ސީއެންއެން މެދުވެރިކޮށް ރާއްޖެ މުޅި ދުނިޔެއަށް ދައްކާލަނީ

ރާއްޖެ އިޝްތިހާރު ކުރަން ސީއެންއެންއާއެކު އެއްބަސްވުމުގައި ސޮއިކުރުން. މި އެއްބަސްވުމުގެ ދަށުން ދުނިޔޭގެ ފަސް މާކެޓެއްގައި ސީއެންއެންއިން ރާއްޖެ އިޝްތިހާރު ކުރާނެ-- ފޮޓޯ/އެމްއެމްޕީއާރުސީ

އެމްއެމްޕީއާރުސީން ރާއްޖޭގެ ފަތުރުވެރިން އިޝްތިހާރު ކުރުމަށްޓަކައި ސީއެންއެންއާއެކު ކެމްޕޭނެއް ފަށައިފި އެވެ.

މާޗު މަހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ އެ ކެމްޕޭން އަމާޒުކޮށްފައިވަނީ ދުނިޔޭގެ ފަސް ސަރަހައްދެއްގެ މާކެޓުތަކުގައި ރާއްޖެ އިޝްތިހާރު ކުރުމަށެވެ.

އެއީ ދެކުނު އޭޝިއާ، އޭޝިއާ ޕެސިފިކް، މެދުއިރުމަތި، އެފްރިކާ އަދި ޔޫރަޕްގެ މާކެޓުތަކެވެ.

މި ކެމްޕޭނުގެ ދަށުން ސީއެންއެންގެ ހަބަރު ޗެނަލްތަކާއި ވެބްސައިޓުގެ އިތުރުން މީސްމީޑިއާގައި ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ދިވެހިންގެ ސަގާފަތާއި މަސައްކަތްތެރިކަން ދައްކައިދޭ ފޮޓޯއާއި ވީޑިއޯ ޝާއިއުކުރާނެ އެވެ.

"މި ކެމްޕޭން ވެގެންދާނީ އެމްއެމްޕީއާރުސީން ރާއްޖެ އިޝްތިހާރު ކުރަން މިއަހަރު ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ހަރަކާތަށް." އެމްއެމްޕީއާރުސީން ބުނެ އެވެ.

މި ހަރަކާތުގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކައި ދުނިޔޭގެ 23 މާކެޓެއްގައި ހަރަކާތްތަކެއް ހިންގަން އެ ކޯޕަރޭޝަނުން ވަނީ ރާވާފަ އެވެ.

ހަލުވިކަމާއެކު ދުނިޔޭގައި ކޮވިޑް-19 ފެތުރެމުންދާތީ ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް ކޮންމެވެސް ވަރެއްގެ އަސަރުތަކެއް ވަނީ ކޮށްފަ އެވެ.

އެކަމުން އަރައިގަނެ، މި ދަނޑިވަޅުގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރު ކުރުމަށްޓަކައި އެމްއެމްޕީއާރުސީން ދަނީ ގިނަ އަދަދެއްގެ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން އަންނަ މާޗު މަހުގެ ހަތަރުވަނަ ދުވަހު ފަށާ ދުނިޔޭގެ އެންމެ ބޮޑު ޓްރެވަލް، ޓްރޭޑް ފެއާ އައިޓީބީ ބާލިންގައި ވެސް ގިނަ ކުންފުނިތަކަކާއެކު ރާއްޖެ ތަމްސީލު ކުރަން އެމްއެމްޕީއާރުސީން ދަނީ ތައްޔާރުވަމުންނެވެ.

comment ކޮމެންޓް