ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ކޮވިޑް-19 ވައިރަސް ކޮންޓްރޯލް ކުރެވޭނެ: ޗައިނާ

ބެއިޖިންގް (24 ފެބްރުއަރީ 2020) : ކުރިޔަށް އޮތް ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ކޮވިޑް -19 ވައިރަސް ޗައިނާގައި ކޮންޓްރޯލް ކުރެވޭނެކަމުގެ ޔަގީންކަން ބޮޑުކަމަށް އެގައުމުން ބުނެފި އެވެ.

ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނަށް ލަފާދެއްވާ އިސް މުސްތަޝާރު ޑރ. ޖޮންގް ނަންޝަން ވިދާޅުވީ ޗައިނާގައި އެ ރޯގާގައި މަރުވާ މީހުންގެ ރޭޓު އަދ ދަށަށް ނުދިޔަނަމަވެސް ކައިރި މުސްތަގްބަލެއްގައި ދަށަށްދާން ފަށާނެ އެވެ. ހުބެއި ޕްރޮވިންސް ފިޔަވައި އެހެން ޕްރޮވިންސްތަކުގައި ކޮވިޑް-19 ޕޮޒިޓިވްވާ މީހުންގެ އަދަދު ފާހަގަ ކުރެވޭ ވަރަށް މަދުވަމުންދާ ކަމަށާއި ހުބެއި ޕްރޮވިންސްގައި އަޅާފައިވާ ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކާ އެކު އަންނަ މަހުގެ ތެރޭގައި އެ ވައިރަސް ފެތުރޭވަރު ދަށަށްދާން ފަށާނެ ކަމަށް ޑރ. ނަންޝަން ވިދާޅުވި އެވެ. ނަމަވެސް މިކަމަށް ބޮޑެތިގޮންޖެހުންތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 ވައިރަހުގެ ސަބަބުން އިއްޔެ އެކަނި ވެސް ޗައިނާގައި 150 މީހުން ވަނީ މަރުވެފައިވެ އެވެ. މިއީ އެ ރޯގާ ޖެހިފައިވާ މީހުންގެ އަދަދަށް ބަލާއިރު ގާތްގަނޑަކަށް ދެ އިންސައްތައިގެ މިންވަރެކެވެ. އާދައިގެ ރޯގާތަކުގައި ވެސް ކޮންމެ އަހަރަކު އެތައް ހާސް ބަޔަކު ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މަރުވެ އެވެ. ޑރ. ޖޮންގް ނަންޝަން ވިދާޅުވީ ކޮވިޑް-19ގެ އައު ހާލަތްތައް ޗައިނާއިން ފެންނަ މިންވަރު ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ބޮޑުތަނުން މަދުވާނެ ކަމަށާއި އޭޕްރީލު މަހުގެ ތެރޭގައި އެ ރޯގާ ކޮންޓްރޯލް ކުރެވޭނެ ކަމުގެ ބޮޑު އުންމީދެއް އެބައޮތް ކަމުގަ އެވެ. އަދި އެޕްރީލް މަހުގެ ކުރީކޮޅު ކޮވިޑް-19 ކޮންޓްރޯލް ކުރެވޭނެ ކަމަށް ބަލައިގެން ޗައިނާގެ ކަމާބެހޭ އިދާރާތަކުން މަސައްކަތްތައް ރާވަމުންދާ ކަމަށާއި ނަމަވެސް އެކަމަށް ހުރި ގޮންޖެހުންތަކަކީ ބޮޑުކަމެއްކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ޗައިނާއިން ވަނީ 170 ބިލިޔަން ޑޮލަރުގެ ބަޖެޓެއް އެކަށައަޅާފަ އެވެ. މި ރޯގާގައި މަރުވާ މީހުންގެ އަދަދު ނިސްބަތުން މަދުނަމަވެސް އޭގެ ވައިރަސް ފެތުރިގެންދާ މިންވަރު އަވަސްކަމުން ޗައިނާގައިވަނީ ބޮޑު ބިރުވެރިކަމެއް އުފެދިފަ އެވެ. މިއާއެކު ޗައިނާގެ އިޤްތިޞާދަށް ވެސް ވަނީ ލޮޅުންތަކެއް އަރާފަ އެވެ. އިގްތިސާދަށް ލޮޅުންތައް އަރަމުންދާއިރު ޗައިނާގެ ބައެއް ކުންފުނިތަކުގެ މުވައްޒަފުން ވަނީ ކޮވިޑް-19 ފެނުމާގުޅިގެން ދިން ޗުއްޓީއަށް ފަހު އަނބުރައި މަސައްކަތަށް ނުކުތުމަށް ފަސްޖެހިފަ އެވެ.

އަނެއްކޮޅުން ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަންގެ ވެރިއެއްކަމަށްވާ ޒެންގް ޔިޒިން ވަނީ ކޮވިޑް-19 އާ ދެކޮޅަށް ބޭނުންކުރާނެ ވެކްސިނެއް އިޖާދު ކުރުމަށް ވެސް ގިނަ މަސައްކަތް ކުރަމުންދާ ކަމަށާއި އީޖާދުކޮށްފައިވާ ވެކްސިންވަނީ ޖަނަވާރު ބޭނުންކޮށްގެން ތަޖްރިބާގެ މަރުހަލާގައިކަމަށް ވިދާޅުވެފަ އެވެ. ކޮވިޑް-19 ވައިރަސް އަކީ 1949ގައި ޗައިނާއަށް ގެނައި ކޮމިއުނިސްޓް އިންގިލާބަށް ފަހު އެގައުމަށް ކުރިމަތިވި އެންމެ ބޮޑު ކާރިސާއެވެ. (ރޮއިޓާސް)

ގުޅޭ ޓެގު
comment ކޮމެންޓް