އިދިކޮޅުގެ ރައްދު ރިޔާސީ ބަޔާނަށް: ގައުމުގެ މިސްރާބެއް ނެތް، ފެންނަނީ ބަނަކަން!

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 41 ވަނަ ޖަލްސާގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ދައުލަތުގެ ތިން ބާރު މިއަދު އޮތީ މަސްހުނިވެފައި ކަމަށާއި ގައުމުގެ މިސްރާބު ހުރީ ތަހުޒީބު ކަމެއްނެތް، ބަނަ ދުނިޔެއަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އިދިކޮޅު ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.

ކޮންމެ އަހަރަކު މަޖިލީސް ހުޅުވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިއްވާ ރިޔާސީ ބަޔާނަށް މަޖިލީހުގެ މަނޯރިޓީ ލީޑަރު ޖަވާބު ދާރީވާން ޖެހެ އެވެ. އެންމެ ފަހުން ރިޔާސީ ބަޔާނަށް ޖަވާބު ދާރީވެފައިވަނީ 2011 ވަނަ އަހަރު އެވެ.

މިމަހު ކުރީ ކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްވެވި ރިޔާސީ ބަޔާނަށް އިދިކޮޅުގެ ފަރާތުން މިއަދު މަޖިލީހުގެ ތަޅުމުގައި ބަޔާން އިއްވާ ރައްދު ދެއްވީ، މަނޯރިޓީ ލީޑަރު ސަލީމެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލި!

ސަލީމްގެ ވާހަކަ ފުރަތަމަވެސް ފެއްޓެވީ މަނީލޯންޑަރިންގެ ދައުވާ ސާބިތުވެ ޖަލައްލާފައިފައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު މިނިވަން ކުރުމަށް ގޮވާލަމުންނެވެ.

ސަލީމް ވިދާޅުވީ ގިނަ ޕާޓީތައް އެކުލެވޭ ސިޔާސީ ނިޒާމެއްގައި އެންމެ މައި އުންސުރަކީ، ވާދަވެރި ސިޔާސީ ޕާޓީތަކުން "ސިޔާސީ ދަޑުގައި" ހަރަކާތްތެރިވުން ކަމަށްވާއިރު، ރައީސް ޔާމީން ޖަލަށްލާފައި ހުރުމުން، ސަރުކާރު ޒިންމާދާރު ކުރުމާއި އިދިކޮޅު ސިޔާސީ ހަރަކާތްތަކަށް ހުރަސްއެޅޭ ކަމަށެވެ.

މި ސަރުކާރުގައި ރައީސް ޔާމީން ނުހައްގުން ދެފަހަރަކަށް ޖަލަށްލި ކަމަށާއި އިދިކޮޅު ސިޔާސީ ލީޑަރު ޖަލަށްލުމުން އިދިކޮޅު ހަރަކާތްތަކަށް ހުރަސްއެޅިފައިވާ ކަމަށް ސަލީމް ފާހަގަ ކުރެއްވި އެވެ.

"އިދިކޮޅު ސިޔާސީ ލިޑަރު ޖަލަށްލުމަކީ ޑީމޮކްރަސީގައި ފަހަތައް އެޅި ފިޔަވަޅެއް. ވާދަވެރި ސިޔާސީ ޕާޓީތަކަށް ކުރިމަތިކުރުވި ވަރަށް ބޮޑު ގޮންޖެހުމެއް. ވީމާ، ޖަލަށްލާފައިވާ އިދިކޮޅު ސިޔާސީ ލީޑަރު ވަގުތުން މިނިވަން ކުރުމަށް އަޅުގަނޑު ސަރުކާރަށް ގޮވާލަން،" ނުވަ އަހަރުގެ މެދުކެޑުމަކަށްފަހު ރިޔަސީ ބަޔާނަށް އިދިކޮޅުން އިއްވި ރައްދު ފަށަމުން ސަލީމް ވިދާޅުވި އެވެ.

އިދިކޮޅު ލީޑަރު ރައީސް ޔާމީން މައްޗަށް މަނީލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަށް ޑޮލަރަށް ޖޫރިމަނާ ކުރުމަށް ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ. އެމަނިކުފާނު މިހާރު ޖަލު ހުކުމް ތަންފީޒު ކުރަމުންދާއިރު، އެ ހުކުމުގެ އިސްތިއުނާފީ އަޑުއެހުންތައް ހައިކޯޓުގައި އެބަ ހިނގަ އެވެ.

ތިން ބާރު މަސްހުނިވެފައި، އިޔާދަ ނުކުރެވޭ ގެއްލުން ވެދާނެ!

މަޖިލީހުގެ އޭދަފުށީ މެމްބަރު ސަލީމް ވިދާޅުވީ، ތިން ބާރު ވަކިވެފައި ނިޒާމެއްގައި އެއްބާރުގެ މައްޗަށް އަނެއް ބާރުން ބާރުފޯރުވަމުންދާ ކަމަށެވެ. އެގޮތުން އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު އަދިވެސް މިނިވަން ވެފައި ނުވާއިރު، މަޖިލީހުން ސަރުކާރަށް ނުފޫޒު ފޯރުވަމުންދާކަމަށް ސަލީމް ވިދާޅުވި އެވެ. އަދި ޝަރުއީ ދާއިރާއަށް ސަރުކާރުންނާއި މަޖިލީހުންވެސް ނުފޫޒު ފޯރުވަމުންދާ ކަމަށާއި އެހެން ކަމުން ދައުލަތުގެ ތިން ބާރު މިނިވަން ކަމާއެކު މަސައްކަތް ނުކުރާ ކަމަށް ސަލީމް ތުހުމަތު ކުރެއްވި އެވެ.

"މިހާރު ފެންމުން މި ދަނީ ރައްޔިތުންގެ މަޖިލީހުން ސީދާ ގޮތެއްގައި ސަރުކާރުގެ ވަޒީރުންނަށް އިރުޝާދު ދެއްވަމުން ގެންދަވާ މަންޒަރު. މިއީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި އެހެން ބާރުތަކުން ސަރުކާރުގެ ކަންކަމުގެ ތެރެއަށް ވަންނަމުންދާ ކަމުގެ ހެކި،" މަޖިލީހުގެ ތިންވަނަ ދައުރެއް ފުރުއްވަމުން އަންނަ މައިނޯރިޓީ ލީޑަރު ސަލީމް ވިދާޅުވި އެވެ.

އެގޮތަށް ވާ ސަބަބެއްގެ ގޮތުގައި ސަލީމް ފާހަގަ ކުރެއްވީ، ސަރުކާރުގެ ހިންގުން ދޯދިޔާވުމާއި ސަރުކާރުގެ ގާނޫނީ ވާޖިބު އަދާނުކުރުން ކަމަށެވެ. ތިން ބާރު މިނިވަން ނުވުމުގެ ސަބަބުން ގައުމަށް އިޔާދަ ނުކުރެވޭ ގެއްލުން ލިބިދާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.

"މިކަމުގެ ސަބަބުން އިއާދަނުކުރެވޭ ވަރުގެ ގެއްލުން ގައުމަށް ލިބިދާނެ. ދުސްތޫރީ އިމުގެ ތެރޭގައިދައުލަތުގެ ތިން ބާރު މިނިވަން ކަމާ އެކު މަސައްކަތް ކުރާނެ ގޮތަކަށް ގައުމުގެ ކަންތައްތައް ތަރުތީބުކޮށް، އެކަންތައްތައް ކަށަވަރު ކުރުމަކީ ގާނޫނުއަސާސީގެ 106 ވަަނަ މާއްދާއިން ރައީސުލް ޖުމްހޫރިއްޔާ އަށް ލާޒިމުކުރާ ޒިންމާއެއް،" ސަލީމް ވިދާޅުވި އެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަނަށް ބަދަލު އަންނަން ޖެހޭ!

ޝަރުއީ ދާއިރާއަށް ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި އެންމެ މުހިއްމު ކަމަކީ ޝަރުއީ ދާއިރާ ސިޔާސީ ނުފޫޒުން މިނިވަން ކުރަން ޖެހޭ ޖެހުން ކަމަށް ސަލީމް ތަކުރާރު ކުރެއްވި އެވެ. އެގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލެވިފައިވާ ގޮތަށް ބަދަލު ގެންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ޝަރުއީ ދާއިރާއަށް ރައްޔިތުން އިތުބާރު އުފެއްދޭނީ އިހްލާސްތެރިކަމާއެކު ޝަރުއީ ނިޒަމް ހަރުދަނާ ކުރުމަށް ފުރުސަތު ދީގެން. ސަރުކާރުން ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުން ހުއްޓާލި ދުވަހަކުން. ސިޔާސީ ވަކިތަކުން ޖޭއެސްސީ ސަލާމަތް ކުރެވުނު ދުވަހަކުން،" އޭނާ ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ، ޖޭއެސްސީގައި ސިޔާސީ މީހުން ތިބޭހާ ހިނދަކު ޝަރުއީ ނިޒާމް ސިޔާސީ ނުފޫޒުން ވަކި ނުކުރެވޭނެ ކަމަށެވެ. އެގޮތުން ޖޭއެސްސީ އެކުލަވާލެވިފައިވާ ގޮތް ބަދަލު ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލު ގެނައުމަށް ސަލީމް ގޮވާލެއްވި އެވެ.

ހަމަހަމަ ހާރިޖީ ސިޔާސަތެއް ނެތް!

ގައުމެއްގެ ހާރިޖީ ސިޔާސަތާއި އެގައުމެއްގެ ސަލާމަތަކީ ގުޅި ލާމެހިފައިވާ ދެކަންތައް ކަމަށް ސަލީމް ވިދާޅުވެ އެވެ. އެގޮތުން ގައުމެއްގެ ސަލާމަތް ބައްޓަންވެގެން އަންނާނީ ހާރިޖީ ސިޔާތުގެ މައްޗަށްކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. ނަމަވެސް މިއަދު ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ހަމަހަމަކަން ގެއްލިފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ.

ސިޔާދަތަކީ، ގައުމެއްގެ ކަންކަން ނިންމުމަށް އެގައުމަކަށް ލިބިގެންވާ އިހްތިޔާރާއި ބާރު އެގަމަކަށް ލިބުން ކަމަށް ސަލީމް ވިދާޅުވި އެވެ. ނަމަވެސް މިއަދު އެ މިނިވަންކަން ގެއްލެން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހާރިޖީ ސިޔާސަތު މިވަނީ ބެލެންސް ގެއްލިފައި.. ރާއްޖޭގެ ސިޔާދަތީ ބާރު ކެޑެމުންދާކަމުގެ އިހުސާސް މިއަދު މިވަނީ ދިވެހިންނަށް ކުރަން ފަށާފައި. ރާއްޖޭގެ ސިޔާދަތީ ބާރު ގެއްލިއްޖެ ނަމަ ދިވެހިން އަޅުވެތިކަމަކަށް ދިޔުމުގެ ފުރުސަތު ބޮޑު،" ސަލީމް ވިދާޅުވިއެވެ.

މި ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ "އިންޑިއާ ފަސްޓް" ސިޔާސަތެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިނާޔަތްތައް ބޮޑު ކުރަން ގޮވާލި!

ސަލީމް ވިދާޅުވި ގޮތުގައި މި ސަރުކާރުން ވަނި ކުޑަ ކުދިންނަށް ރައްކާތެރި މާހައުލެއް ގައިމުކުރުމަށް އިހުމާލުވެފައި ކަމަށެވެ. އަދި ކުޑަ ކުދިންގެ ކަރާމާތާއި ރައްކާތެރިކަމަކީ މުޅި ގައުމުގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވީއިރު، އެކަން ކަށަވަރު ކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ. އަދި އެކަން ކޮންމެހެންވެސް ކަށަވަރު ކުރަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުޑަކުދިންނަށް ޖިންސީ ގޯނާއާއި ހިތާމަވެރިކަމެއް އެތަށްކަމެއް ހިނގަމުންދިޔައިރު، އެކަންކަމާ ގުޅިގެން ސަރުކާރުން އިސްވެ ބަހެއް ނުބުނުމަކީ ކުދިންގެ ހައްގުތަކާއި އެކުދިންގެ އިހްސާތަކާމެދު ސަރުކާރުން ޢާފިލުވަމުންދާކަމުގެ ހެއްކެއް،" ސަލީމް ވިދާޅުވި އެވެ.

ކުޑަކުދިންގެ ހައްގުތައް ކަށަވަރު ކުރުމުގައި ސަރުކާރާއި ޝަރުއީ ދާއިރާ ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށް ސަލީމް އިލްތިމާސްކުރެއްވި އެވެ.

"ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދެއްވަމުންގެންދަވާ އިނާއަތްތައް އިތުރު ކުރުމަށް އަޅުގަނޑު ގޮވާލަން،" ސަލީމް ވިދާޅުވި އެވެ.

"ޒީރޯ ޓޮލަރެންސް ސިޔާސަތު ފެއިލްވެފައި"

ކޮރަޕްޝަންގެ މައްސަލަތައް ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަމަށް ސަލީމް ވިދާޅުވި އެވެ. އަދި އެއީ ދިވެހިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ގްލޯބަލް ކޮރަޕްޝަން އިންޑެކްސްގައި 2019 ވަނަ އަހަރު ރާއްޖެ ހަ ދަރަޖަ ފަހަތަށް ގޮސްފައިވާކަން ސަލީމް ފާހަގަ ކުރެއްވި އެވެ.

"ވޭތުވެދިޔަ އަހަރު ކޮރަޕްޝަން އިތުރުވެގެން ދިޔުމަކީ ސަރުކާރުން ގެންގުޅޭ ޒީރޯ ޓޮލެރެންސް ސިޔާސަތު ފެއިލްވެފައިވާކަން. ކަރަޕްޝަންގެ ތުހުމަތު ދައުލަތުގެ މަތީފަންތީއާ ހަމައަށް ކުރެވުމަކީ، ރައްޔިންތުން ވަރަށް ކަންބޮޑުވާ ކަމެއް،" ސަލީމް ވިދާޅުވި އެވެ.

"ހަގީގީ ލާމަރުކަޒީ ނިޒާމަކީ، ރައްޔިތުންގެ ބާރުތައް ދިނުން"

ސަލީމް ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ މަހްފޫމް ރާއްޖެއަށް ތައާރަފްވީ މީގެ އެތައް އަހަރުތަކެއް ކުރިން ކަމަށެވެ. ނަމަވެސް ރައްޔިންތުންގެ އަތްމައްޗަށް ބާރުތައް ދޫކޮށްލުމުގެ ހިތްވަރު ބައެއް ވެރިން ކިބައިގެން ނެތް ކަމަށެވެ. އަދި އެއީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"21 ވަނަ ގަރުނުގެ ލާމަރުކަޒީ ނިޒާމުގައި ރަށުގެ ރައްޔިންތުން އެދޭ ގޮތެއްގެ މަތިން ރަށުގެ ގާބިލުކަން އުފައްދައިދޭން ޖެހޭ. ރަށުން އުފައްދާ އިގްތިސޯދީ ފައިދާ ކުރަންވާނީ ސީދާ ރަށަށް. ހަގީގީ ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންގެ ބާރުތައް ރައްޔިތުންނަށް ދޫކޮށްލުން،" ސަލީމް ވިދާޅުވި އެވެ.

ސަލީމްގެ އެ ވާހަކައާއެކު އެމްޑިޕީގެ މެމްބަރުން ސަލީމްއާ ދިމާކުރާ ރާގަކަށް އަޑުގަދަކުރެއްވި އެވެ. ލާމަރުކަޒީ ނިޒާމަކީ އެމްޑިޕީގެ އެއްޗެއް ކަމަށް އަބަދުވެސް އެޕާޓީން ދަނީ ބުނަމުންނެވެ.

ރާއްޖޭގެ އިގްތިސާދާއި ދުނިޔޭގެ އިގްތިސާދުގެ ދުވެލި ހުރި މިންވަރާ އަޅާ ބަލާއިރު މިއަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ސަރުކާރުން އަންދާޒާ ކުރެވޭ ވަރު ލިބޭނެ ކަމަށް ނުބެެލެވޭ ކަމަށް ސަލީމް ވިދާޅުވި އެވެ. ސަލީމް ވިދާޅުވީ، މި ސަރުކާރުން ރައްޔިންތުންނަށް ވެފައިވާ ވައުދުތައް ނުފުދެމުންދާއިރު، ދުވަހެއް ދުވަހަކަށް ގައުމުގެ އިގްތިސާދުވެސް ދަށަށް ދަމުންދާ ކަމަށެވެ.

ރިޔާސީ ބަޔާނުގެ ރައްދުގައި ސަލީމް އިތުރަށް ވިދާޅުވީ، މި ސަރުކާރުން ޓެރަރިޒަމް ހުއްޓުވަން އެހާ ސީރިޔަސް މަސައްކަތެއް ނުކުރާ ކަމަށެވެ. އަދި ސަރުކާރުގެ ބޯހިޔާވަހިކަމުުގެ ވައުދާއި އިންޓަނެޓް އަގުހެޔޮ ކުރުމުގެ ވައުދުވެސް ނުފުއްދޭކަމަށް ސަލީމް ވިދާޅުވި އެވެ.

"ގައުމުގެ މިސްރާބު ހުރި ކަމަށް ފެންނަނީ ތަހުޒީބު ކަމެއް ނެތް، އާރާސްތު ކަމެއް ނެތް، ބަނަ ދުނިޔެއަކަށް. މި މިސްރާބަށް ދަތުރު ކުރާނަމަ، ދިވެހިން ބޭނުންވާ މަންޒިލަކަށް ވާސިލް ނުވެވޭނެ. ގައުމުގެ މި ހާލަތު ބަދަލުކުރުމަށްރައްތިންތުންގެ ހައްގުގައި މަސައްކަތްކުރާނެ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ތިބޭނެ ކަމުގެ ޔަގީންކަން ދެން،" ސަލީމްގެ ރައްދު ނިންމާލައްވަމުން ވިދާޅުވި އެވެ.

comment ކޮމެންޓް