އެގާއާ އެކު ލިވަޕޫލްގެ ސަޕޯޓަރުންނަށް އުފާވެރިކަން

ލިވަޕޫލުގެ ކުރީގެ ވައިސް ކެޕްޓަން ޑެނިއެލް އެގާއާ އެކު ރާއްޖޭގެ ލިވަޕޫލް ފޭން ކުލަބުން ކުރިއަށް ގެންދިޔަ ހާއްސަ ހަރަކާތުގެ ތެރެއިން --- ސަން ފޮޓޯ: އަހުމަދު ސައީދު

ރާއްޖޭގެ ހަރަކާތްތެރިވާ އެންމެ ބޮޑު ބައިނަލް އަގުވާމީ ފޭން ކުލަބު ކަމަށްވާ "އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބް އޮފް މޯލްޑިވްސް" އިން ބޭއްވި ބޮޑު އިވެންޓް ލިވަޕޫލްގެ ކުރީގެ ވައިސް ކެޕްޓަން ޑެންމާކުގެ ޑިފެންޑަރު ޑެނިއަލް އެގާއާ އެކު ރޭ ކުރިއަށް ގެންގޮސްފި އެވެ.

ސޯލްޓް ކެފޭގައި ރޭ ކުރިއަށް ދިޔަ މި ހާއްސަ ހަރަކާތުގައި ލިވަޕޫލް ސަޕޯޓަރުންގެ ކުލަބުގެ މެމްބަރުންގެ އިތުރުން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އަދި މި ހަރަކާތުގައި މުޅި އުމުރު ދުވަހު ލިވަޕޫލް ސަޕޯޓަރެއްގެ ގޮތުގައި ދެމިހުންނެވި ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ލިވަޕޫލުގެ ކުރީގެ ވައިސް ކެޕްޓަން ޑެނިއެލް އެގާއާ އެކު ރާއްޖޭގެ ލިވަޕޫލް ފޭން ކުލަބުން ކުރިއަށް ގެންދިޔަ ހާއްސަ ހަރަކާތުގެ ތެރެއިން --- ސަން ފޮޓޯ: އަހުމަދު ސައީދު

ޔޫރޮޕުގެ ޗެމްޕިއަން ލިވަޕޫލުގެ އޮފިޝަލް ފޭން ކުލަބެއްގެ ގޮތުގައި ރަޖިސްޓްރީ ވެގެން ރާއްޖޭގައި ހިންގާ އޯއެލްއެސްސީ މެމްބަރު ކުލަބުން މިއަހަރަށް އަމާޒުކޮށްގެން ބޮޑެތި ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ އިރު އެގާ އަކީ ރާއްޖޭގެ ފޭން ކުލަބަކުން ބޭއްވި ހަރަކާތަކަށް މިހާތަނަށް އައި ފުރަތަމަ ޕްރޮފެޝަނަލްކޮށް ކުޅެފަ ހުރި ކުޅުންތެރިއާ އެވެ.

ރޭގެ އެ ހަރަކާތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ވެސް ވަނީ އެގާއާ ސުވާލުކޮށް އެކީގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބިފަ އެވެ. އެގޮތުން ފޮޓޯ ނެގުމާއި ސޮއި ކުރުމުގެ ކަންކަން ވެސް ކުރިއަށް ދިޔަ އިރު އެގާ ވަނީ އޭނަގެ ފުޓުބޯޅަ ހަޔާތް ދިޔަ ގޮތާއި އޭނާގެ އުންމީދުތަކުގެ އިތުރުން މުސްތަގުބަލުގައި އޭނާ ކުރަން ރާވާފައިވާ ކަން ކަމުގެ ވާހަކަ ކިޔައިދީފަ އެވެ.

އެގާ ބުނީ ދުނިޔޭގެ އެންމެ ހިންގައިމު އެއް ގައުމުގައި މިފަދަ ހަރަކާތެއް ބޭއްވުމަކީ އުފާކުރާ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ރައީސްކަން ކޮށްފައި ހުރި ބޭފުޅަކާ އެކު މިފަދަ ގޮތަކަށް ވަގުތުކޮޅެއް ހޭދަކުރުމަކީ ލިބުނު ހިތްހަމަ ޖެހުމެއް ކަމަށެވެ.

ރޭގެ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ އެމަނިކުފާން ލިވަޕޫލަށް ސަޕޯޓްކުރައްވަން ފެއްޓެވީ 1960 ގެ އަހަރުތަކުގައި ކަމަށެވެ. އެހެން ނަމަވެސް އެ ދުވަސްވަރަކީ ޓީވީގެ ޒަރިއްޔާއިން މެޗު ބެލޭނެ ދުވަސްކޮޅެއް ނޫން ކަމުން މެޗުގައި ހިނގާ ކަންތައްތައް އަޑު އަހަނީ ރޭޑިއޯއިން ކަމަށެވެ.

ލިވަޕޫލުގެ ކުރީގެ ވައިސް ކެޕްޓަން ޑެނިއެލް އެގާއާ އެކު ރާއްޖޭގެ ލިވަޕޫލް ފޭން ކުލަބުން ކުރިއަށް ގެންދިޔަ ހާއްސަ ހަރަކާތުގެ ތެރެއިން --- ސަން ފޮޓޯ: އަހުމަދު ސައީދު

މީގެ އިތުރުން ރޭގެ އެ ހަރަކާތުގައި މައުމޫންއާއި ލިވަޕޫލް ސަޕޯޓަރުންގެ ފަރާތުން އެގާއަށް ވަނީ ހާއްސަ ހަދިޔާއެއް އަރުވާފަ އެވެ. އަދި ހަރަކާތް ނިންމާލުމުގެ ގޮތުން ލިވަޕޫލުގެ އޮފިޝަލް ޗާންޓްސް (ލިވަޕޫލުގެ ލަވަ) ބޮޑުބެރުގެ ރަހައަކާ އެކު ވަނީ ގެނެސްދީފަ އެވެ.

އަށް އަހަރު ވަންދެން ލިވަޕޫލަށް ކުޅެ 175 މެޗު ކުޅެދީ ނުވަ ގޯލު ޖެހި އެގާ އަންނަނީ ފުޓުބޯޅަ ކުޅުން ހުއްޓާލުމަށް ފަހު ލިވަޕޫލުގެ އެކި އެކި ޗެރިޓީ ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ. އެގޮތުން ލިވަޕޫލުގެ ލެޖެންޑުންގެ ޓީމަށް ކުޅުމާއި އެކި އެކި ގައުމުތަކުގައި ލިވަޕޫލުގެ ސަޕޯޓަރުން ބާއްވާ ހަރަކާތްތަކުގައި ވެސް ބައިވެރިވެ އެވެ.

comment ކޮމެންޓް