ކޮވިޑް19 ނުވަތަ ކޮރޯނާވައިރަސްއާ ގުޅިގެން ރާއްޖޭގެ ހާލަތައް ބަލައި، އިންތިހާބު ފަސް ކުރަން ޖެހިއްޖެ ނަމަ ކޮމިޝަންގައި އިންތިހާބު ފަސް ކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަދި ތަރުޖަމާނު އަހްމަދު އަކްރަމް ވިދާޅުވެއްޖެ އެވެ.
ކުރެއްދޫ ރިސޯޓްގެ ދެ މުވައްޒަފަކު ކޮރޯނާ އަށް ޕޮޒިޓިވް ވެފައިވާ ކަން ރޭ ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.
އެއާއެކު އަންނަ މަހު ހަތަރު ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސް ކުރުމަށް ބައެއް އާންމުން ދަނީ ގޮވާލަމުންނެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން ކޮމިޝަންގެ ނައިބު ރައީސް އަކްރަމް "ސަން" އަށް މިއަދު ވިދާޅުވީ، އަދި މިހާތަނަށް އިންތިހާބު ފަސްކުރުމަށް ނިންމާފައި ނުވާ ކަމަށެވެ. އަދި އެކަމަށް ކޮމިޝަންގައި މަޝްވަރާވެސް ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެން ނަމަވެސް، ހާލަތައް ބަލައި، އިންތިހާބު ފަސްކުރުމަށް އަޅުގަނޑުމެން މަޝްވަރާ ކުރާނަން،" އަކްރަމް ވިދާޅުވި އެވެ.
އިންތިހާބު ބޭއްވުމަށް މަހަކަށްވުރެ ކުޑަ ދުވަސްވެފައިވާއިރު، ބައެއް ސިޔާސީ ޕާޓީތަކުން ވަނީ ކެމްޕެއިންވެސް މަޑުޖައްސާލާފަ އެވެ. އެގޮތުން އެމްޑިޕީއާއި ޕީޕީއެމް އިން ވަނީ ކެމްޕެއިން ހަރަކާތްތައް ހުއްޓާލާފަ އެވެ. އަދި ޖުމްހޫރީ ޕާޓީން ހުކުރު ދުވަހު ބޭއްވުމަށް ނިންމި އެ ޕާޓީ ކައުންސިލް ކެމްޕެއިން ލޯންޗިން ޖަލްސާވެސް ވަނީ ފަސްކޮށްފަ އެވެ.
ދެ މީހަކު ކުރެއްދޫ އިން ބައްޔަށް ޕޮޒިވް ވެފައިވާއިރު، އެ ރަށް މިހާރު އޮތީ އޮރެންޖް އެލާޓަށް ބަދަލުކޮށް، ރަށަށް އަރައި ފޭބުން ވެސް މަނާކޮށްފަ އެވެ. އަދި ރާއްޖޭގެ ހާލަތު ވަނީ ޔެލޯ އެލާޓަށް ބަދަލުކޮށްފަ އެވެ. ޔެލޯ އެލާޓަކީ ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގައި ނެރޭ އެލާޓެވެ. އޮރެންޖް އެލާޓަކީ ރާއްޖެއިން ބޭރުން އައި މީހެއްގެ ފަރާތުން ރާއްޖޭގައި ހުރި މީހަކަށް ބެލި ފެތުރޭ ހާލަތެވެ.
ކުރެއްދޫ އިން ދެ މީހުން ޕޮޒިޓިވް ވެފައި މިވަނީ، އިޓަލީން އެ ރިޒޯޓަށް އައި ފަތުރުވެރިޔަކު ރާއްޖެއިން ފުރައިގެން ދިޔަ ފަހުން އެ ބައްޔަށް ޕޮޒިޓިވް ވެފައި ވަނިކޮށެވެ.