ފުވައްމުލަކު ސިޓީން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ ފުވައްމުލަކުން އައްޑޫއަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން މިއަދު މެންދުރު 1:00 އިން ފެށިގެން ހަވީރު 4:00 ހަމައަށް ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ.
މެޓް އޮފީހުން ބުނީ އެންމެ ދެކުނުގެ އަތޮޅުތަކަށް މިއަދު ގުގުރުމާއިއެކު ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
ނަމަވެސް އެހެން ހިސާބުތަކަށް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް މެޓުން ބުނެ އެވެ.
އިރުއުތުރާއި އިރުން، މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފަކުރެވޭއިރު އެހެން ހިސާބުތަކަށް ގަޑިއަކު ފަސް މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ މެދުތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ.