އަދާލަތަށް ހައްގު މިންވަރަކީ އެންމެ ވަޒީރެއް، އެ އޮންނާނީ ދީފައި: ރާއީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

އަދާލަތު ޕާޓީއަށް ހައްގު މިންވަރަކީ ކެބިނެޓުގެ އެންމެ ވަޒީރެއް ކަމަށާއި އެ މިންވަރު ދީފައި އޮންނާނެ ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް، މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ރައްދު ދެއްވައިފި އެވެ.

މިހާރު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދާ މަތީ ތައުލީމުގެ ބިލުގެ ބަހުސްގައި ރާއީ މިހެން ވިދާޅުވީ ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވަކިކުރުމުން ކޯލިޝަންގައި ހިމެނޭ އަދާލަތަށް އިތުރު ސްލޮޓެއް ލިބެން ޖެހޭ ކަމަށް އިމްރާން ރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވިދާޅުވުމާ ގުޅިގެންނެވެ.

އަދާލަތު ޕާޓީގެ ބޭފުޅެއްގެ ގޮތުގައި ވަޒީރު ކަމުގައި މިހާރު އިންނަވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޒާހިރު އަލީއެވެ.

އިމްރާންގެ ވާހަކައަށް ރައްދު ދެއްވައި އެމްޑީޕީގެ މެމްބަރު ރާއީ ވިދާޅުވީ "ބައި ހަމަނުވާ ޕާޓީއެއްގެ ވަޒީރަކު" ހައްގު މިންވަރު ނުލިބޭ ކަމަށް ވިދާޅުވުމަކީ ބޮޑު ޖޯކެއް ކަމަށެވެ.

"ހައްގު މިންވަރަކީ އެންމެ ވަޒީރެއް. އެ ވަޒީރުކަން އަޅުގަނޑުމެން ހުންނާނީ ދީފައި،" ރާއީ ވިދާޅުވި އެވެ.

ރާއީ މިއަދު ވިދާޅުވީ މި ސަރުކާރު ގެނައީ އެމްޑީޕީގެ މެމްބަރުން ކުރި މަސައްކަތުން ކަމަށެވެ. އަދި އެމްޑީޕީއަށް ހައްގު މިންވަރު ސަރުކާރުގެ ތެރެއިން ލިބުނުކަމަށް، ޕާޓީގެ މެމްބަރުންގެ އިތުރުން ޕާޓީގެ ލީޑަޝިޕުން ވެސް ގަބޫލުނުކުރާ ކަމަށެވެ.

އެހެންކަމުން މި ސަރުކާރުގެ ވަޒީރަކު ހައްގު މިންވަރުގެ ވާހަކަ އެމްޑީޕީ ގާތުގައި ދެއްކުމަކީ ވަރަށް ހުތުރު ކަމެއް ކަމަށާއި ކޯލިޝަނުގައި ހިމެނޭ ޕާޓީއެއްގެ ވަޒީރަކު ބުނާހާ ގޮތަކަށް އެމްޑީޕީން ކަން ނުކުރާނެ ކަމަށްވެ ވެސް މެމްބަރު ވިދާޅުވި އެވެ.

މެމްބަރު ރާއީ ސިފަކުރެއްވި ގޮތުގައި އަދާލަތަކީ އެމްޑީޕީގެ ހިޔަނިން ހިނގާ ޕާޓީއެކެވެ. އަދި ހައްގު މިންވަރުގެ ވާހަކަ އިތުރަށް ދައްކައިފި ނަމަ މިހާރު ލިބިފައި އޮތް މިންވަރު ކެނޑިގެން ހިނގައިދާނެ ކަމަށް ބުނެ ރާއީ ވަނީ އިމްރާނަށް ނުސީދާ އިންޒާރެއް ވެސް ދެއްވައިފަ އެވެ.

"ހައްގު މިންވަރުގެ ވާހަކަ ދައްކާނީ އަޅުގަނޑުމެން. އެ ހައްގު މިންވަރު ކޯލިޝަން ވިޔަސް އަޅުގަނޑުމެން އޮންނާނީ ދީފައި. އިތުރަށް ވާހަކަ ދައްކަންޏާ އަޅުގަނޑުމެން ހީވާގޮތުން އިތުރަށް އެބައި ކެނޑިގެން ގޮސް އެބޭފުޅާއަށް ހައްގު މިންވަރަކީ ކޯއްޗެއްކަން އެނގިގެން ދިއުން ކަންނޭނގެ އެންމެ ރަނގަޅު ގޮތަކީ،" ރާއީ ވިދާޅުވި އެވެ.

މި ސަރުކާރު ވެރިކަމަށް އައީ އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އެމްއާރްއެމް އަދި އަދާލަތު ޕާޓީ ހިމެނޭ ކޯލިޝަން އަކުންނެވެ. ވެރިކަން ލިބުނު ފަހުން އެމްޑީޕީން އަންނަނީ ތަކުރާރުކޮށް ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ ވަޒީރުންނަށް ފާޑުކިޔަމުންނެވެ. މިކަން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނެވެ.

އެމްޑީޕީގެ ސްލޮޓުތަކުގައި ތިބި ވަޒީރުންނަށް އެއްވެސް ކަމެއްގައި އެމްޑީޕީ މެމްބަރުންގެ ނުރުހުން އަމާޒެއް ނުވެ އެވެ. މިނިސްޓަރު އިމްރާން އަށާއި، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދަށާއި ޓެލެކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު އަދި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އަށް އެމްޑީޕީ މެމްބަރުން އަންނަނީ ތަކުރާރުކޮށް ފާޑުކިޔަމުންނެވެ.

އަދާލަތުގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރު ކަމުގައި ހުންނެވި ޝިދާތާ މަގާމުން އިސްތިއުފާ ދެއްވީ ގއ. ކަނޑުހުދޫގައި ތުއްތު ކުއްޖަކަށް އެކުއްޖާގެ އާއިލާ މެމްބަރުން ޖިންސީ ގޯނާ ކުރި މައްސަލައާއި އަދި ކުރިން ޑިސްއެބިލިޓީ އެމްބެސެޑަރުކަމުގައި ހުންނެވި އަހުމަދު ހިޝާންގެ މައްސަލައިގައި ޝިދާތާއަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެންނެވެ.

މަސްލަހަތަށްޓަކައި ކަމަށްބުނެ ޝިދާތާ ޖެންޑާ މިނިސްޓަރުކަމުން އިސްތިިއުފާ ދެއްވުމުން، އެ މަގާމު މިހާރު ފުރުއްވަމުންދަނީ އައިޝަތު މުހައްމަދު ދީދީ އެވެ. އޭނާއަކީ ކުރި މައުމޫން ސަރުކާރުގައި ޖެންޑާ މިނިސްޓަރަކަށް ހުންނެވި ބޭފުޅެކެވެ.

comment ކޮމެންޓް