ދިވެހި އުފެއްދުންތަކަށް އިސްކަން ދިނުމަށް ފިނޭންސް މިނިސްޓަރު ގޮވާލައްވައިފި

ކުންފުނިތަކުން މުދާ ގަތުމުގައި ދިވެހި ވިޔަފާރިތަކަށާއި ދިވެހި އުފެއްދުންތަކަށް އިސްކަން ދިނުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ގޮވާލައްވައިފި އެވެ.

އެންމެ ކުރިއަރާފައިވާ ކުންފުނިތަކުގެ ކާމިޔާބީ ފާހަގަކުރަން ރޭ ބޭއްވި ގޯލްޑް 100 ގާލާ ނައިޓު ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ބޭރުން މުދާ ހޯދުމުގެ ބަދަލުގައި ދިވެހިންގެ އުފެއްދުންތައް ގަތުމަށް އިސްކަން ދޭން ޖެހޭނެ ކަމަށެވެ.

"ކުދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގައި ސަރުކާރުން މި ކުރާ މަސައްކަތުގައި ހުރިހާ ކުންފުނިތަކުގެ ބައިވެރިވުން ވެސް މުހިންމު. ބޮޑެތި ކުންފުނިތަކާއި އެހެން ވިޔަފާރިތަކުން ވެސް ބޭރުން މުދާ ގަތުމުގެ ކުރިން ދިވެހިންގެ އުފެއްދުންތަކާއި ޓެކްނޮލިޖީތަކަށް އިސްކަން ދޭން ގޮވާލަން." މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

މީގެ އިތުރުން އާ އުފެއްދުންތަކާއި ހިދުމަތްތައް ތައާރަފުކޮށް، ވިޔަފާރި ފުޅާކުރާއިރު ޅަފަތުގައި ހުންނަ ކުންފުނިތަކާ ގުޅިގެން މަސައްކަތް ކުރުމަށް ވެސް މިނިސްޓަރު އަމީރު ގޮވާލެއްވި އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގައި ބޮޑެތި ކުންފުނިތަކުން ދައުރު މުހިންމު ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއިރު، މި މަސައްކަތުގައި ސަރުކާރުން ކުރާ ބައެއް މަސައްކަތްތަކަށް ވެސް މިނިސްޓަރުގެ ވާހަކައިގައި އަލިއަޅުވާލެއްވެވި އެވެ.

"ކުންފުނިތައް ކުރިއެރުވުމަށްޓަކައި މި ސަރުކާރުން ދަނީ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކުރަން ކެނޑިނޭޅި މަސައްކަތް ކުރަމުން. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެސްޑީއެފްސީގެ ނަމުގައި ހާއްސަ ބޭންކެއް ހުޅުވައި، އެސްއެމްއީ ފަންޑެއް ވެސް ވާނީ ގާއިމުކޮށްފައި." މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށާއި ދަތިތަކުން އަރައިގަތުމަށްޓަކައި ދުރާލާ ވިސްނައިގެން ކުރިއަށްދާ ކުންފުނިތައް މުހިންމު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް