރޯލްގައި ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ މިއަދު ވިދާޅުވެފައެވެ.

ކަމާބެހޭ ފަރާތްްތައް ގުޅިގެން މިހާރު އަންނަނީ ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތް ކުރަމުންނެވެ.

މިވަގުތު އެ ރިސޯޓުގައި ޖުމުލަ 699 ފަތުރުވެރިން ތިބިއިރު، ރިސޯޓުގެ ދިވެހި މުވައްޒަފުންނާއި ކޮންސްޓްރަކްޝަން މަސައްކަތްތަކަށް އެރަށަށް ގޮސްތިބި ބިދޭސީ މަސައްކަތްތެރިންގެ އަދަދު 628 އަށް އަރާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް