ޖަރުމަނާއި ޗެކްރިޕަބްލިކް ވިސާ މާލެއިން ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

ވިސާ ސެންޓަރު ހުޅުވުން -- ފޮޓޯ: ފޮރިން މިނިސްޓްރީ

ޔޫރަޕަށް ދާން ނަގަން ޖެހޭ، ޝެންގަން ވިސާ ނެގޭނެ ސެންޓަރެއް މާލޭގައި ހުޅުވައި، ޖަރުމަނުވިލާތަށާއި ޗެކްރިޕަބްލިކަށް ދަތުރުކުރަން ބޭނުންވާ ދިވެހިންނަށް މާލޭގައި ތިބެގެން ވިސާއަށް އެދެވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ވިސާ އެޕްލިކޭޝަން ސެންޓަރު ހުޅުވައިދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޖަރުމަނުވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޯން ރޯޑޭ އަދި ޗެކްރިޕަބްލިކް އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިލާން ހޮވޯކާ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ މި ވިސާ ސެންޓަރާއެކު ޖަރުމަނަށް ދިޔުމަށް ބޭނުންވާ ވިސާ ނަގަން ކޮލަމްބޯ ނުވަތަ ނިއު ދިއްލީ އަށް ދަތުރުކުރުން ނިމުމަކަށް އަންނާނެ ކަމަށެވެ. މިއީ ދިވެހި ރައްޔިތުންނަށް ލިބުނު ފަސޭހައެއްކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ވިސާ ސެންޓަރު ގާއިމް ކުރުމަށް މަޝްވަރާތައް މިދިޔަ އަހަރު ފެށުނު ކަމަށާއި އަހަރެއްހައި ދުވަހުގެ ތެރޭގައި ވިސާ ސެންޓަރު ހުޅުވުނީ ޖަރުމަނު ސަފީރުގެ ބޮޑު އެއްބާރުލުމަކާ އެކު ކަމަށެވެ.

ވިސާ ސެންޓަރު ހުޅުވުމަކީ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު އެދިއެދި ތިބި ކަމެއްކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ ކޮންމެ އަހަރަކުވެސް ޖަރުމަނުގައި އޮންނަ އައިޓީބީ ބާލިން ފެއާ އާއި ދިމާކޮށް އެގައުމަށް ދިޔުމަށް ގިނަ އަދަދެއްގެ ދިވެހިން ވިސާއަށް އެދޭ ކަމަށެވެ.

އެ ފަރާތްތަކަށް ފަސޭހަކޮށްދިނުމަށް މީގެ ކުރިން މޮބައިލް ވިސާ ކްލިނިކްތައް ގާއިމް ކުރެ އެވެ.

"މިއަދު މި ހުޅުވިގެންދިޔަ ވިސާ ސެންޓަރާއެކު ދިވެހިންނަށް ޖަރުމަނު ޝެންގަން ވިސާ ނެގުމަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ. އަޅުގަނޑުމެންގެ އަމާޒަކީ ވިސާ އާއި ނުލާ ދިވެހިންނަށް އީޔޫގެ ގައުމުތަކަށް ދަތުރު ކުރެވޭނެ މަގު ކުރިއަށް އޮތްތަނުގައި ފަހިވުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ހުޅުވުނު ސެންޓަރުން ޖަރުމަނާއި ޗެކްރިޕަބްލިކް ވިސާ ދޫކުރި ނަމަވެސް، ކުރިއަށް އޮތްތަނުގައި އީޔޫގެ އެހެން ގައުމުތަކުން ވެސް ރާއްޖޭގައި ވިސާ ސެންޓަރުތައް ގާއިމް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

ޖަރުމަނު ސަފީރު ވެސް ވަނީ އެކަން ފާހަގަ ކުރައްވައިފަ އެވެ.

ސަފީރު ވިދާޅުވީ ވިސާ ސެންޓަރުގެ ޖާގަ ބޮޑުކުރަން ކައިރި މުސްތަގުބަލުގައި ޖެހޭނެ ކަމަށާއި އީޔޫގެ އެހެން ގައުމުތަކުން ވެސް ރާއްޖޭގައި ވިސާ ސެންޓަރު ގާއިމް ކުރަން ބޭނުންވެ ޝައުގުވެރިކަން ފާޅުކުރާކަމަށެވެ.

comment ކޮމެންޓް