ކޮންމެ އަހަރެއްގެ ވެސް މާޗް އަދި އޭޕްރީލް އަކީ ހޫނުގަދަ ދުވަސްކޮޅެކެވެ. ހޫނުގަދަވެ ގެތަކުގަ އާއި އޮފީސްތަކުގައި ފަންކަލާއި އޭސީ ބޭނުންކުރާ މިންވަރު އިތުރުވެ އެވެ. އަދި ގިނައިން ކަރު ހިއްކުމުގެ ސަބަބުން ފެން ބޯން ފުރިޖު ހުޅުވައި ލައްޕަން ޖެހޭ މިންވަރު ވެސް ބޮޑުތަނުން އިތުރުވެ އެވެ.
ހޫނަށް ކެތްނުވެގެން މާބޮޑަށް ވިސްނާނުލެވި ކުރެވޭ ކަންކަމުގެ ސަބަބުން މީޓަރަށް ބާރުބޮޑުވާ މިންވަރު ގިނަމީހުންނަކަށް ނޭނގެ އެވެ. ކަރަންޓު ބޭނުންކުރެވޭ މިންވަރު އިތުރުވާކަން ނޭނގި ތިއްބާ ،ދޮރު ދަށުން ގެއަށް ވައްދާލާ ބިލު ފެނި ބޮލުން ދުން އަރާވަރުވެ އެވެ.
ސްޓެލްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން، ފާއިތުވި ހަ އަހަރުގައި ވެސް މާޗް-އޭޕްރީލް ގައި ކަރަންޓު ބޭނުންކުރާ މިންވަރު އެހެން މަސްތަކާ އަޅާބަލާއިރު އިތުރުވެ އެވެ. ދެހާސް ސަތާރަ އަދި 2018 ވަނަ އަހަރު އެ މުއްދަތުގައި ކަރަންޓް ބޭނުންކުރާ މިންވަރު ހަ ޕަސެންޓާއި ހަތް ޕަސެންޓް އިތުރުވި އެވެ.
ނަމަވެސް 2019 ވަނަ އަހަރުގެ ހޫނު ދުވަސްވަރު ކަރަންޓު ބޭނުންކުރި މިންވަރު ވަނީ އަހަރުގެ އެހެން މަސްމަހާ އަޅާބަލާއިރު ނުވަ ޕަސެންޓު އިތުރުވެފަ އެވެ. މިއީ ސްޓެލްކޯއަށް ވެސް ސިހުމެއް ލިބިގެން ދިޔަ ބަދަލެކެވެ.
މި އަހަރުގެ މާޗު މަހު ވެސް ކަރަންޓު ބޭނުންކުރާ މިންވަރު ހުސްވި ޖެނުއަރީ އަދި ފެބުރުއަރީ މަހާ އަޅާބަލާއިރު އިތުރުވާން ފަށާފައިވާ ކަމަށް ސްޓެލްކޯގެ ރެކޯޑުތަކުން ދައްކަ އެވެ. އަދި މިކަން ސޯޝަލް މީޑިއާގައި ދަރުވަމުން އަންނަ ބިލުތަކުން ވެސް މިވަނީ އެނގެން ފަށައިފަ އެވެ.
ބިލު ބޮޑުވާއިރަށް ރައްޔިތުންގެ ނުރުހުން އަމާޒުވަނީ ސްޓެލްކޯއަށެވެ. ގޭގައި އުޅެނީ އެއް ބައެއް ކަމާއި، ކަރަންޓު ބޭނުންކުރާ އާލާތްތައް އިތުރުނުވާއިރު އަދި ބޭނުންކުރާ މިންވަރު އިތުރުނުވާއިރު ބިލު ބޮޑުވެގެން ނުވާނެ ކަމަށް ބުނެ ޝަކުވާތައް ގިނަވެ އެވެ. ގިނަ މީހުން ތުހުމަތު ކުރަނީ ސްޓެލްކޯއިން ގަސްދުގައި ބިލު ބޮޑުކުރަނީ ކަމަށެވެ.
ސްޓެލްކޯގެ އެސިސްޓަންޓް އިންޖިނިއަރު އިސްމާއިލް ނިޝާރު "ސަން" އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ/ އަހްމަދު ސައީދު
"ސްޓެލްކޯއިން ބިލު ބޮޑެއް ނުކުރާނެ. އެއީ ރަނގަޅު ވާހަކައެއް ނޫން. ސްޓެލްކޯއިން ކަރަންޓު ފޯރުކޮށްދިނަސް އެ މީޓަރު އެނބުރެން ފަށާނީ ކަސްޓަމަރު ބޭނުން ކުރަން ފެށުމުން،" ސްޓެލްކޯގެ އެސިސްޓަންޓް އިންޖިނިއަރު އިސްމާއިލް ނިޝާރު ވިދާޅުވި އެވެ.
ނިޝާރު ވިދާޅުވީ ސްޓެލްކޯއިން ވޯލްޓޭޖަށް ބަދަލުގެންނަ ކަމަށް ބައެއް ޓެކްނިކަލް ބޭފުޅުން ތުހުމަތު ކުރައްވާ ކަމަށެވެ. އެހެން ނަމަވެސް ކޮންމެ އެޕްލަޔަންސެއް ވެސް މަސައްކަތް ކުރަނީ ވަކި ރޭންޖެއްގަ އެވެ. އެ ރޭންޖަށް ވުރެ ވޯލްޓޭޖް ދަށްކޮށްފިނަމަ، އެ އާލާތްތައް މަސައްކަތެއް ނުކުރާނެ އެވެ.
"ދެން ބުނަނީ ވޯލްޓޭޖް މަތިކުރަނީއޭ. އެކަމަކު ރޭންޖަށް ވުރެ މަތިކޮށްފިއްޔާ އެންމެ ފަހުން އެ އެއްޗެއް ގޮވާނީ. އެހެންވީމާ އެއީ މުޅިން ހަމަޖެހޭ ވާހަކައެއް ނޫން،" ނިޝާރު ވިދާޅުވި އެވެ.
ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު އަލީ މުޖުތަބާ މުހައްމަދު ވިދާޅުވީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާވަރަކަށް، ކަރަންޓު ޖެނެރޭޓްކުރަން ބޭނުންކުރާ ޑީސަލް ވެސް އިތުރުވާނެ ކަމަށެވެ. އެހެންކަމުން ސްޓެލްކޯއަށް ވެސް އެ ހަރަދު ބޮޑުވާނެ އެވެ.
"ކޮންސަމްޕްޝަން މަތިވީމަ ކަރަންޓު ބިލްތައް އެކަންޏެއް ނޫން މި ބޮޑުވަނީ. ސްޓެލްކޯގެ ޑީސަލް ހަރަދު ވެސް އެބަ ބޮޑުވޭ،" އޭނާ ވިދާޅުވި އެވެ.
ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު އަލީ މުޖުތަބާ މުހައްމަދު -- ސަން ފޮޓޯ/ އަހްމަދު ސައީދު
ސްޓެލްކޯއިން ދޭ ޔަގީންކަމަކީ އެ ކުންފުނިން އެއްވެސް ކަރަންޓު ބިލަކާ ކުޅެ، ބިލު ބޮޑު ނުކުރާކަމެވެ. އަދި ބިލު ބޮޑުވަނީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާތީ ކަމަށާއި، އެހެންކަމުން ރައްޔިތުން ކަރަންޓު ބޭނުން ކުރުމުގައި ސަމާލުވާން ޖެހޭކަމަށް ސްޓެލްކޯއިން ބުނެ އެވެ.
ކަރަންޓު ހަރަދު ކުޑަވާނެހެން ދިރިއުޅުމުގެ އާދަތައް ބަދަލުކުރަން އެބަޖެހެ އެވެ. ނޫންނަމަ އޭގެ ބުރަ އުފުލަން ޖެހޭނީ އަމިއްލަ ޖީބުންނެވެ.
އޭސީ އާއި ފުރިޖު ސާވިސް ކުރަން އާދަކުރޭ!
އެންމެ ގިނައިން ކަރަންޓު ނަގަނީ ފިނިކުރުމަށާއި ހޫނު ކުރުމަށް ބޭނުންކުރާ އޭސީ، ފުރިޖު އަދި ހީޓަރު ފަދަ އެއްޗެހިންނެވެ. މިއިން އެއްޗެއްގައި މައްސަލައެއް އުޅޭނަމަ، އެކަން ބިލުން ފެންނާނެ އެވެ. އެހެންކަމުން މި އެއްޗެހި ގަވާއިދުން ފުލް ސާވިސް ކުރަން ސްޓެލްކޯއިން އިލްތިމާސް ކުރެ އެވެ.
"މިކަހަލަ އެއްޗެހި ހޫނު ދުވަސްކޮޅާ ދިމާކޮށްފައި ފުލް ސާވިސް ކޮށްފިއްޔާ ވަރަށް ބޮޑު ބަދަލެއް ފެންނާނެ،" ނިޝާރު ވިދާޅުވި އެވެ.
ފުލް ސާވިސް ނުކުރެވޭނަމަ އަމިއްލައަށް ވެސް ކުރެވިދާނެ ކަންކަން ބައިވަރު އެބަ ހުއްޓެވެ. އެގޮތުން އޭސީގެ އައުޓްޑޯ ޔުނިޓުގައި އިންނަ ކޫލާ ދޮވެލައި، އައުޓްޑޯ ޔުނިޓު ސާފުކޮށްލުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. އަދި އައުޓްޑޯ ޔުނިޓުގައި އިންނަ ވައި އެތެރެއަށް ވައްދާ ފިލްޓާ ނަގައި ސާފުކުރުމަކީ ވެސް މުހިންމު ކަމެކެވެ.
ގޭގައި ކޮންމެ ދުވަހަކު ވެސް އެއް ގަޑިތަކެއްގައި އޭސީ ޖައްސާފައި ހުރި ނަމަވެސް ފިނި ދުވަހަކަށް ވުރެ ހޫނު ދުވަހެއްގައި އޭސީ މަސައްކަތް ކުރާ މިންވަރު އިތުރުވެއެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_1571858226440H2D.png)
ބޭނުން ނުކުރާއިރު އެއާކޮންޑިޝަން ނިއްވާލުން ނުވަތަ އޭގެ ބޭނުންކުރާ ވަގުތުތައް ލިމިޓުކުރުމަކީ ޚަރަދު ކުޑަކުރުމަށް ކުރެވިދާނެ ކަމެއް -- ސަން ފޮޓޯ
"ކޮންމެ ދުވަހަކުވެސް ފަސް ގަޑިއިރު މި ބޭނުން ކުރަނީ. އެކަމަކު އެ ފަސް ގަޑިއިރު ތެރޭ، ފިނި ދުވަހެއްގައި ކޮމްޕްރެސަރު ޖެހޭނީ މަދުން. ހޫނު ދުވަހެއްގައި ކޮމްޕްރެސަރު ޖެހޭނީ ގިނައިން. އެ ޓައިމިންތައް ތަފާތުވަނީ މީގަ،" ނިޝާރު ވިދާޅުވިއެވެ.
މިއީ ގިނަ މީހުންނަށް އެހާ ރަނގަޅަށް އެނގޭ ކަންކަމެއް ނޫނެވެ. އޭސީގެ އައުޓްޑޯ ޔުނިޓު ޖެހޭކަން އެނގޭނީ އެއިން ކިޔާ އަޑުންނެވެ. ނަމަވެސް ޔުނިޓު ވަރަށް ކައިރީގައި އިނިއްޔާ ނޫނީ އެ އަޑެއް ނީވޭނެއެވެ.
ފުރިޖުތައް ވެސް މަސައްކަތް ކުރަނީ ހަމަ މިކަހަލަ ގޮތަކަށެވެ. ފިނި ދުވަހަކާ ހިލާފަށް، ހޫނު ދުވަހެއްގައި ފުރިޖުގެ މަސައްކަތް އިތުރުވެއެވެ. އަދި ފުރިޖުގެ ދޮރު ހުޅުވާ ލައްޕާ އަދަދު ވެސް ހޫނު ދުވަސްވަރު އިތުރުވާނެއެވެ.
އެހެންކަމުން އިރު އިރުކޮޅާ ފުރިޖު ހުޅުވައި، ފުޅިއެއް ފިނިކުރަން ލުމުގެ ބަދަލުގައި، ދުވާލުގެ އެންމެ ފިނިވަގުތު، މިސާލަކަށް ފަތިސް ވަގުތު ނުވަތަ އިރު އޮއްސޭ ވަގުތު ފުރިޖަށް ފެން ލުމަށް އާދަކުރުމަށް ސްޓެލްކޯއިން އިލްތިމާސް ކުރެއެވެ. އަދި ކާއެއްޗެހިވެސް ހޫނުކޮށް ހުއްޓައި ފުރިޖަށް ލާނަމަ، ފުރިޖުގެ މަސައްކަތް ބޮޑުވެ، ކަރަންޓު ބިލް ބޮޑުވާނެއެވެ.
"އެކަހަލަ ކުދި ކުދި ކަންތައް އަންނަނީ. އެކަމަލު އިން ދި އެންޑް، ބިލު އަންނަ އިރު ހަމަ މި އަންނަނީ ބޮޑުވެގެން،" ނިޝާރު ވިދާޅުވިއެވެ.
އޭސީ 25 ގައި ބަހައްޓަން އާދަކުރޭ!
ބޭރުގައި އުޅެފައި ގެއަށް އައިސް، ވެފައި ހުންނަ ހޫނުކަން ފިލުވާލަން އޭސީ 16 އަށް ލުމަކީ ގިނަ މީހުން ކުރާ ކަމެކެވެ. ނަމަވެސް މިއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.
އޭސީ އަކީ ހޫނު ވައި އެތެރެއަށް ވެއްދުމަށްފަހު، ފިނި ވައި ބޭރުކުރާ އެއްޗެކެވެ. އޭސީ 16 އަށް ލުމުން، ފިނިކުރަން ނަގާ ޕަވާ އިތުރުވެއެވެ. ޕަވާ އިތުރުވާނަމަ، ޔުނިޓު އިތުރުވާނެއެވެ. އަދި ޔުނިޓު އިތުރުވާނަމަ ބިލުވެސް ބޮޑުވާނެއެވެ.
އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ އޭސީ 25 ގައި ބެހެއްޓުން ކަމަށް ނިޝާރު ވިދާޅުވިއެވެ. އޭސީގެ ފިނިހޫނިމިން 25 ގައި ބަހައްޓައިފިނަމަ އައުޓްޑޯ ކޮމްޕްރެސާ ޖެހުން ކުޑަވާނެއެވެ. އަދި ފިނިކުރަން ނަގާ ޕަވާ ވެސް ކުޑަވާނެއެވެ.
އަވަހަށް ކޮޓަރިތެރެ ފިނިކޮށްލަން ބޭނުންނަމަ، އޭސީ 25 ގައި ބެހެއްޓުމަށްފަހު ފަންކާ މަޑުން ޖައްސާލުން ރަނގަޅެވެ. އޭރުން ކޮޓަރި ތެރޭގައި ވައި ދައުރުވުން ރަނގަޅުވެ، އަވަހަށް ފިނިވާކަމުގެ އިހުސާސް ކުރެވޭނެއެވެ.
"އޭރުން އޭސީ އެހާބޮޑަށް ތިރިއަށް ޖެއްސުމުގެ ބަދަލުގައި އޭސީ 25 ގައި ބައިންދާފަ ފަންކާ ޖައްސައިފިއްޔާ 16 އަށް އޭސީ ލައިގެން ފިނިކުރުމަށް ވުރެ ކަރަންޓު ހަރަދު ކުޑަވެގެން ދާނެ. އެއީ ވެސް ވަރަށް ފަސޭހައިން ކޮށްލެވިދާނެ ކަމެއް،" އޭނާ ވިދާޅުވިއެވެ.
އޭސީ ޖައްސާއިރު ވައި ބޭރުނުވާކަން ޔަގީންކުރޭ!
ބައެއް މީހުން ކޮޓަރީގެ އޭސީ ޖައްސާއިރު ކުޑަދޮރުވެސް ކުޑަކޮށް ހުޅުވާފައި ހުރެއެވެ. ނޫން ނަމަ ސިޓިންރޫމް ފިނިކޮށްލަން ކޮޓަރި ދޮރު ހުޅުވާލާފައި ވެސް ބަހައްޓައެވެ.
ނަމަވެސް މިއީ ކަރަންޓު ބިލު ބޮޑުވާ ސަބަބެކެވެ. އޭސީ ކޮށްފައި ހުންނަ ތަނަކީ ރަނގަޅަށް ބަންދުކޮށްފައި ހުންނަ ތަނަކަށް ވާންޖެހޭނެއެވެ. އަދި ކޮޓަރިން ފިނި ވައި ބޭރުވާނެ ގޮތެއް ނެތްކަން ކަށަވަރު ކުރަން ޖެހެއެވެ.
"ހޫނު ވައި އެތެރެއަށް ވަންނަންޏާ އަނެއްކާ ކޮމްޕްރެސާ ޖެހޭ މިންވަރު އިތުރުވާނެ،" ނިޝާރު ވިދާޅުވިއެވެ.
މީގެ އިތުރުން ވައި ގޮޅީގައި އޭސީގެ އައުޓްޑޯ ޔުނިޓު ބަހައްޓާފައި ހުރުމަކީ ވެސް މައްސަލައެއް ކަމަށް ނިޝާރު ވިދާޅުވިއެވެ. އައުޓްޑޯ ޔުނިޓު ހަރުކޮށްފައި އިންނަ ތަނުގައި ވެސް ވައި ދައުރުވާން ޖެހޭނެއެވެ. އޭސީ ޖައްސާފައި ހުންނަ ގަޑިތަކުގައި، އައުޓްޑޯ ޔުނިޓުގެ ކޮމްޕްރެސަރު ޖެހި، ޔުނިޓު އެއްކޮށް ހޫނުވެއެވެ. ޔުނިޓު ހަރުކޮށްފައި ހުންނަތަނުގައި ވައި ދައުރު ނުވާނަމަ މުޅި އެތަން ހޫނުވެ އޭސީގައި ވެސް މައްސަލަ ޖެހެއެވެ.
"އާ އޭސީއެއް ވިޔަސް ހަ ވަރަކަށް މަސް ތެރޭ މައްސަލަ ޖެހޭނެ. އެހެންވީމަ މިކޮޅުން ވެސް ބޮޑަށް އިލްތިމާސް ކުރަނީ ވައި ދައުރުވާ ތަނެއްގައި އައުޓްޑޯ ޔުނިޓު ހަރުކުރަން،" ނިޝާރު ވިދާޅުވިއެވެ.
ތަރުމޯޒު ބޭނުންކުރަން ފަށާ!
ގޭގައި ފެން ހޫނުކުރަން ބޭނުންކުރާ ކަރަންޓު ކުރާ ތަކަކީވެސް ވަރަށް ގިނައިން ކަރަންޓު ނަގާ އެޕްލަޔަންސެކެވެ. ކޮފީއެއް ނުވަތަ ސައިތަށްޓެއް ހަދަން ބޭނުންވާ ކޮންމެ ފަހަރަކު ކުރާ ޖެއްސުމަކީ މާބޮޑު ކަމެއް ކަމުގައި ހީނުވި ނަމަވެސް، މިއީ ވަރަށް ބާރަށް މީޓަރު އަނބުރާލާނެ ކަމެކެވެ. އަދި މާގިނައިން ކުރަޔަށް ފެން އެޅުމަކީ ވެސް ކަރަންޓު ބިލު ބޮޑުކުރާ ކަމެކެވެ.
އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ތަރުމޯޒެއް ހޯދައި، ފެން ކައްކާފައި އެއަށް އެޅުމެވެ. އޭރުން އިރުއިރުކޮޅާ ކުރާ ނުޖައްސާ ވާނެއެވެ. އަދި އެއް ތަށި ކޮފީ ތައްޔާރުކުރަން ބޭނުންނަމަ، އެވަރަށް ކުރަޔަށް ފެން އަޅާށެވެ.
"ވަރަށް ބޮޑަށް ކަރަންޓު ނަގާ އެއްޗެއް އެއީވެސް. އެކަމަކު އެ ޑިޕެންޑުވަނީ އެ ޖައްސާފަ ހުންނަ ގަޑިއަށް. ގިނައިން ފެން އެޅިއްޔާ ގިނަ އިރު ވާނެ. ކުޑައިރުކޮޅަކުން ފެން ކައްކާލެވޭތީ ހީކުރެވެނީ އެހާ ގިނަ ކަރަންޓެއް ނޫނޭ. އެކަމަކު މިއީ ހަމަ އޭސީގެ އައުޓްޑޯ ޔުނިޓު ޖެހުން ކަހަލަ ކަމެއް،" ނިޝާރު ވިދާޅުވިއެވެ.
މީގެ އިތުރުން އިސްތިރި ވެސް ރީތިކޮށް ސާފުކުރާށެވެ. ދަށްފުށުގައި އެއްވެސް އެއްޗެއް ހަރުލާފައި ހުންނަ ނަމަ ހޫނުވާން އިތުރު ވަގުތު ނަގާނެއެވެ. އެހެންކަމަށް ވާނަމަ ކަރަންޓު ބިލަށް އޭގެ އަސަރު ކުރާނެއެވެ. އަދި ފުރަތަމަ ދޮން މަޑުކޮށް ކުރަން ޖެހޭ ހެދުން އިސްތިރިކޮށް ނިންމުމަށްފަހު، ދޮން ގަދަކޮށް ކުރަންޖެހޭ ހެދުން އިސްތިރި ކުރާށެވެ.
ގޭގައި ނޫޅޭ ގަޑިތަކުގައި ބޭނުން ނުކުރާ ހުރިހާ އެއްޗެއް ނިއްވާލާށެވެ. ޓީވީ ހަމައެކަނި ނިއްވާލުމަކުން ނުފެދެއެވެ. ކަރަންޓު ވެސް ކަނޑާލާށެވެ. ޑީކޯޑަރުން ވެސް ކަރަންޓު ކަނޑާލާފައި ބަހައްޓާށެވެ. ބޭނުން ނުކުރިޔަސް ޖައްސާފައި ބަހައްޓާނަމަ އެ ނަގަނީ ކަރަންޓެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_1571858201575jaV.png)
ބޭނުން ނުކުރާއިރު ބޮކިތައް ނިއްވާލުމަކީ ކަރަންޓު ޚަރަދު ކުޑަކުރުމަށް ކުރެވިދާނެ ކަމެއް -- ސަން ފޮޓޯ
ލެޑް ލައިޓަށް ބަދަލުކުރޭ!
ކަރަންޓު ހަރަދުކުޑަކުރުމަށް ބާރުއެޅުމުގެ ގޮތުން ސްޓެލްކޯއިން ވަނީ މާލޭ އާއި ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް އެލްއީޑީ (ލެޑް)ލައިޓް ބެހުމުގެ ކެމްޕޭނެއް ކުރިއަށް ގެންގޮސްފައެވެ.
އެ ކެމްޕޭނަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައިރު، 92،000 ބޮކި ވަނީ ބަހައިފައެވެ. އެހެންކަމުން ގިނަ ބައެއްގެ އަތުގައި މީގެ ބޮކިތައް މިހާރު ހުންނާނެއެވެ. ހޮޅިބުރީގެ ބަދަލުގައި މީގެ ބޮކި ބޭނުންކުރަން ފަށައިފިނަމަ، ގެ އަލިކުރަން އެ ހޭދަވާ ކަރަންޓުގެ ގާތްގަނޑަކަށް 50 ޕަސެންޓު ދަށްވެއެވެ.
ރީޑިން ނެގުމުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުން!
މި ފަހުން ސޯޝަލް މީޑީގައި ވަނީ 11،000 ގެ ކަރަންޓު ބިލެއް ވަރަށް ބާރަށް ދައުރުވެފައެވެ. އެ ބިލު ޓުވީޓުކުރި ފަރާތުން ބުނީ ބޭނުންކުރާ ވަރު އިތުރުނުވާ ކަމަށާއި އެހެން ނަމަވެސް ބިލު ދެ ހާހުން 11000 އަށް އެރި ސަބަބު ނޭނގޭ ކަމަށެވެ.
ސްޓެލްކޯ އިން ބުނީ އެއީ ތިން މަހުގެ ބިލެއް ކަމަށެވެ. ކަރަންޓު ބޭނުންކުރާ މިންވަރު މާބޮޑަށް އިތުރުވެފައި ނެތް ނަމަވެސް، 79 ދުވަހަށްވާ ބިލެއް އެއްފަހަރާ އައުމުން ބިލު ބޮޑުވާނެ ކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ.
ސްޓެލްކޯއިން ބުނީ އެގޭގެ ރީޑިން ނުނެގި ގިނަ ދުވަސްތަކެއް ވެގެން ދިޔައީ އެ ގޭގެ މީޓަރަށް އެކްސެސް ނުވެވިގެން ކަމަށެވެ. އެތައް ފަހަރަކު މަސައްކަތް ކޮށްގެން ވެސް އެ ގޭގެ ރީޑިން ނެގޭގޮތް ނުވީއެވެ. މިއީ ވެސް ސްޓެލްކޯއަށް ކަރަންޓު ބިލު ހެދުމުގައި ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ.
ސްޓެލްކޯގެ އެސިސްޓަންޓް މެނޭޖަރު އިބްރާހިމް ޒާހިރު ވިދާޅުވީ ބައެއް ފަހަރު މީޓަރު ހުންނަ ތަން ބަންދުކޮށްފައި ހުރުމާއި، އެތަނުގައި އެއްޗެހި ގިނަ ކަމުން ރީޑިން ފެންނަ ވަރަށް ކައިރިނުވެވުމާއި ގޭގައި ދިރިއުޅޭ ފަރާތްތަކާ ނުގުޅުމުގެ މައްސަލަތައް ދިމާވާ ކަމަށެވެ.
"މިކޮޅުން ހަމަ ކޮންމެ މަހަކު ވެސް ތިން ހަތަރު ފަހަރު ތަނަކަށް އެޓެންޑު ވާނެ ރީޑިން ނެގުމަށްޓަކައި. އެހާވަރަށް މަސައްކަތް ކުރާނެ، އެކަމަކު ވެސް ރީޑިން ނުނެގި ދާ ތަންތަން ހުރޭ މަދުން ނަމަވެސް،" ޒާހިރު ވިދާޅުވިއެވެ.
އެހެންކަމުން މިކަންކަމުގައި ރައްޔިތުންގެ ފަރާތުން ސްޓެލްކޯއަށް އެއްބާރުލުން ބޭނުންވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރީޑިން ނުނެގޭނަމަ ސްޓެލްކޯއަށް ގުޅައިގެން އެކަން ކަށަވަރު ކުރުމަށާއި، ގޭގައި ދިރިއުޅޭ މީހުން ބަދަލުވާނަމަ، އެގެއަށް ދެން އަންނަ މީހުންގެ ފޯނު ނަމްބަރުތައް ސްޓެލްކޯއަށް ހިއްސާކޮށް އެ މައުލޫމާތު އަޕްޑޭޓު ކުރުމަށް ވެސް ސްޓެލްކޯއިން އިލްތިމާސް ކުރެއެވެ.
ކޮށްލާ ކުޑަކުޑަ ކަމަކުން ކަރަންޓު ބިލު ކުޑަ ކުރެވޭއިރު އެ ބާރު ރައްޔިތުންގެ އަތުގައި އެބަ އޮތެވެ. އާދަތަކަށް ހެޔޮ ބަދަލުތަކެއް ގެންނަ ނަމަ، ބިލު ކުޑަ ކުރެވޭނެއެވެ. އެހެންކަމުން މި ހޫނުގައި އިތުރު ކަމަކާ ރުޅިގަދަވުމުގެ ބަދަލުގައި އަމިއްލަ ބާރުގައި ހުރި ކަންކަން ކުރަމާ ހިނގާށެވެ. ސްޓެލްކޯއިން ބުނަނީ ތަފާތު ފެންނާނެ ކަމަށެވެ.