ވެށިފަހިން ބޯހިޔާވަހިކަން ހަމަނުޖެހި ތިބި މީހުންގެ މައުލޫމާތު ހިއްސާކުރަން އަންގައިފި

ކުރީގެ އަރަބިއްޔާ ހުރި ބިމުގައި އިމާރާތްކުރާ ފްލެޓުތައް ---

ދެހާސް ދިހަ ވަނަ އަހަރު ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއު "ވެށި ފަހި މާލެ ޕްރޮގްރާމް" ގެ ދަށުން މާލެއިން ބިން ދޫކޮށްލައި ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެކަން އަންގައި ލިޔުންދީފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް އިން އަންގައިފި އެވެ.

މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ޕްރޮގްރާމްގެ ދަށުން ބޯހިޔާވަހިކަން ނުލިބި ތިބި ހުރިހާ ފަރާތްތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި އެ މަސައްކަތް ކުރުމަށްޓަކައި ބޯހިޔާވަހިކަން ނުލިބި ތިބި ފަރާތްތަކުގެ ފުރިހަމަ މައުލޫމާތު ބޭނުންވާތީ، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން އަރަބިއްޔާ އާއި ގާކޮށިން ފްލެޓް ދޭނެ ކަމަށް ސަރުކާރުން ލިޔުން ދިނުމަށްފަހު ފްލެޓް ހަވާލުނުކުރެވިވާ ފަރާތްތަކާއި މާލޭގެ ބިންކޮޅު ދޫކޮށްލުމުން ހުޅުމާލެއިން ބިން ދޭނެ ކަމަށް ބުނެ ސަރުކާރުން ލިޔުންދީ ބިން ހަވާލުނުކުރެވިވާ ފަރާތްތަކުން މިނިސްޓްރީއާ މައުލޫމާތު ހިއްސާކުރަން ވަނީ އެދިފައެވެ.

މިނިސްޓްރީން ބުނީ ހުށަހަޅާ ހުށަހެޅުމާއެކު ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެ އިން ގޯތި ނުވަތަ ގާކޮށި އަރަބިއްޔާ އިބް ފްލެޓް ލިބޭނެކަން އެންގި ލިޔުމާއި، މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެކަން އަންގާ ދިން ލިޔުން ހުށަހަޅަން ވާނެ ކަމަށެވެ.

އަދި އެ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ދޫކޮށްލުމަށް އެއްބަސްވި ގޭގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަން ޖެހެއެވެ.

މިއަދުން ފެށިގެން މާޗު މަހުގެ 22 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހުރިހާ ލިޔުންތައް މިނިސްޓްރީއަށް ހުށަހަޅަން ވަނީ އެދިފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ ވެށިފަހި ޕްރޮގްރާމްގެ ދަށުން ބޯހިޔާވަހިކަން ދިނުމަށް އޭރުގެ ސަރުކާރުން ވައުދުވެ، އެއްބަސްވެފައިވާ ގޮތަށް، އެކަންތައްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

comment ކޮމެންޓް