އެނާޖީ އޮޑިޓަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމާލައިފި

ސެޓިފައިޑް އެނަރޖީ އޮޑިޓަރ ޓްރެއިނިންގ ޕްރޮގްރާމްގެ ބައިވެރިންނާއެކު މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން---

އެންވަޔަރަންމަންޓް މިނިސްޓްރީން އިންތިޒާމްކޮށްގެން ބޭއްވި ސެޓިފައިޑް އެނާޖީ އޮޑިޓަރުން (ސީއީއޭ) ތަމްރީން ކުރުމުގެ ޕްރޮގްރާމު 25 ބައިވެރިވެރިޔަކު ފުރިހަމަކޮށްފި އެވެ.

ނުވަ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޓްރެއިނިންގ ޕްރޮގްރާމަކީ އެމެރިކާގެ އެސޯސިއޭޝަން އޮފް އެނަރޖީ އިންޖިނިއަރސް (އޭއީއީ)ގެ ފަންނީ މާހިރުން ގެނެސްގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

އޭއީއީގެ ސީއީއޭ ސެޓްފިކެޓަކީ ބައިނަލްއަގުވާމީގޮތުން ބަލައިގަންނަ ސެޓްފިކެޓެކެވެ. އަދި މިއީ މިދާއިރާގެ މިފަދަ ޓްރެއިނިން ޕްރޮގްރާމެއް ރާއްޖޭގައި ހިންގި ފުރަތަމަ ފަހަރެވެ.

މިދިޔަ ބުރާސްފަތި ދުވަހު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޕްރޮގްރާމް ފުރިހަމަކުރި 25 ބައިވެރިންނަށް ވަނީ އެއީއީގެ މެންބަރުކަން ލިބުނުކަމުގެލިޔުން ހަވާލުކޮށްފައެވެ.

އިމާރާތްތަކުގައި ކަރަންޓު ބޭނުންކުރުމުގައި ހަކަތަ އިސްރާފުވާ ގޮތްތައް ދެނެގަތުމާއި އިމާރާތްތަކުގައި ބޭނުންކުރާ ހަކަތަ ސަމަކާރަކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަނެ އެފަދަ ބަދަލުތައް ގެނައުމަށް ބޭނުންވާ ފަންނީ ލަފައާއި އިރުޝާދު ދިނުމުގައި އެނަރޖީ އޮޑިޓަރުންނަކީ ވަރަށް އިސް ދައުރެއް އަދާކުރާ ބައެކެވެ.

ރާއްޖޭގެ ހަކަތައިގެ ދާއިރާ ކުރިއެރުވުމަށާއި އެ ދާއިރާ ތަރައްގީ ކުރުމަށާއި ރާއްޖޭގައި އިތުވަމުން އަންނަ އިމާރާތްތަކުގައި ހަކަތަ އިގްތިސޯދުކުރުމުގެ ގޮތްތަކަށް ހިމަނައިގެން ފަރުމާކުރުމުގައިވެސް އެނާޖީ އޮޑިޓަރުންނަކީ ވަރަށް މުހިންމު ބައެކެވެ.

ނަމަވެސް އެ ދާއިރާއިން ތަމްރީން ލިބިފައިތިބި އެނާޖީ އޮޑިޓަރުން ރާއްޖޭގައި މަދުވުމުގެ ސަބަބުން އެފަދަ ގިނަ މަސައްކަތްތައް މީގެ ކުރިން ކޮށްފައިވަނީ ބޭރުގެ އެނަޖީ އޮޓިޓަރުންގެ އެހީތެރިކަމާއިއެކުގައެވެ.

އެ ޓްރެއިނިންގ ޕްރޮގްރަމަކީ އެންވަޔަރަންމަންޓު މިނިސްޓްރީގެ ދަށުން ހިންގާ ސްޓްރެންތެނިންގް ލޯ ކާބަން އައިލެންޑް ސްޓްރެޓެޖީސް (އެލްސީއީއައި) މާޝްރޫއުގެ ދަށުން ރާއްޖޭގެ އިމާރާތްތަކުގައި ބޭނުންކުރާ ހަކަތަ އިގްތިސޯދު ކުރުމަށް ބޭނުންވާ ފަންނީ ގާބިލުކަން އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

comment ކޮމެންޓް