ނިއުދިއްލީގައި ކުރި މުޒާހަރާތަކުގައި 10 މީހުން މަރުވެ 150 މީހުން ޒަޚަމްވެއްޖެ

ދިއްލީގައި ކުރި މުޒާހަރާތައް

ނިއުދިއްލީ (ފެބްރުއަރީ 2020) : މުސްލިމުންނާމެދު ތަފާތުކުރާގޮތަށް ފާސްކޮށް އިންޑިއާގައި ދާދިފަހުން އަމަލުކުރަންފެށި ރަށްވެހި ކަމުގެ ގާނޫނު (ސީއޭއޭ) އާ ދެކޮޅަށް ނިއުދިއްލީގައި ކުރި މުޒާހަރާތަކެއްގައި 10 މީހުން މަރުވެ 150 މީހުން ޒަޚަމްވެއްޖެ އެވެ.

އެގާނޫނާ ދެކޮޅަށް ނިއުދިއްލީގައި ކުރަމުންދާ މުޒާހަރާތައް ހޫނުވެގެންދިޔައީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޑިއާއަށް ވަޑައިގެން އުޅުއްވަނިކޮށެވެ. މުޒާހަރާތައް އެންމެ ވަރުގަދަ ވެގެންދިޔައީ ނިއުދިއްލީގެ އިރުމަތީގައި އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ އާއި ޓްރަމްޕް ބައްދަލުކުރައްވަމުން ގެންދެވި އިރު އެދެބޭފުޅުން ތިއްބެވި ސަރަހައްދާ މާދުރުނޫން ހިސާބެއްގަ އެވެ.

މުޒަހަރާކުރި މީހުން ގޮވާލަމުން ދިޔައީ މުސްލިމުންނާމެދު ތަފާތުކުރާ އެގާނޫނު އުވާލުމަށެވެ. މުޒާހަރާތައް ހޫނުވެ ފުލުހުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން އާންމުންގެ ނުވަ މީހުންނާއި ފުލުހުންގެ އެކަކު މަރުވެ، 150 މީހުން ޒަޚަމްވި ކަމަށް ފުލުހުން ބުނެ އެވެ. މުޒާހަރާތައް ހޫނުވީ މުޒާހަރާކުރި މީހުންނާ ދެކޮޅަށް އިންޑިއާ ސަރުކާރަށް ތާއީދުކުރާ ހިންދޫ ހަރުކަށި ވިސްނުމުގެ މީހުން ނުކުމެ މުޒާހަރާތަކަށް ހުރަސްއަޅައި ހަރުކަށި އަމަލުތައް ހިންގަން ފެށުމުންނެވެ.

އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހު (ސީއޭއޭ) ބިނާވެފައި ވަނީ އިންޑިއާގައި ރަށްވެހިކަމުގެ ރަސްމީ ޙައިޘިއްޔތު ނެތި ޒަމާނުއްސުރެ ދިރިއުޅޭ އެތަށް މިލިޔަން މީހުންގެ ތެރެއިން ހަމައެކަނި މުސްލިމުންނަށް ރަށްވެހިކަން ނުދީ އެނޫން ދީންތަކުގެ އެންމެންނަށް ރަށްވެހިކަން ދިނުމުގެ މައްޗަށެވެ. އެގޮތަށް އުޅޭ މުސްލިމުންގެ ތެރެއިން ރައްވެހިކަން ދެނީ އެމީހުންގެ އަތުގައި އިންޑިއާ ސަރުކާރުގެ ލިޔެކިޔުންތައް ހުރި މީހުންނަށެވެ. ނަމަވެސް މިގޮތަށް އުޅޭ އެހެން ދީންތަކުގެ މީހުންނަށް ލިޔުންތައް ނެތް ނަމަވެސް އެ ގާނޫނުގެ ދަށުން އޮޓަމެޓިކުން ރަށްވެރިކަން ލިބެ އެވެ. އެހެންކަމުން އިންޑިއާގައި ދިރިއުޅޭތާ 60 ވަރަަކަށް އަހަރުވެފައިވާ މުސްލިމުންގެ ތެރެއިން ހަތަރު ވަރަކަށް މިލިޔަން މީހުން މި ގާނޫނުގެ ދަށުން އެގައުމުން ބޭރުވާންޖެހޭއިރު އެމީހުން ދާނެ އެހެން ގައުމެއްވެސް ނެތެވެ.

ސީއޭއޭ ދެކޮޅަށް އިންޑިއާގެ މުސްލިމުންނާއި ހިންދޫންގެ ތެރޭގައި ހިމެނޭ މެދުމިނުގެ މީހުންނާ އެނޫން ވެސް ހަމަ ގަބޫލުކުރާ ފަރާތްތަކުން ކުރަމުންދާ ސިލްސިލާ މުޒާހަރާތައް މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ވަރުގަދަކޮށްފައިވާއިރު، ހިންދޫންގެ ހަރުކަށި މީހުން ދަނީ މުޒާހަރާތަކާ ދެކޮޅަށް ވެސް ހަރަކާތްތެރިވެ މުޒާހަރާކުރާ މީހުންނަށް އަނިވާވެރި ހަމަލާތަކެއް ދެމުންނެވެ. މިހަރުކަށި މީހުންނަކީ ވެރިކަންކުރާ ބީޖޭޕީ އަޑީގައި އޮވެގެން ނެރޭ ބައެއް ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ.

މި ހަރުކަށި ފަރާތްތަކުން އިއްޔެވަނީ މުސްލިމުންނަށް ޖެއްސުން ކުރުމުގެ ގޮތުން ދިއްލީގެ މިސްކިތެއްގައި ހުޅުޖަހައި އަންދާލައި އެ މިސްކިތުގެ މުންނާރަށް ހިންދޫންގެ ބާތިލް އިއުތިގާދު ރަމްޒުކޮށްދޭ ދިދައެއްވެސް ނަގާފަ އެވެ. އިންޑިއާގައި މިހާރު ވެރިކަންކުރާ ބީޖޭޕީ އަކީ ހިންދޫންނަކީ މާ މާތް އަދި އެހެން މީހުންނަށް ވުރެ މަތިވެރި ބައެއްކަމަށް ދެކޭ ނަސްލީ އިމްތިޔާޒުގެ ހަރުކަށި ފިކުރެއް ކަމަށްވާ ރަސްތިޔާ ސްޔެޔަމް ސްވެކް ސަންހް (އާރުއެސްއެސް) ފިކުރުގައި ހައްދު ފަހަނަޅާފައިވާ މީހުންގެ ނުފޫޒު ގަދަ ޕާޓީއެކެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީއަކީ މިފިކުރުގައި ހައްދުފަހަނަޅާފައިވާ ބޭފުޅެއްގެ ގޮތުގައި އިންޑިއާގައި މަޝްހޫރު ބޭފުޅެވެ. އެކި ދީންތަކާއި އެކި އިއުތިގާދުތަކާއި އެކި ނަސްލުތަކުގެ މީހުންގެ މައްޗަށް ބިނާވެފައިވާ އިންޑިއާގައި މޯދީގެ ވެރިކަމުގައި މިފިކުރު ތަންފީޒުކުރަން އުޅޭތީ އިންޑިއާ ވަނީ ބޮޑެތި ހަމަނުޖެހުންތަކެއްގެ ތެރެއަށް ވެއްޓި އިގްތިސާދު ހީނަރުވާން ފަށާފަ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް